ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ ނޭޝަނަލް އޯކިޑް ގާޑަން އަށް ވަޑައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ނަމުން އޯކިޑަކަށް ނަން ދީފިއެވެ.

ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަން އަށް މިއަދު ހެނދުނު އެ ދެބަނބަލުން ޒިޔާރަތް ކުރެއްވުމުން އެ ތަނުގެ އޯކިޑް ގަހަށް ނަން ދިންކަމުގެ ލިޔުން އެ ދެކަނބަލުންނާ ހަވާލުކޮށް ދެއްވީ ނޭޝަނަލް އޯކިޑް ގާޑަންގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. ޓެން ޕުޔޭއެވެ.

ސިންގަޕޫރަށް ރަސްމީ ދަތުރުފުޅުތަކުގައި ވަޑައިގަންނަވާ އެހެން ގައުމުތަކުގެ ރައީސުންނާއި ފަސްޓް ލޭޑީންގެ ނަމުން ވެސް އެ ގާޑަންގައި އޯކިޑް ގަހަށް ނަން ދިނުމަކީ އެ ބޭފުޅުންގެ ޝަރަފުގައި ސިންގަޕޫރުން ކުރާ ކަމެކެވެ. އަދި މީގެ ކުރިން އެ ތަނަށް ވަޑައިގެންނެވި ރާއްޖޭގެ ކުރީގެ ބައެއް ރައީސުންނާއި ފަސްޓް ލޭޑީންގެ ނަމުން ވެސް އެ ގާޑަންގައި އޯކިޑް ގަހަށް ނަން ދީފައި އެބަހުއްޓެވެ.

ރައީސްގެ ދެކަނބަލުން އޯކިޑް ގާޑަންގައި ވަގުތުކޮޅެއް ހޭދަކޮށްލައްވައި މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ވަނީ ސޮއި ކުރައްވާފައެވެ.

ސިންގަޕޫރާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ބަދަހި ކުރިތާ 50 އަހަރު ފުރެން ދާއިރު، އަންނަ ބުދަ ދުވަހާ ހަމައަށް ސިންގަޕޫރުގައި ހުންނަވާނެއެވެ. އަދި ސިންގަޕޫރުގެ ރައީސާއި ބޮޑުވަޒީރާ ބައްދަލު ކުރެއްވުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެއެވެ.