ހދ. ހިރިމަރަދޫގެ އާބާދީ މަދުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން ތިބީ ދިރިއުޅުން އެހެން ރަށަކަށް ބަދަލު ކުރަން ބޭނުންވެފައެވެ. މި ވިސްނުމަކީ އިއްޔެއަކު މިއަދަކު އައި ވިސްނުމެއް ނޫނެވެ. 2016 ވަނަ އަހަރުން ފެށިގެން އެ ރަށު މީހުން ހިޖުރަ ކުރަން ބޭނުންވެގެން މަސައްކަތްތަކެއް ފެށިއެވެ. ނަމަވެސް އެދެވޭ އެއްބާރުލުމެއް ސަރުކާރުގެ ފަރާތުން ނުލިބުމުން ދެން ކުރީ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގައި ވެސް އެ ރަށުން ވަނީ ހިޖުރަކުރަން ބޭނުންވާ ކަން ހާމަކޮށްފައެވެ. ނަމަވެސް އެކަމަށް އެދެވޭ ނަތީޖާއެއް ނުލިބުނެވެ.

މި ސަރުކާރުން ހިރިމަރަދޫ ރައްޔިތުން އެދޭ ގޮތަށް އެހެން ރަށަކަށް ބަދަލުކުރުމަށް އެއްބާރުލުން ދޭނެ ކަމަށް ބުނެ އެ މަސައްކަތް ވަނީ ފަށާފައެވެ. އެ ގޮތުން މިހާރު އެ އަތޮޅު ހަނިމާދުއަށް ހިރިމަރަދޫ ރައްޔިތުން ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީއާ ވަނީ ހަވާލުކޮށްފައެވެ. އަދި މި ދައުރު ތެރޭގައި ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކޮށް ދެނޭ ކަމުގެ ޔަގީންކަން ވަނީ އެ މިނިސްޓްރީން ދީފައެވެ.

ހިރިމަރަދޫ މީހުން މަސައްކަތުގައި / ފޮޓޯ: ހދ. ހިރިމަރަދޫ ކައުންސިލް
"ރަށުގެ ރައްޔިތުންނާ ވެސް ވަރަށް މަޝްވަރާ ކުރެވިއްޖެ. ހަނިމާދޫގެ ރައްޔިތުންނާ ވެސް މަޝްވަރާ ކުރެވިއްޖެ.. ހަނިމާދޫ ރައްޔިތުން ވަރަށް ތާއީދު. އެ ރައްޔިތުން ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް އައުމަށް މަރުހަބާ ކިޔަން ތައްޔާރަށް. ދެން މިހާރު ހިރިމަރަދޫ ރައްޔިތުން ބަދަލު ކުރުމަށްޓަކައި ސަރުކާރުން ކުރަން ޖެހޭ މަސައްކަތް އޮންނާނީ. އެ ރައްޔިތުން އެ ތިބީ ވަރަށް އުންމީދާ އެކީގައި."
ހދ. އަތޮޅު ކައުންސިލަރު މުހައްމަދު ވަހީދު

ހިރިމަރަދޫގައި މީހުން ހިޖުރަ ކުރަން ބޭނުންވެގެން މިއުޅޭ މައިގަނޑު ސަބަބަކީ ދަރިންނަށް ރަނގަޅު ތައުލީމް އުނގަންނައި ދިނުމަށާއި، ރަށުގެ އާބާދީ މަދު ވުމާއި، އިގްތިސޯދީ ގޮތުން އެ ރަށަށް ކުރިއެރުމެއް ފެންނަން ނެތުމުންނެވެ. ރަށުގެ އާބާދީގެ ތެރެއިން ގިނަ ރައްޔިތުންތަކެއް ދަރިންނަށް ތައުލީމް ހޯދައި ދިނުމަށާއި ވަޒީފާގެ ފުރުސަތުތައް ހޯދުމަށް އެހެން ރަށްރަށަށް ހިޖުރަ ކުރުމުން މި ވަގުތު އެ ރަށުގެ އާބާދީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެހެންކަމުން ރަށުގައި މި ވަގުތު ދިރިއުޅޭ މީހުން މަދުވުމަކީ ރަށުގެ ތަރައްގީއަށް މަސައްކަތްތަކެއް ކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެއް ކަމަށް އެ ރަށު މީހުން ގަބޫލު ކުރެއެވެ.

ޖުމްލަ 585 މީހުންގެ އާބާދިއެއް އޮތް ހިރިމަރަދޫގައި މި ވަގުތު ދިރިއުޅެމުން އަންނަނީ 229 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ 52 ކުޑަކުދިންނާއި 65 އަހަރުން މަތީގެ 28 މީހުންނެވެ. ޒުވާނުންގެ ތެރެއިން މި ވަގުތު ރަށުގައި ދިރިއުޅޭ މީހުންނަށް ބަލާލާއިރު، އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުން މަދެވެ.

ހިރިމަރަދޫ މީހުން ޑިންގީއެއްގައި / ފޮޓޯ: ހދ. ހިރިމަރަދޫ ކައުންސިލް
"35 އާއި 45 ގޭގައި 9 ވަރަކަށް 7 ވަރަކަށް މީހުން އުޅެފާނެ. ދެން ހުރި ގެތަކުގައި އުޅޭނީ 3 މީހުން ދެމީހުން ނޫނީ އެކަކު."
ހިރިމަރަދޫ ކައުންސިލް މެންބަރު މުހައްމަދު އަރުޒަން

އެރަށުގައި މިވަގުތު ވެސް ގެވަޅުތަކާ އެއްކޮށް ޖުމްލަ 183 ގޭބިސީ ހުރި އިރު، އޭގެތެރެއިން މިވަގުތު މީހުން ދިރިއުޅެމުން އަންނަނީ ޖުމްލަ 75 ގޭބިސީގައެވެ. މީހުން ދިރިއުޅޭ ގިނަ ގެތަކުގައި އެކަކު އަދި ދެމީހަކު ދިރިއުޅޭ ގެތައް ގިނައެވެ. ގިނަ ގެތައް ފަޅަށް ހުރި އިރު އެ ރަށުގެ އާބާދީގެ އެތައް ބަޔަކު ދިރިއުޅެމުން އަންނަނީ މާލޭގައި އަދި އެ އަތޮޅު ކުޅުދުއްފުށީގައެވެ.

އެ ރަށުގައި ޖުމްލަ 3 ފިހާރަ ހުންނަ އިރު އެއް ކެފޭ ވެސް އެ ރަށުގައި އަންނަނީ ހިންގަމުންނެވެ. ނަމަވެސް އެއިން ފިހާރައަކަށް ދުވާލަކު 500 ރުފިޔާގެ ވިޔަފާރި ވެސް ނުވެއެވެ. އަދި ކެފޭއަށް ވެސް ވަދެ ކޮފީ ބޯލާނެ ބައެއް ޒުވާނުން އުޅުނަސް އެތަނަށް ވެސް އެދެވޭ ވަރުގެ އާމްދަނީއެއް ނުލިބޭތީ އެތަންތަން ރަނގަޅަށް ނުހިންގެއެވެ. އެހެންކަމުން އެ ފިހާރަތަކާއި ކެފޭތަކުން ވެސް އެދެވޭ ހިދުމަތެއް ވެސް ނުލިބެއެވެ. ފިހާރަތަކުގައި ވެސް ބޭނުންވާ އެކި ބާވަތްތަކުގެ މުދާ ނުލިބޭތީ ގިނަ މީހުން ވިޔަފާރި ކުރަން ދަނީ ކުޅުދުއްފުއްޓަށެވެ.

ހިރިމަރަދޫގެ ގެއެއްގައި ދިރިއުޅޭ މީހުންނާ ކައުންސިލުން ބައްދަލުކުރަނީ / ފޮޓޯ: ހދ. ހިރިމަރަދޫ ކައުންސިލް

އެރަށުގައި 52 ކުޑަކުދިން ތިބި އިރު ސްކޫލްގައި ކިޔަވާ ކުދިންގެ އަދަދު 40 ވެސް ހަމަނުވެއެވެ. މި ސަބަބާ ހުރެ ސްކޫލްގައި ކިޔަވައި ދިނުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހެއެވެ. ކޮންމެ ގްރޭޑެއްގެ އެއް ކްލާސް ހިންގަމުން އަންނަ އިރު، ކްލާހެއްގައި އެއް ކުއްޖަކު ނުވަތަ ދެ ކުދިން ތިބޭ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ކްލާސްތަކުގައި ކުދިން އެހާ މަދު އިރު، ސްކޫލުގައި ތިބޭ މުވައްޒަފުން ގިނައެވެ. ގާތްގަނޑަކަށް 20 އަކަށް މުވައްޒަފުން ސްކޫލްގައި މަސައްކަތް ކުރަމުން އަންނަ އިރު، ދެވޭ ހިދުމަތަށް ބަލާއިރު އެއީ ކުރެވޭ ބޮޑު ހޭދައެއް ވެސް މެއެވެ.

ކިޔަވައި ދިނުމުގައި ހުރި ގޮންޖެހުންތަކަށް ބަލާއިރު، ކްލާސްރޫމްގައި މަދުން ދަރިވަރުން ތިބުމަކީ ކުދިން ކިޔަވަން ފޫހިވާ ކަމެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. ޗެލެންޖިން މާހައުލެއް ނެތުމާއި ފޯރިއާ އެކު ކިޔެވުމުގެ ފުރުސަތު އެ ކުދިންނަށް ގެއްލިގެން ދާއިރު، އިތުރު ހަރަކާތްތައް ވެސް ބޭއްވުމުގެ ފުރުސަތު ހަނިވެގެން ދިއުމަކީ ތައުލީމް ހާސިލް ކުރާ ކުދިންނަށް ލިބެންޖެހޭ އެތައް ކަމަކުން ހިރިމަރަދޫ ކުދިން މަހްރޫމް ވެގެން ދާ ކަމެކެވެ.

ހދ. ހިރިމަރަދޫގެ ގެތައް ފެންނާނެ ހެން މަތިން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ: ހދ. ހިރިމަރަދޫ ކައުންސިލް

ކްލާސް މުބާރާތެއް ވެސް އަދި ހައުސް މުބާރާތެއް ވެސް ބާއްވާނެ ވަރަށް ކުދިން ނެތުމުން އިތުރު ހަރަކާތްތައް މަޑު ޖެހިފައިވާތާ އެތައް އަހަރެއް ވެއްޖެއެވެ. މި ދަތިތަކާ އެކުގައި ވެސް ހިރިމަރަދޫން ނެރެމުން އަންނަ ނަތީޖާ ގޯހެއް ނޫނެވެ. މިދިޔަ އަހަރުވެސް ޖީސީއީއޯ ލެވެލް އިމްތިހާނުގައި އެ ރަށު ސްކޫލުން ބައިވެރިވި ދަރިވަަކު ވަނީ ޓޮޕް 10 ގައި ހިމެނިފައެވެ.

އެރަށުގައި ސިއްހީ ހިދުމަތް ދިނުމަށް ހުޅުވާފައި ހުންނަ މަރުކަޒުގައި ވެސް މަދު މުވައްޒަފުންތަކެއް ތިބި ނަމަވެސް އެ މަރުކަޒަށް ކޮންމެ ދުވަހަކު ބަލި މީހުން ނުދާ ކަން އެ ރަށު ކައުންސިލުން ފާހަގަ ކުރެއެވެ. ސިއްހީ މަރުކަޒުން ހިދުމަތް ހޯދަން ދުވާލަކު އެކަކު ވެސް ނުދާ އިރު، އެ މަރުކަޒަށް ކުރާ ހޭދަ އަކީ ވެސް އިސްރާފެއް ކަމަށް ކައުންސިލުން ބުނެއެވެ.

ހިރިމަރަދޫގައި ދިރިއުލޭ ބައެއް އުމުރުން ދުވަސްވީ މީހުން / ފޮޓޯ: ހދ. ހިރިމަރަދޫ ކައުންސިލް

މުޖުތަމައުއެއްގައި އެއްބައިވަންތަކަމާއި ގުޅުން ބަދަހި ކުރުމަކީ ގުޅިގެން މަސައްކަތް ކޮށްގެން ވާނެ ކަން ކަމެކެވެ. ނަމަވެސް ރަށުގެ އާބާދީ މަދުވެ ރަށުގެ މަސައްކަތަށް ނިކުންނަށް ތިބި ޒުވާނުން މަދުވުމުގެ ސަބަބުން މުޖުތަމައުގެ ގުޅުން ވަރުގަދަ ކުރުމަށް ހަރަކާތްތަކެއް ނުބޭއްވެއެވެ. އެގޮތުން އީދު ފަދަ މުނާސަބަތުތަކުގައި ރަށްރަށުގައި ކުލަގަދަކޮށް އީދު ފާހަގަކޮށް ކުޅިވަރު ކުޅެ މުނިފޫހި ފިލުވުމަށް އެކި ކަންކަން ރޭވި ކަމުގައި ވިޔަސް ހިރިމަރަދޫގައި މިފަދަ މުނާސަބަތުތައް ވެސް ފާހަގަކޮށް ނޫޅެއެވެ.

މީގެ ސަބަބެއް ކަމަށް އެ ރަށު މީހުން ބުނަނީ، އީދެއްގައި ކުޅިވަރު ކުޅެން ވިޔަސް މި ތިބެނީ އެއް ބައެއް ކަމަށާއި ކުޅިވަރު ބަލައި، ފޯރި ނަގައި މަޖާ ކުރާނެ އިތުރު ބަޔަކު ނެތުމުން އެފަދަ ކަންކަމުގައި އެއްވެސް ފޯރިއެއް ނެތް ކަމަށެވެ. ކުޅި ބަލާނެ ބަޔަކު ވެސް ނެތް ކަމަށެވެ. އެހެންކަމުން އެފަދަ ހަރަކާތެއް ހިންގާނެ ޖޯޝެއް ޒުވާނުންގެ މެދުގައި ނެތެވެ.

ހިރިމަރަދޫގައި ދިރިއުޅޭ ބައެއް މީހުން / ފޮޓޯ: ހދ. ހިރިމަރަދޫ ކައުންސިލް

މިފަދަ ކަންކަން ކަމަކީ ރަށެއްގައި މުޖުތަމައު ތެރޭގައި އުފާވެރިކަމާއި އެކުވެރިކަމާއި ގާތް ގުޅުން ބަދަހިކޮށްދޭނެ ކަންކަމެވެ. ނަމަވެސް މިފަދަ ހަރަކާތްތައް ނުބޭއްވޭތީ މި ވަގުތު ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ފެންނަނީ މާޔޫސް ކަމެވެ.

އެ ރަށުގެ ކޮންމެ ދިމާލަކަށް ބަލާލިކަމުގައި ވިޔަސް ފެންނަނީ އެކަނިވެރިކަމާއި ފަޅު ކަމެވެ. މި ހާލަތުގައި އޮތް ހިރިމަރަދޫ ރައްޔިތުންގެ އުންމީދަކީ ވީ އެންމެ އަވަހަކަށް އެހެން ރަށަކަށް ބަދަލުވުމެވެ. ހަނިމާދޫއަށް ބަދަލު ކުރަން ސަރުކާރުން ނިންމާފައިވާ އިރު، ދިރިއުޅޭނެ ގެއެއް ބިނާކޮށް އެ ރަށު މީހުން ބަދަލުކޮށް ދިނުމަކީ ހިރިމަރަދޫ ރައްޔިތުން ދެކެމުން އަންނަ ހުވަފެނެކެވެ.