ނިމިދިޔަ ސަރުކާރުން ބާރު ސްޕީޑުގައި ހިންގަމުން ދިޔަ އެތައް މަޝްރޫއެއް މި ސަރުކާރު ވެރިކަމަށް އައިސް ވޭތުވެދިޔަ ހަތަރު މަސް ތެރޭ ހުއްޓާލަފައިވާ ކަމަށް ބުނެ އެމްޑީޕީން މި ސަރުކާރަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވައި މަޝްރޫއުތައް ހިންގަމުން އަންނަ ގޮތުގެ ތަފްސީލް ހާމަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިދިކޮޅަށް ހޫނު ރައްދެއް ދެއްވައިފިއެވެ.
ރޭގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުއއްިޒު ވަނީ މިރޭ ތަފްސީލްތަކާއެކު އެމްޑީޕީން ހަދާ ދޮގުތައް ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން މިރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ ސަރަހައްދުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން އިރު ވެސް އެމްޑީޕިން ވަނީ ހިންގަމުން ދިޔަ އެތައް މަޝްރޫއެއް ހުއްޓާލާފައި ކަމަށެވެ.
އެގޮތުން ގިނަ މަޝްރޫއުތައް ހުއްޓާލާފައި ވަނީ ފައިސާ ނުދެއްކިގެން ކަމަށާއި އަދި އެއްކޮޅަށް ފައިދާ ވާ ގޮތަށް ހަދާފައިވާ އެގްރިމެންޓްތަކުގެ ސަބަބުން އެތައް ފަހަރަކު ކޮންޓްރެކްޓަރުން އެޑްވާންސް ފައިސާ ނެގުމަށްފަހު މަސައްކަތް ނުކޮށް ފިލައިގެން ދިއުމުން ހުއްޓިފައި ހުރި މަޝްރޫއުތައް ވެސް އެބަހުރި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ފައިސާ ނުދީގެން ހުއްޓާލަން ޖެހނު މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން މުއިއްޒު ވިދާޅުވީ، އެ ސަރުކާރުން 9000 މިލިއަން ރުފިޔާގެ ފައިސާ އެކި ކުންފުނިތަކަށް ނުދީ ހުރި ކަމަށެވެ. ހުއްޓިފައި މަޝްރޫއުތަކުގެ ތަފްސީލް ހާމަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، ފެނާ ނަރުދަމާގެ މަޝްރޫއުތަކުގެ 27 މަޝްރޫއެއް ނިމިދިޔަ ސަރުކާރުން ހުއްޓާލާފައިވާ ކަަމަށާއި ނަމަވެސް މި ސަރުކާރު އައި ފަހުން ފެނާ ނަރުދަމާގެ މަޝްރޫއޫގެ 74 މަޝްރޫއެއް މިހާރު މުޅި ރާއްޖޭގައި އެބަ ހިނގާ ކަަމަށް މުއއިްޒު ވިދާޅުވިއެވެ.
ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، އެއްގަމު ތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 30 މަޝްރޫއެއް ހުއްޓާލާފައި ވާއިރު، މި ސަރުކާރުން މިހާރު އަންނަނީ މިފަދަ 90 މަޝްރޫއު އެބަ ހިންގަމުން ކަމަށް ރައީސް ވިދާޅުވިއެވެ. އެއާޕޯޓް ހެދުމުގެ މަޝްރޫއު 7 ރަށެއްގެ މަޝްރޫއު ހުއްޓިފައި ކަމަށާއި ނަމަވެސް މިހާރު އެ 7 މަޝްރޫއު ވެސް ފަށައިގެން ކުރިއަށް ދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މަގު ހެދުމުގެ މަޝްރޫއު 17 ރަށެއްގެ މަސައްކަތް ނިމިދިޔަ ސަރުކާރުން ހުއްޓާލާފައިވާ ކަން ފާޙަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، މިހާރު 26 ރަށެއްގައި މަގު ހެދުމުގެ މަޝްރޫއު އެބަ ހިނނަގާ ކަމަށެވެ. ހަމައެއާއެކު ދަނޑުތަކާއި ކޯޓުތައް ހެދުމުގެ 84 މަޝްރޫއު ހުއްޓާލާފައި ވާއިރު، 71 މަޝްރޫއު ފަށާފައިވާނެ ކަމަށާއި އޭގެ ތެރެއިން ބައެއް މަޝްރޫއު ނިންމައި މިހާރު 48 މަޝްރޫއު ދަނީ ކުރިއަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިސްކިތް ހެދުމުގެ 20 މަޝްރޫއެއް މިދިޔަ ސަރުކާރުން ހުއްޓާލާފައި ވާއިރު، އެ މަސައްކަތް ފަށައި އާ މަޝްރޫއުތަކާއެކު 42 މިސްކިތްތަކުގެ މަޝްރޫއެއް ފަށައިގެން ކުރިއަށްދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން ތައުލީމީ ދާއިރާއަށް ބަލާއިރު 90 މަޝްރޫއު އޮތީ ހުއްޓިފައި ކަމަށާއި ނަމަވެސް މި ސަރުކާރުން އައިސް މިހާރު ތައުލީމީ ދާއިރާއާ ގުޅުން ހުރި 217 މަޝްރޫއެއް ކުރިއަށް ގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ގެދޮރުވެރިކަމުގެ ދާއިރާއިން، ހުޅުމާލޭގައި ހިންގާ ފަހި ދިރިއުޅުމުގެ މަޝްރޫއާއެކުގައި ޖުމްލަ 527 މަޝްރޫއު މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަ ހިނގާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން މަޝްރޫއުތައް ހުއްޓާލި ކަމަށް ތުހުމަތުކޮށް އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން މުއިއްޒު ވިދާޅުވީ، ދޮގު ވާނީ ދޮގަށް ކަމަށާއި ހަގީގަތަކީ ލޯ ކުރިމައްޗަށް ފެންނަން ހުންނަ އެއްޗެއް ކަމަށެވެ. އެމަނިކުފާނު ދިގު ނުހައްދާޥާނެ ކަމަށާއި ތެދުބަހުން އަމާނާތްތެރިކަމާއި އިހްލާސްތެރިކަމާއެކު ނޫނީ އެމަނިކުފާނު ވާހަކަ ނުދައްކަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ގައުމުގެ ހަމަޖެހުން ގާއިމް ކުރުން އެއީ ވީ އެންމެ މުހިއްމު އެއް ވައުދު ކަމަށާއި ބަދަލު ހިފުމުގެ ރޫހު އިސްކޮށް، ސިޔާސީ މަގާމުތަކުގައި ތިބި މީހުން ހައްޔަރުކުރުން އެއީ ވެސް އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ. ބަދަލު ހިފުމުގެ ރޫހު ނައްތާލައި ހަމަޖެހޭ ގައުމެއްގެ ގޮތުގައި މި ގައުމު ކުރިއަށް ގެނެދެވެން އޮތީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރައްޔިތުންގެ ވޯޓުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. ބަދަލު ހިފުމުގެ ރޫހު އޮތް ބައެއްގެ އަތް މައްޗަށް ރައްޔިތުން މަޖިލީހުގެ ރޫހު ދޫކޮށް ނުލުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ވެރިކަމަށް ވަޑައިގެން އެމަނިކުފާނު ވެވަޑައިގެން ވައުދުތައް ހުންނާނީ ފޮތެއްގައި ލިޔެ ނެރެފައި ކަމަށާއި އެއްވެސް ކަމެއް ފޮރުވާފައި ނުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ވައުދުތައް ފުއްދައި ކުރާ މަސައްކަތުން ނަތީޖާ ނެރުމަށް މަޖިލީހުގައި ސަރުކާރާ އެކު މަސައްކަތް ކުރާނެ ފަރާތްތައް ހޮވުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މަޖިލިސް ބޭނުންވަނީ ގައުމީ ވިސްނުމުގައި ދިވެހީންގެ ރާއްޖެ ހަގީގަތަކަށް ހެދުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. ރާއްޖޭގެ މިނިވަންކަން ޔަގީން ކުރެވޭނީ، ދިވެހީންގެ ކަންކަން އިސްކުރާނެ ބަޔަކު މަޖިލީހަށް ހޮވައިގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.