ދިވެހި ރާއްޖެއަކީ މުއްސަނދި ތާރީހަކާއި ސަގާފަތެއް ލިބިގެންވާ އެ ބިމަކަށް އުފަންވާން ކޮންމެ ދިވެއްސަކުވެސް ފަހުރުވެރިވާން ޖެހޭނެ ބިމެކެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ދިވެހި ތާރީހުގެ މުހިންމު ސޮފްހާތައް ރަމްޒުކޮށްދޭ ބިނާތަކާއި ޒިޔާރަތްތަކާއި ސަގާފަތްތައް ހުރިއިރު މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ރަށަކީ ބ. ކެންދޫ އެވެ. އެގޮތުން މި ރަށަކީ އިސްލާމް ދީނުގެ ނޫރު ދިވެހި ރާއްޖެއަށް ފެތުރުނު ދުވަސްވަރުގެ ތާރީހީ ހަނދާންތަކެއް އެކުލެވިގެންވާ ރަށެކެވެ.

ދިވެހި ރާއްޖެ އިސްލާމްވި ގޮތާއި ގުޅިގެންވެސް ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެއެވެ. އަދި ރާއްޖެ އިސްލާމް ކުރެވުނީ ކޮން ބޭފުޅެއްގެ އަތްމަތީގައި ކަމީވެސް ދެބަސްވުން އުފެދިފައިވާ ކަމެކެވެ. ނަމަވެސް ތާރީހީ ފަތްފުއްތަކުން ހާމަވާ ގޮތުގައި ދިވެހި ރާއްޖެ އިސްލާމް ކުރެއްވީ އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ ނުވަތަ ތަބްރޭޒްގެފާނެވެ.

މިކަމުގައި ކެންދޫ ހާއްސަ ވާ މައިގަނޑު ސަބަބަކީ ތަބްރޭޒްގެފާނު އެންމެ ފުރަތަމަ ފައިބައިވަޑައިގެންނެވި ރަށަކީ ކެންދޫ ކަމުގައި ބުނެވޭތީއެވެ. ތަބްރޭޒްގެފާނު މިރަށަށް ވަޑައިގަތް މަޑުކުރައްވާ ދީން އުނގަންނައިދެއްވި ތަނުގައި ދަނޑިފަނުން ގެއެއް އެޅުމަށް ފަހު ތަބްރޭޒްގެފާނުގެ ހަނދާނީ ބިނާއެއްގެ ގޮތުގައި ރާއްޖޭގައި ނުފެންނަ ހާއްސަ ބިނާކުރުމުގެ ވައްޓަފާޅިއަކަށް މަގާމްފުޅެއް ބިނާކުރެއްވިއެވެ.

ކެންދޫ މަގާމުފުޅުގެ ބޭރު ފާރު މަރާމާތަށްފަހު / ފޮޓޯ: ހިޔަލީ ފޮޓޯގްރަފީ

ކެންދޫގެ މި މަގާމްފުޅަށް މިހާރު 800 އަށް ވުރެ ގިނަ އަހަރު ވެފައިވާއިރު މި ތަނާއި ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަބްދުލް ރަހްމާން ވިދާޅުވީ މިއީ މީލާދީން 1155 ވަނަ އަހަރު ރާއްޖެ އިސްލާމްކުރެއްވުމަށް ތަބްރޭޒްގެފާނު ވަޑައިގެން ހުންނެވި ތަން ކަމަށެވެ.

އޭރުގަ މިތަން ހުރީ ދަނޑި ފަނުން ހަދާފަ. ނަމަވެސް އޭގެ ފަހުން ރަށުގެ ރައްޔިތުން ނުކުމެ އަކިރި އާއި ގަލާ ހާއްސަކޮށް ހިރިގާ ބޭނުންކޮށްގެން ރާނާ އުވަ ޖަހާ ހަދާފަ ހުރީ.
އިބްރާހިމް އަބްދުލް ރަހްމާން

މި މަގާމްފުޅަކީ ދީނަށް ގޮވާލެއްވުމަށް ރައްޔިތުން އެތާކަށް އެއްކުރި ތަނެއްގެ އިތުރުން ނަމާދު ކުރާނެ ގޮތާއި ދީނުގެ އެހެނިހެން ކަންކަން ވެސް މީހުންނަށް އުނގަންނައިދިނުމަށް ބޭނުންކުރި ތަނެއްކަމަށް ރަށުގެ އިސް ރަށްވެހީން ބުނެއެވެ.

އޭރުގަ މިތަނުގައި ނަމާދު ކުރަމުން އައީ ވޮއް ކޮޅެއް ދިއްލައިގެން. މިގޮތަށް ވަރަށް ފަހަކާ ޖެހެންދެން ކަންތައް ކުރެވުން ކަމަށް ބުނެވެނީ. ނަމަވެސް މިހާރު މިސްކިތެއް ގޮތަށް އެތަން ނެތީމަ ނަމާދު ކުރާ ތަނެއް ނޫން އެއީ.
އިބްރާހިމް އަބްދުލް ރަހްމާން

ކެންދޫ މަގާމްފުޅަކީ ކުރީގެ މީހުން ނަދުރު ބުނުމަށް ޒިޔާރަތްކުރި ތަނެއް

ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ގޮތުގައި މި މަގާމްފުޅަކީ ނަދުރު ފުއްދުމަށްވެސް ބޭނުންކުރި ތަނެކެވެ. އެގޮތުން މިތަނުގެ ތެރޭގައި ދަގަނޑު ކިރާކައްޓާއެއް ހުންނަކަމަށާއި، ކެންދޫގެ އިތުރުން އެކި ސަރަހައްދުތަކުން މީހުން ދަތުރު ކޮށް މި މަގާމްފުޅަށް ނަދުރު ފުއްދަން އައި ކަމަށްވެއެވެ.

ކެންދޫ މަގާމުފުޅު ގޯތި ތެރެ / ފޮޓޯ: ކެންދޫ ކައުންސިލް

ރަހްމާން ވިދާޅުވީ ފަހަކާ ޖެހެންދެންވެސް ކުދިންގެ ބަރުދަނާ އެއްވަރަށް ދޮންކެޔޮ ފަދަ ތަކެތި އަޅާ މިތަނުގައި ކިރާ ހެދިކަމަށާއި، މާލޫދު ކިޔެވުން ފަދަ ކަންކަންވެސް ކުރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް މިހާރު އެބާވަތުގެ އެއްވެސް ކަމެއް ނުހިނގާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ރަހްމާން ފާހަގަކުރެއްވި ގޮތުގައި މިތަނުގެ ފެނަކީ ވަރަށް މީރު ފެނެކެވެ. އަދި އެ ސަރަހައްދުގެ ފެނަކީވެސް ހަމަ އެހާމެ މީރު ފެނެކެވެ.

އަސްލު ނުގެއްލޭނެ ފަދައިން މިތަން ވަނީ ހިމާޔަތް ކުރެވިފައި

ކައުންސިލްގެ ރައީސް ރަހްމާން ވިދާޅުވި ގޮތުގައި މި އިމާރާތުގެ ބޮޑެތި ފާރުތައް ވެއްޓި މި މަގާމްފުޅު ވަރަށް ބޮޑަށް ވީރާނާވިއެވެ. ނަމަވެސް ކައުންސިލުގެ ބުރަ މަސައްކަތުން މިނިސްޓްރީ އާއި ގުޅިގެން މިހާރު ވަނީ އެތަނުގެ އަސްލު ހުރިގޮތަށް ހިރިގަލާ އުވަ ބޭނުންކޮށްގެން އަލުން މަރާމާތުކޮށްފައެވެ. ނަމަވެސް މަގާމްފުޅުގެ އެތެރޭގެ ބައެއް ލަކުޑި ތަކެތި ވަރަށް ބޮޑަށް ވީރާނަވެފައިވާކަމަޑާއި މިހާރު ކުރެވެމުންދަނީ އެތަކެތި މަރާމާތު ކުރުމުގެ މަސައްކަތް ކަމަށް ރަހްމާން ވިދާޅުވިއެވެ.

ރަހްމާން ފާހަކުރެއްވި ގޮތުގައި މި މަގާމްފުޅުގެ ތެރޭގައި ވަރަށް ހާއްސަ ދިގު ދިދަ ދަނޑިއެއްވެސް ހުރެއެވެ.

ގާތްގަނޑަކަށް 30 އަކަށް 40 އަކަށް ފޫޓު މި ދިދަ ދަނޑީގައި އެބަ ހުރޭ. މިއީ ހައިވަކަރު ދަނޑިއެއް. އެ ޒަމާނުންސުރެ އަދި އަދަށްވެސް އެ ދަނޑި އެގޮތުގަ އެ ހުންނަނީ. އެ ދަނޑިއަކަށް މާ ބޮޑު ބަދަލެއްވެސް ނާދޭ. ދެން އޭގެ ބުޑު ރަނގަޅު ކޮށްލާފަ މިހާރު އެހުރީ
އިބްރާހިމް އަބްދުލް ރަހްމާން
ކެންދޫ މަގާމުފުޅު މަރާމާތު ކުރުމުގެ ކުރިން - ފާރުތައް ވެއްޓިފައި / ފޮޓޯ: އަލީ އަފާފް

މި ދިދަ ދަނޑީގެ އިތުރުން އިހު ޒަމާނުގައި ކެންދޫގެ ރައްޔިތުން ވަގުތު ބެލުމަށްޓަކައި ބޭނުންކުރި ގަލެއްވެސް މި މަގާމްފުޅުގެ ތެރޭގައި ވެއެވެ. ރަހްމާން ފާހަގަކުރެއްވި ގޮތުގައި މި ގަލަކީ އަސްލު އެރަށުގެ ކުޑަ މިސްކިތުގައި އިން ގަލެކެވެ. ނަމަވެސް ކުޑަ މިސްކިތުގެ ޖާގައިގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި އެތަނުގެ ބިން ސާފުކޮށް އާ މިސްކިތެއް އެޅުމަށްޓަކައި އެ ގާ ވަނީ އެތަނުން ނަގާ މަގާމްފުޅުގެ ތެރެއަށް ލާފައެވެ.

ކެންދޫއަކީ "މެޑިކަލް" ޓޫރިޒަމްގެ އުންމީދީ ރަށެއް

1400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ކެންދޫއަކީ 2011 ވަނަ އަހަރުން ފެށިގެން ޓޫރިޒަމްގެ ކަންކަން ފުޅާވަމުން އަންނަ ރަށެކެވެ. ހާއްސަކޮށް ލޯކަލް ޓޫރިޒަމް ފުޅާވެ ކުރިއަރަމުން ދާ ރަށަކަށްވާއިރު މި ދާއިރާގައި ގިނައީ ޒުވާން ފުރައިގެ ކުދިންނެވެ. ކައުންސިލްގެ ރައީސް ރަހްމާން ފާހަގަކުރެއްވި ގޮތުގައި ރަށުގައި މިވަގުތު 6 ގެސްޓު ހައުސް ހިންގައެވެ.

ރަހްމާން ފާހަގަކުރެއްވި ގޮތުގައި އެހެން ރަށްރަށާއި ހިލާފަށް މިރަށަކީ "މެޑިކަލް" ޓޫރިޒަމްގެ އުންމީދީ ރަށެކެވެ. މިރަށުން ރާއްޖެ ބައްޔަށާއި ދަރި މައިނުވުމުގެ މައްސަލަތަކުގެ އިތުރުން އެހެނިހެން ބަލިތަކަށްވެސް ދިވެހި ބޭސް ކުރެވޭ ކަމަށާއި ހާއްސަ ކޮށް ރާއްޖެ ބައްޔަށް ފަރުވާ ކުރާ އެތައް ބަޔަކު މިރަށަށް ޒިޔާރާތް ކުރާ ކަމަށް ރަހްމާން ވިދާޅުވިއެވެ.

އަޅުގަނޑު ހަނދާން ހުންނަން ފެށީންސުރެ މަހެއްގެ މައްޗަށް މަދުވެގެން 10 ވަރަކަށް މީހުން އަންނާނެ މިރަށަށް ރާއްޖެ ބައްޔަށާއި އެހެނިހެން ކަންކަމަށް ދިވެހި ބޭސް ކުރަން
އިބްރާހިމް އަބްދުލް ރަހްމާން

ރަހްމާން ވިދާޅުވީ ރާއްޖެއިން ބޭރުންވެސް ހާއްސަކޮށް ފަތުރުވެރިންވެސް ދަރި މައި ނުވުމުގެ މައްސަލަތަަށް މިރަށުން ފަރުވާ ހޯދާފައިވާކަމަށާއި މިއީ މެޑިކަލް ޓޫރިޒަމްއެއް ބޮޑަށް ޕްރޮމޯޓުކުރާ މައިގަނޑު ސަބަބުވެސް ކަމަށެވެ. އާތްރައިޓިސް ފަދަ ބަލިތަކަށްވެސް ފަތުރުވެރިން ޒިޔާރަތްކޮށް ފަރުވާ ހޯދާފައިވާކަމަށާއި މިއީ މަޑުމަޑުން ފުޅާ ވަމުންދާ މާކެޓެއް ކަމަށް ރަހްމާން ވަނީ ފާހަގަކުރައްވާފައެވެ.

ކެންދޫގެ ދޯނި މޯލްޑިވްސް ގެސްޓު ހައުސް / ފޮޓޯ: ހޮޓެލްސް މޯލްޑިވްސް

މިރަށަކީ ލޯކަލް ޓޫރިޒަމްގެ އިތުރުން ދަނޑުވެރިކަމާއި މަސްވެރިކަންވެސް ކޮށް އުޅޭ ރަށެކެވެ. ރަށުގެ ރައްޔިތުންނަކީ ހީވާގި އަދި އޯގާތެރި ބަޔަކަށްވާއިރު މިރަށަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ކެންދޫ އިން ދެނީ ހޫނު މަރުހަބާއެކެވެ. އަދާކޮށްދެނީ ފުރިހަމަ މެހެމާންދާރީއެކެވެ. ނަމޫނާ ރައްޔިތުންތަކެއް ދިރިއުޅޭ ކެންދޫއަކީ ހުރިހާ ގޮތަކުންވެސް ދިވެހި ރާއްޖޭގެ ހަޒާނާއެކެވެ.