ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހްމަދު ސަލީމް އެ މަގާމުތަކުން ވަކިކުރުމަށް ސަރުކާރު ކޯލިޝަނުގެ މެންބަރުންގެ ފަރާތުން ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފިއެވެ.

އަސްލަމާއި ސަލީމް ވަކިކުރަން ސަރުކާރު މެންބަރުން ހުށަހެޅި މައްސަލައިގައި މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ދެ ބޭފުޅުންނަށް ނޯޓިސް ވެސް ފޮނުވާފައި ވަނިކޮށް، އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާކަން ސަރުކާރު މެންބަރުންގެ ފަރާތުން ހާމަކުރައްވައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާކަން މަޖިލީހުގެ އިދާރާގައި ދަންނަވާފައިވާ ކަމަށެވެ.

ބައެއް މީޑިއާގައިވާ ގޮތުން، މައްސަލަ އަނބުރާ ގެންދިއުމަށްޓަކައި ސަރުކާރު މެންބަރުން ހިމެނޭހެން 13 މެންބަރަކު ވަނީ ސޮއި އަނބުރާ ނަންގަވައިފައެވެ.

ނަމަވެސް 'އެކްސް'ގައި އެކަން ހާމަކުރައްވައި ސިރާޖު ކުރެއްވި ޕޯސްޓުގައި މައްސަލަ އަނބުރާ ގެންދިޔަ ސަބަބާއި، ސޮއި ނެންގެވި މެންބަރުންގެ ތަފްސީލެއް ހާމަނުކުރައްވައެވެ. މިކަމާ ގުޅިގެން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމަށާއި މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު އަށް މެސެޖުކުރުމުން ޖަވާބެއް ނުދެއްވާތީ އިތުރު ތަފްސީލު ލިބޭ ގޮތެއް ނުވިއެވެ.

އަސްލަމާއި ސަލީމް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާކަން ސިރާޖު މިއަދު ހާމަކުރެއްވީ، އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު މެންދުރުފަހު 1:30 އަށް ބައްދަލުވުމެއް ތާވަލުކޮށްފައި އޮއްވައެވެ.

އަސްލަމާއި ސަލީމް ވަކިކުރުމަށް ހުށަހެޅި މައްސަލައިގައި ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ މެންބަރުން ބުނީ، ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މަޖިލީހުގެ މެންބަރުން އަމަލުކުރަންވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔަށް އިސްކަންދީގެން ކަމާއި، ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް ދެ ބޭފުޅުން ވެސް އެ މާއްދާ އާ ތަކުރާރުކޮށް ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ.

ނިމިދިޔަ މަހުގެ 28 ގައި ހުށަހެޅި މައްސަލަ އިތުރަށް ތަފްސީލުކޮށް އެ ކޯލިޝަނުން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 200 ވަނަ މާއްދާގައިވާ ގޮތުން:

  • މަޖިލީހުގެ ކޮމިޓީއެއްގެ މަސައްކަތެއް ނިންމިގޮތް ތައްޔާރުކުރާ ރިޕޯޓެއް މަޖިލީހުގެ ރައީސަށް ލިބުމުން، އެންމެ އަވަހަށް ބާއްވާ ޖަލްސާއެއްގެ އެޖެންޑާގައި އެ ރިޕޯޓާ މެދު ގޮތެއް ކަނޑައެޅުން ހިމަނަން ވާނެ
  • ރިޕޯޓަށް ބަހުސްކުރުމަށް މަޖިލީހުގައި ތަމްސީލުކުރާ ކޮންމެ ޕާޓީއެއްގެ އެއް މެންބަރަކަށާއި މިނިވަން އެއް މެންބަރަށް ޖުމްލަ 30 މިނެޓުގެ ފުރުސަތެއްދީ ތަޅުމުގައި ވޯޓަށް އަހަން ވާނެ
  • މަޖިލީހުން ރުހުންދިނުން ފެންނަ ކަމަށް ނުވަތަ ނުފެންނަ ކަމަށް ބަޔާންކޮށް ލިޔެފައިވާ ކޮމިޓީގެ ރިޕޯޓަކާ ބެހޭ ގޮތުން މަޖިލީހުގައި ވޯޓެއް ނަގަން ވާނީ އެ ރިޕޯޓެއް މެންބަރުންނަށް ފޮނުވުމަށް ފަހު ތިން ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު

އެކަމަކު މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމައި، އެ ކޮޮމިޓީގެ މެންޑޭޓުގެ ދަށުން ހުށަހެޅި ނަމަވެސް، އަސްލަމާއި ސަލީމް އެ މައްސަލަ ތާވަލުކުރެއްވީ ކޮމިޓީގެ ރިޕޯޓު ލިބުނުތާ އަށް ދުވަސް ފަހުން ކަމަށާއި، ރިޕޯޓަށް ބަހުސްކުރާނެ ފުރުސަތެއް ނުދެއްވައި، ކޮމިޓީ އަށް ރިޕޯޓު ފޮނުވާލެއްވީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް، އެ މައްސަލައިގައި ބުންޏެވެ.

އެހެންކަމުން އަސްލަމާއި ސަލީމްގެ މައްޗަށް އިތުބާރުނެތް ކަމަށް ސަރުކާރު މެންބަރުންގެ ފަރާތުން ހުށަހެޅީ 23 މެންބަރެއްގެ ސޮޔާ އެކުގައެވެ.