ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު މޫސާ ސިރާޖު، އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.

2019 ވަނަ އަހަރު އެމްޑީޕީގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރުކަމަށް އިންތިހާބުވެވަޑައިގަތް ސިރާޖު، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އެމްޑީޕީގައި ހުންނަވަން އިތުރަށް ބޭނުންނުވާ ކަމަށެވެ.

އެހެންކަމުން ޕާޓީގެ ދަފްތަރުން އޭނާގެ ނަން އުނިކޮށްދެއްވުމަށް އެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ހެދި، އެމްޑީޕީން ސިރާޖު ވަކިވެވަޑައިގަތުމަށް އުޅުއްވާ ކަމުގެ އަޑުތައް އޭރު ފެތުރުނެވެ. ނަމަވެސް ހިޔާލު ތަފާތުވުންތައް އުފެދުނު ދުވަސްވަރު އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީގައި ސިރާޖު އެރުއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެއްކޮޅަށެވެ.

އޭގެ ފަހުން އެމްޑީޕީގެ ހަރަކާތްތަކާ ދުރުގައި ސިރާޖު ހުންނެވި ނަމަވެސް، ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ގެންދެވިއެވެ.

ބެލެވޭ ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި ސިރާޖު ދެން ގުޅިވަޑައިގަންނަވާނީ އިދިކޮޅު ޕީޕީއެމާއެވެ.