ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

މުއިއްޒުއަށް ތާއީދު ކުރަން ނިންމެވިކަން އިއުލާނު ކުރައްވާ ސިރާޖު ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލާމު އަތޮޅުން އެމްޑީޕީ ކެންޑިޑޭޓް ކުރި ހޯދިކަމުގައިވީ ނަމަވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެކަން ބަދަލުކުރާނެ ކަމަށެވެ.

ސިރާޖު މިއަދު އެމްޑީޕީއިން ވަކިވެ ވަޑައިގެން އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއީލް އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަވަން ބޭނުންވެ ވަޑައިނުގަންނަވާތީ، މިއަދުން ފެށިގެން އޭނާގެ ނަން އެމްޑީޕީގެ ދަފްތަރުން އުނިކޮށްދޭން އެދިވަޑައި ގަންނަވާ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ ޕާޓީ ދެކަފިވެގެން ދިޔައިރު ސިރާޖު ހުންނެވީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަޅީގައެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ތާއީދުކުރައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

ސިރާޖަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމްޑީޕީއިން ވަކިވެވަޑައިގެން، އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމެވި ފުރަތަމަ މެންބަރެވެ. ސިރާޖު 2019ގައި ސިޔާސީ ދާއިރާއަށް ނުކުންނެވުމުގެ ކުރީގައި މަސައްކަތް ކުރެއްވީ ގާނޫނީ ވަކީލެއްގެ ގޮތުގައެވެ.