ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނގައިން ނުފުއްދާ ވައުދެއް ނެތް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީގެ މައިނޯރިޓީ ލީޑަރުކަންވެސް ކުރައްވަމުންދާ ސިރާޖް މިފަދައިން ވިދާޅުވެފައި ވަނީ ކޮވިޑު ދުވަަސްވަރު ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ދައުލަތުގެ ދެ ކުންފުންޏެއް ކަމަށްވާ އެސްޑީއެފްސީ އަދި އެޗްޑީއެފްސީން ދޫކޮށްފައިވާ ލޯންތައް މާފުކޮށްދިނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކަމަށް ބުނެ ބައެއް ފަރާތްތަކުން ހަބަރު ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
ލޯންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާފުކޮށްދެއްވިކަން އިއުލާން ކުރެއްވީ ލ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ ބުރާސްފަތިި ދުވަހުގެ ރޭ އެ އަތޮޅު ފޮނަދޫއަށް ވަޑައިން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. އަދި އެ ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިގްތިސާދު ރަނގަޅުކުރުމަށްޓަކައި ފެށި މަސައްކަތުން ސަރުކާރުން ރައްޔިތުންނަށް ދައްކަން ވެފައި ހުރި ފައިސާ އާއި ބޭރުގެ ގައުމުތަކަށް ދައްކަން ޖެހޭ ފައިސާ ދައްކަމުން ގެންދާ ކަމަށާއި އަދި ހުއްޓިފައި ހުރި މަޝްރޫއުތައްވެސް ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.
ނަމަވެސް ބައެއް ފަރާތްތަކުން ބުނަމުންދާ ގޮތުގައި މި ލޯންތަކުގެ އިންޓަރެސްޓު ރޭޓު ވަނީ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން ފައިބާ ވަޑައިގަތުމުގެ ކުރިން މާފުކޮށްދެއްވާފައެވެ. އަދި އެކަމާ ގުޅޭ ލިއުންތަކެއްވެސް ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ. އެމްޑީޕީން އާންމު ކުރި އެ ލިއުމަކީ ނޮވެމްބަރު 15, 2023 ގެ ތާރީހުގައި އޭރުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވާފައިވާ ސިޓީއެކެވެ.
އެ ސިޓީގައި އޮތް ގޮތުން ކޮވިޑް ރިލީފް ލޯނުތަކުގެ އިންޓަރެސްޓްގެ ތެރެއިން 22 މިލިއަނަކީ ދައުލަތަށް ނުލިބޭނެ އެއްޗެއް ކަމަށް ކަނޑައަޅާ, އަދި އިންޓަރެސްޓުގެ ގޮތުގައި މަތީގައި ވާ ތާރީހާ ހަމައަށް ދައްކާފައި ވާ 23 މިލިއަނަކީ ލޯނުގެ ޕްރިންސިޕަލް އަދަދަށް ދެއްކި އެއްޗެއް ކަމުގައި ހަދާ އިތުރަށް ދެއްކިފައި ހުރި 1 މިލިއަން ރުފިޔާ އޭގެ ވެރިންނަށް އަނބުރާ ދައްކަން ރައީސް ސޯލިހު އިރުޝާދު ދެއްވާކަމަށް އެބައޮތެވެ. އަދި އެ ލޯނުތައް ދައްކަން އޮތް މުއްދަތު 10 އަހަރަށް ދަންމާލި ކަމަށް ވެއެވެ. ނަމަވެސް އޭގެ އަމަލީ ސިފައެއް ފެންނާކަށް ނެތެވެ.
އެކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީގެ މެންބަރު މޫސާ ސިރާޖު މިއަދު އެކްސްގައިި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސޯލިހު އަނގައިން ނުފުއްދާ ވައުދެއް ނެތް ކަމަށެވެ. "ސޯލިހު އަނގައިން ނުފުއްދާ ވައުދެއް ނޯވޭ. އަމަލީ ގޮތުން އެެއްވެސް ކަމެއްގައި އަމަލީ ފިޔަވަޅެއް އަޅާފައި ނޯވޭ." ސިރާޖުގެ ޕޯސްޓުގައި ވެއެވެ.
އަދި އެމްޑީޕީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ސިރާޖް ވިދާޅުވީ ސޯލިހު އަނގައިން ލާމު އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓަކާއި ސީ ޕޯޓެއްވެސް އަޅާފައިވާ ކަމަށެވެ. "ސޯލިހު އަނގައިން ލާމު އަތޮޅުގައި އިންޓަނޭޝަނަލް އެއަރޕޯޓަކާ ސީ ޕޯޓެއްވެސް އަޅާފައި އެބައޮތް." ސިރާޖު ވިދާޅުވިއެވެ.
.ކައްދޫ އެއާޕޯޓް ބައިނަލްއަގްވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ރައީސް ސޯލިހު ވަނީ 2020 ވަނަ އަހަރު އިއުލާން ކުރައްވާފައެވެ. ނަމަވެސް އެކަމާ ގުޅޭ އަމަލީ މަސައްކަތެއް ކުރައްވާފައިި ނުވެއެވެ.