ބޮޑުމިނުގައި 358.6 ހެކްޓަރު ހުރި ހައްދުންމަތީ އިސްދޫ އަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރިވި ރަށެވެ. މި ރަށަކީ ގުދުރަތީ މުއްސަނދިކަމުން ފުރިގެންވާ އަދި އާސާރީ ގޮތުންވެސް ވަރަށް މުހިންމު ރަށެކެވެ. އިސްދޫގެ އާސާރީ ތަންތަނާއި ތަކެތިން ދިވެހިރާއްޖޭގެ ކުރީގެ ސަގާފަތާއި ތާރީހު ދެނެގަނެވެއެވެ. ދިވެހިރާއްޖޭގެ އެންމެ ގަދީމީ ލިޔުންތަކުގެ ތެރޭގައި ހިމެނޭ އެއް ލިޔުންވެސް ނިސްބަތް ވަނީ އިސްދޫ އަށެވެ. އެއީ 1194 ނުވަތަ 1195 ގައި ލިޔެވުނު އިސްދޫ ލޯމާފާނެވެ.
އެގޮތުން އިސްދޫ ހުކުރު މިސްކިތް ބިނާކުރެވުނު ވާހަކަ އާއި، ރުހުމުގައި އިސްލާމްވި މީހުންނާއި އިސްލާމް ނުވި މީހުންނާއި އިސް ހާމުދުރާއި އޭނާގެ އެހީތެރިންނާ މެދު ކަންތައް ކުރެވުނު ގޮތުގެ ވާހަކަވެސް އިސްދޫ ލޯމާފާނުގައި ބަޔާންކުރެވިފައި ވެއެވެ. އެހެންކަމުން މިއީ ރާއްޖޭގެ ތާރީހުގެ މުހިންމު ސޮފްހާއެކެވެ.
މި ތަންތަނުގެ އިތުރުން ޒަމާނުންސުރެ އިސްދޫގައި އޮންނަ ބޭސްކުޅީގެ ހަގީގަތް އިނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ މިއީ ރާއްޖޭގައި އޮތް ހަމައެކަނި ބޭސްކުޅި އަށް ވާއިރު މިތަނަކީ އަޖައިބުކުރުވަނިވި ތަނެކެވެ. މިތަނާ ގުޅޭ ގޮތުން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އިސްދޫގެ ކައުންސިލް މެމްބަރު އިބްރާހިމް ހަމީދް (އެޗްޑީ) ވިދާޅުވީ މި ތަނަކީ ރާއްޖޭގެ އެހެން ކުޅިތަކާއި ޗަކަ ބިންތަކާ ވަރަށް ތަފާތު ކުޅި އެއް ކަމަށެވެ.
އިސްދޫ ބޭސްކުޅިން ހަމުގެ ބަލިތަކަށް ޝިފާލިބޭ
ކައުންސިލަރު ހަމީދު ވިދާޅުވި ގޮތުގައި މި ބޭސްކުޅި އަކީ ތަފާތު ބަލިތަކަށް ޝިފާ ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ޒިޔާރަތް ކުރާ ތަނެކެވެ. ހާއްސަކޮށް ހަމުގެ ބަލި ހުންނަ ފަރާތްތަކުން މި ބޭސްކުޅީގެ ބޭސް ބޭނުންކުރުމުން ޝިފާ ލިބޭ ކަމަށް ހަމީދު ފާހަގަކުރެއްވިއެވެ. ހަމުގެ ބަލިތަކުގެ އިތުރުން ގިނަ ދުވަހަށް ދެމިގެންދާ ގޮތަށް ތަންތަނުގައި ރިއްސުމާއި، ހުޅުހުޅުގައި ރިއްސުމުގެ އިތުރުން ރާއްޖެ ބަލި ފަދަ ބަލި ހުންނަ ފަރާތްތަކުން މި ބޭސްކުޅިން ފަރުވާ ހޯދައެވެ.
މި ބޭސްކުޅީގައި ދެ ލޭޔާއެއް ވެއެވެ. އެއީ ކަޅު ފަހުގެ ލޭޔާ އަކާއި ބޭސް ލޭޔާއެކެވެ. ހަމީދު ވިދާޅުވި ގޮތުގައި މި ތަނުން މީހުން ފަރުވާ ހޯދަނީ ކަޅު ފަހުގެ އަޑީގައި އޮންނަ ބޭސް ލޭޔާ ނަގައިގެންނެވެ.
ނަމަވެސް ހަމީދު ވިދާޅުވި ގޮތުގައި މިހާރު ބޭސްކުޅިއަށް ވަޅުކޮނެގެން އެރުން ކައުންސިލުން ވަނީ މަނާކޮށްފައެވެ. ސަބަބަކީ ބަލި މީހުން ވަޅު ކޮނެ ފެންގަނޑުގެ ތެރެއަށް އެރުމަކީ ވަޅުގެ ތެރޭގައި ބަލީގެ އަސަރު ހުރުން އެކަށީގެންވާ ކަމަށް ވާތީ އެތަން ބޭނުންކުރާ އެހެން މީހުންނަށް އެކަމުން އަސަރު ކޮށްފާނެތީ ކަމަށް ހަމީދު ވަނީ ވިދާޅުވެފައެވެ.
އިސްދޫ ކައުންސިލުން ބޭސްކުޅިއަށް ވަޅުކޮނެގެން އެރުން މަނާކޮށްފައިވީ ނަމަވެސް އެތަނުން ފެނާ ބޭސް ނަގާ އެ ސަރަހައްދުގައި ތިބެގެން އުނގުޅުމަށް ވަނީ ހުއްދަ ދީފައެވެ. އެހެން ރަށްރަށުން އިސްދޫގެ ބޭސްކުޅިއަށް ބޭސްކުރަން އަންނަ ފަރާތްތަކަށް ކައުންސިލުގެ އެހީތެރިކަންވެސް ފޯރުކޮށްދެއެވެ. ހަމީދު ވިދާޅުވި ގޮތުގައި އެކި ކަހަލަ ހަމުގެ ބަލިތަކަށް ފަރުވާ ނުލިބި ރާއްޖެއިން ބޭރުން ފަރުވާ ކޮށްގެންވެސް ޝިފާ ނުލިބުން މީހުން މި ބޭސްކުޅިއަށް އައިސް ފަރުވާ ކުރުމުން ރަނގަޅު ވެފައި އެބަހުއްޓެވެ. މި ބޭސް އުނގުޅައިގެން މިހާތަނަށް އެއްވެސް މީހެއްގެ ފަރާތުން ސައިޑް އިފެކްޓެއް އައިސްގެން ރިޕޯޓެއް ކޮށްފައި ނުވާން ވެސް ހަމީދު ފާހަގަކުރެއްވިއެވެ.
މި ބޭސްކުޅީގެ އިތުރުންވެސް އިސްދޫގައި ޒަމާންވީ އެތައް ތަނެއް އެބަހުއްޓެވެ. އެގޮތުން ދިވެހި ރާއްޖޭގައި ހުރި އެންމެ އުސް ތާރީހީ ބިނާވެސް ހުރީ އިސްދޫގައެވެ. އެއީ އިސްދޫ ހަތްތެއްޔެވެ. މި ރަށުގައި އިސްދޫ "ބޮޑު ހައްތެލި" ކިޔާ އުސްގަނޑަކާއި، "އިސްދޫ ކުޑަ ހައްތެލި" ކިޔާ ސަރަހައްދެއް އޮވެއެވެ.
އިސްދޫ ހަތްތެލީގެ ހަގީގަތް އިނގޭތަ؟
އިސްދޫ ހަތްތެލީގެ ތާރީހާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ދެކެވެއެވެ. އެއްބަޔަކު ބުނާ ގޮތުގައި މި ތަނަކީ ދަތުރުވެރިންގެ ހަރަކާތް ބެލުމަށް އަރާ ތިބޭ ތަނެއްގެ ގޮތުގަ ބޭނުން ކުރި ތަނެކެވެ. އެގޮތުން އޭރު އިސްދޫގައި ވަޒަންވެރިވެ ތިބި މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދަތުރުވެރިންގެ ހަރަކާތްތަކަށް ފާރަލަމުން ދެއެވެ.
މިތަނާ ގުޅޭ ގޮތުން ދެން ވާހަކަ ދެކެވޭ ގޮތަކީ މިތަނަކީ ދަތުރު ކުރާ ބޮޑެތި ބޯޓު ފަހަރަށް ހަމަލާ ދޭން މީހުން އަރާ ތިބޭ ތަނެއްގެ ގޮތުގައެވެ. އެއީ އެފަދަ ބޯޓުފަހަރުގައި ތިބޭ މީހުން ހިފާ ހައްޔަރުކޮށް އެމީހުން ގެންގުޅޭ ކާތަކެއްޗާއި އަންނައުނު އަތުލާ އެމީހުން ލައްވާ އަޅު މަސައްކަތް ކުރުމުގެ މަގުސަދުގައެވެ. ފާހަގަކުރެވޭ ގޮތުގައި އިސްދޫ އިސްލާމްކުރި އިރު އިސްދޫގައި ގިނަ އަދަދެއްގެ އަޅުން ތިއްބެވެ. އެހެންކަމުން ގަބޫލުކުރެވިފައި ވަނީ މި ފަރާތްތަކަކީ މިފަދައިން ހައްޔަރުކޮށްގެން ގެނެވުނު މީހުން ކަމަށެވެ.
މީގެއިތުރުން ކައުންސިލަރު ހަމީދު ވިދާޅުވި ގޮތުގައި ހަތްތެއްޔަކީ ބުދު ފައްޅިއެއް ހުރި ތަނެއް ކަމަށްވެސް ބައެއް މީހުން ބުނެ އުޅެއެވެ. އެގޮތުން މި ތަނަށް އޭޝިޔާގެ އެކި ގައުމުތަކުގެ މީހުން ބުދު ދީން އުނގެނުމަށް އައިކަމަށާއި، އެއަށްފަހު އަލުން އެނބުރި އެމީހުންގެ ގައުމަށް ދިޔަ ކަމަށް ބުނެވޭ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
އިސްދޫ ބޮޑު ހައްތެލީގެ ވަށަމިނުގައި 360 ފޫޓު އަދި އުސްމިނުގައި 45 ފޫޓު ހުރެ އެވެ. ހަތްތެލި ސަރަހައްދުގެ ބޮޑުމިނަށް ބަލާލާއިރު 1086 ފޫޓުގެ ފެންސެއް ވަނީ ޖަހާފައެވެ. މިތަނަކީ ހިމާޔަތް ކޮށްފައި އޮތް ތަނެއް ނަމަވެސް ހަމީދު ފާހަގަކުރެއްވި ގޮތުގައި އެތަން ހުރީ ވަރަށް ބޮޑަށް ތިރިވެފައެވެ.
އިސްދޫ ހަތްތެލީގެ އިތުރުން އިސްދޫގައި ވޯލްޑް ހެރިޓޭޖުގެ ވަގުތީ ލިސްޓުގައި ހިމަނާފައިވާ ޒަމާންވީ މިސްކިތެއްވެސް އެބަ ހުއްޓެވެ.
333 އަހަރުވީ އިސްދޫ ހުކުރު މިސްކިތް
މީލާދީން 1113 ގައި ބިނާކުރެވުނު މި މިސްކިތަކީ ވޯލްޑް ހެރިޓޭޖުގެ ވަގުތީ ލިސްޓުގައި ހިމަނާފައިވާ މިސްކިތެކެވެ. މި މިސްކިތް ބިނާކުރެވުނު ގޮތާ ގުޅިގެން ވެސް އެކި ގޮތްގޮތަށް ވާހަކަ ދެކެވެއެވެ. އޭގެތެރެއިން އެއްގޮތަކީ މި މިސްކިތަކީ ކަޅުއޮށްފުންމި ބަނުމަށްފަހު އިސްދޫ އިސްމާލު މާވަޑި ތަކުރުފާނު ބިނާކުރެއްވި މިސްކިތެއް ކަމަށެވެ. އެގޮތުން މުހައްމަދުތަކުރުފާނަށް ރަސްކަން ލިބިވަޑައިގަތުމާއެކު އިސްދޫ އިސްމާލު މާވަޑި ތަކުރުފާނު މާލެ ވަޑައިގެން ހުކުރު މިސްކިތް މަރާމާތުކުރުމަށްފަހު އެތަނުގައި ހުރި ލަކުޑި ގެނެސް ބިނާކުރެއްވި މިސްކިތެއް ކަމަށް ގަބޫލުކުރެވެއެވެ.
މީގެއިތުރުން މި މިސްކިތް ބިނާ ކުރެވުނީ ދެއްވަދޫ ރަސްގެފާނުގެ ދުވަސްވަރު ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. އެގޮތުން މި މިސްކިތަކީ ދެއްވަދޫ ރަސްގެފާނުގެ ވެރިކަމުގައި ބިނާ ކުރަން ފަށާ އިސްދޫ ދަރިކޮޅުންގެ ރަސްކަމުގައި ނިމުނު މިސްކިތެއް ކަމަށް ބުނެވެއެވެ.
އިސްދޫގެ އާސާރީ ތަންތަން ބަލާ މި ތަންތަން ތަޖުރިބާ ކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އިސްދޫ އަށް ޒިޔާރަތް ކުރެއެވެ. އިސްދޫ އަކީ ދިވެހި ތާރީހުގެ މުހިންމު ދައުރެއް އަދާކުރާ ރަށަކަށް ވާއިރު މި ތަނުގެ ތަރިކަތައް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައިވެސް އެޅިފައިވާ ޒިންމާއެކެވެ.