ސަރުކާރު ތަމްސީލު ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރަކަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ހަމަޖައްސައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރަކަށް ސިރާޖް ހަމަޖައްސާފައިވާކަން އެ ޕާޓީއިން މިދިޔަ ބުދަ ދުވަހު އަންގާފައިވާ ކަމަށެވެ.

ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރަކަށް ސިރާޖް ހަމަޖައްސާފައި މި ވަނީ އެ މަގާމުގައި ހުންނެވި ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު އާބަންކޯގެ އެމްޑީގެ މަގާމާ ހަވާލުވުމަށް މިދިޔަ ހަފްތާގައި މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.

ސިރާޖު މަޖިލީހަށް އިންތިހާބުވެވަޑައިގެންފައި ވަނީ އެމްޑީޕީގެ ޓިކެޓުގައެވެ. ނަމަވެސް އޭނާ ވަނީ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އެ ޕާޓީއިން ވަކިވެވަޑައިގެންފައެވެ. އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކުގައި ސިރާޖު ވަނީ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންފައެވެ.

މަޖިލީހުގައި މިހާރު ތިއްބެވީ ސިރާޖު ހިމެނިވަޑައިގަންނަވާހެން ސަރުކާރު ތަމުސީލު ކުރާ ޕާޓީ ޕީއެންސީ 2 މެންބަރުންނެވެ. ސިރާޖުގެ އިތުރުން ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ދެން ހުންނެވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕީޖީ ލީޑަރުގެ ގޮތުގައި ހުންނެވީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އެވެ. އަދި މައިނޯރިޓީ ޕާޓީ ދަ ޑިމޮކްރެސްޓް ޕާޓީގެ ޕީޖީ ލީޑަރުގެ ގޮތުގައި ހުންނެވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.