ދިވެހިންނަކީ ހުނަރުވެރި، ކެރުންތެރި ބައެކެވެ. އެކަން ހާމަވާނެ އެތައް ސަބަބެއް ފެންނަން އެބަ ހުއްޓެވެ. ދިވެހިންގެ މުއްސަނދި އާދަކާދައާއި ސަގާފަތާއި އިހު ދިވެހީންގެ ދިރިއުޅުމުގެ ކޮންމެ ކަމަކީވެސް އެ ފަދަ މިސާލުތަކެވެ. ކާތަކެތި ތައްޔާރު ކުރުމާއި ކާތަކެތި ފަހަށް ރައްކާކުރުމުގައިވެސް ދިވެހިންނަކީ ނަމޫނާ ބައެކޭ ބުނެވިދާނެއެވެ. ކާބޯތަކެއްޗަށް ދަތިވެއްޖެ ނަމަ ކެވޭނެ ތަކެތި ވެސް ވުޖޫދު ކުރި ފަހުރުވެރި ބަޔަކަށް ދިވެހިންވެއެވެ.
އެގޮތުން އޭރުގައި ބަނބުކެޔޮ ހިއްކައިގެން ބެހެއްޓުމަށްފަހު، ފަހަށް އެ ތަކެތި ބޭނުންކޮށް އުޅުނެއެވެ. ބައެއް ރަށްރަށުގައި މިހާރުވެސް އެތަކެތި މަދުން ނަމަވެސް ބޭނުން ކުރަމުން އައި ނަމަވެސް ކުމުންދޫ އަކީ ހިއްކި ބަނބުކޭލުން ގިނަ ބާވަތްތައް މިހާރުވެސް ތައްޔާރު ކުރަމުން އަންނަ ރަށެކެވެ.
ހިއްކި ބަނބުކެޔޮ ތައްޔާރު ކުރަން ބޭނުންވަނީ ހަމައެކަނި ބަނބުކޭލެވެ. އެ ރަށު އުމުރުން 59 އަހަރުގެ އާމިނަތު ވަހީދާ ވަނީ ހިއްކި ބަނބުކެޔޮ ތައްޔާރު ކުރާ ގޮތް ވެސް ދައްލާކާފައެވެ.
ވަހީދާ ބުނީ ފުރަތަމަ ފެންގަނޑު އުދުމަށްފަހު ބަނބުކެޔޮ ދެ ފަޅިއަށް ފަޅާލައި، މަށާނީ ކަމަށާއި ފެންގަނޑު ކެކުމުން ފެން ގަނޑު ތެރެއަށް އެ ކެޔޮ ފަޅިތައް އަޅާލާނީ ކަމަށެވެ. އެއަށްފަހު އެ ކެޔޮ ފަޅިތައް ރީއްޗަށް މަޑުވުމުން ފެން ގަނޑުން ނަގާ، އޭގެ ކަރުގަނޑު ޖެގުމަށްފަހު ދިގަށް، ފޮތި ފޮއްޗަށް ކޮށާލާފައި ދުމަށީގައި ރީއްޗަށް އަތުރާލާނީއެވެ.
އަތުރާލުމަށްފަހު ދަށުން އަލިފާން ރޯކޮށްފައި އަލިފާން އަންދާފައި މަޑުގިނީގައި ބަނބުކެޔޮތައް ރީއްޗަށް ހިއްކާލާނީ ކަމަށް ވަހީދާ ކިޔައިދިނެވެ. އަދި ޖެހިގެން އަންނަ ދުވަހު އެ ކެޔޮތައް އަތްވަށްލާނީ ކަމަށާއި ނުވާ ނުވާ ވަރަށް ކޮންމެ ދުވަހު އަތްވަށްލައިގެން ރީއްޗަށް އެ ބަނބުކެޔޮތައް ހިއްކާލުމުން އެ ހުރީ ހިއްކިބަނބުކެޔޮ ތައްޔާކުރެވިފައި ކަމަށް ވަހީދާ ބުންޏެވެ.
ހިއްކި ބަނބުކެޔޮ ހަދާތާ ކިހާ ދުވަހެއްވަފައިވާކަން ބުނެދޭނެ ނޭނގޭކަން ފާހަގަކުރަމުން ވަހީދާ ބުނީ އޭނާ ހަނދާން ހުންނަ ފެށީންސުރެވެސް އޭނާގެ މަންމަމެން ހިއްކި ބަނބުކެޔޮ ހަދާ ކަމަށެވެ.
ހިއްކި ބަނބުކެޔޮ ފަހަށް ރައްކާކުރާއިރު އެތަކެއްޗަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރެވޭނެ އެއްޗެކެވެ. ވަހީދާ ބުނީ ހިއްކި ބަނބުކެޔޮ ކާން ބޭނުންވުމުން އަނެއްކާ ރީއްޗަށް ދޮވެލާފައި ފެނަށް އަޅައިގެން މަޑުވަންދެން ކައްކާލާނީ ކަމަށެވެ.
ވަހީދާ ބުނީ ކުމުންދޫގައި ހިއްކި ބަނބުކެޔޮ މަޑުކޮށްފައި ގަރުދިޔައާއި ހުންޏާއި މިރުހާއި ލުނބޯ އަދި ފިޔާ އަޅައިގެންނާއި ކުއްޅާ ފިލާފަތް މޮޑެގެން ކައި އުޅޭ ކަމަށެވެ. އަދި ހިއްކި ބަނބުކެޔޮލަކީ ކުމުންދޫގައި ވަރަށް މީރުކޮށް ކާން ބޭނުންކުރާ ކާ އެއްޗެއް ކަމަށްވެސް އޭނާ ބުނެއެވެ. އަދި ހިއްކި ބަނބުކެޔޮ ރީއްޗަށް މަޑުކޮށް ހަކުރު އަޅައިގެން ބޯ ކޮށްގެން ކާއްޓާއެކު ކާން ބޭނުންކުރާއިރު ތުނިކޮށް ކޮށާ، ހަކުރާއި ހުނި އަޅާގެން މޮޑެގެންވެސް ކާ ކަމަށް ވަހީދާ ކިޔައިދިނެއެވެ.
އޭގެ އިތުރުން ހިއްކި ބަނބުކެޔޮލުގައި ރިހަވެސް ކައްކައެވެ. ވަހީދާ ބުނީ ރިހަވެސް ހަދަނީ ކޮށާފައި މަޑުކޮށްގެން އެހެން ހަވާދޫ ރިހަތައް ކައްކާހެން ކަމަށެވެ.