މުލަކަތޮޅު ވޭވަށަކީ ޖޯގުރަފީގެ ގޮތުންބަލާ އިރު މެދުރާއްޖެ ތެރޭގައި އިރުމަތިފަރާތައް ވާގޮތަށް އަތޮޅުގެ މެދުތެރޭގައި އޮންނަ ރަށެކެވެ. މި ރަށަކީ ވަރަށް ބޮޑު ފަޅެއްގެ ތެރޭގައި އޮންނަ ރަށެކެވެ.

ގާތްގަނޑަކަށް 45 ހެކްޓަރުގެ ވޭވަށުގެ އާބާދީއަކީ 365 އެކެވެ. އޭގެތެރެއިން މި ވަގުތު އެ ރަށުގައި ދިރިއުޅެމުން ދަނީ 245 މީހުންނެވެ. އެ ރަށަކީ ސިނާއީ ބޮޑެތި މަސައްކަތްތަކެއް ކުރާ ރަށެއް ކަމުގައި ވާތީ 70 އެއްހާ ބިދޭސީން މިވަގުތު ވެސް އެ ރަށުގައި މަސައްކަތްތެރިންގެ ގޮތުގައި އުޅެއެވެ.

ވޭވަށުގެ އަންހެން ވެރިން ފަން ވިންނަނީ

ވޭވަށު މީހުން އާމްދަނީ ހޯދުމުގެ ގޮތުން ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި ފަން ވިނުމުގެ މަސައްކަތެވެ. އަދި ރަށުގެ ވަކި ސަރަހައްދެއް ސިނާއީ މަސައްކަތް ކުރާ ސަރަހައްދެއްގެ ގޮތުގައި ހަމަޖައްސާ އެ ސަރަހައްދުގައި ކަނޑު މަސް ކައްކާ ހިތްކުމުގެ މަސައްކަތާއި ލޮނުމަސް ތައްޔާރު ކުރުމުގެ އިތުރުން ރިހާކުރު ތައްޔާރު ކުރެއެވެ.

މަސް ކެއްކުމުގެ މަސައްކަތް ކުރާ 5 ފެކްޓްރީއެއް އެ ރަށުގައި ގާއިމްކޮށްފައިވާ އިރު، މި މަސައްކަތް އެންމެ ފުޅާކޮށް ކުރާ އެކަކީ ފައިސަލްއެވެ. ފައިސަލް ބުނާ ގޮތުގައި އޭނާ މި މަސައްކަތް ކުރާތާ މިހާރު 17 އަހަރު ވެއްޖެއެވެ. މި މަސައްކަތުގައި އާއިލާއިން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދޭ ކަމަށް އޭނާ ބުނެއެވެ.

ވޭވަށު މަސް ފެކްޓްރީއަށް ގެނައި މަސްތައް ކަނޑައި ސާފު ކުރަނީ

ފެކްޓްރީގައި މަސް ކައްކާ ހިއްކުމުގެ މަސައްކަތާއި ރިހާކުރު އުފެއްދުމުގައި ރަށުގެ އަންހެންވެރިން ބައިވެރިވާ ކަން އޭނާ ފާހަގަ ކުރިއެވެ. އެ ގޮތުން މަސައްކަތް ކުރާ މީހުންނަށް ގަޑިއަކު 45 ރުފިޔާގެ ރޭޓުން މުސާރަ ދޭ ކަމަށާއި ގިނަ މީހުންނަށް އާންމުކޮށް ދުވާލަކު 500 ރުފިޔާ ލިބޭ ވަރަށް މަސައްކަތް ކުރާ ކަމަށް އޭނާ ބުނެއެވެ.

މި މަސައްކަތުގައި 17 އަހަރު ވީ އިރު މިހާރު ބައި ލައްކައެއްހާ ކަސްޓަމަރުން ތިބި ކަމަށް ފައިސަލް ބުނެއެވެ. ފައިސަލްގެ ފެކްޓްރީން އުފައްދާ ތަކެތި ކަސްޓަމަރުންނާ ހަމައަށް ގެންދިއުމަށް އޭނާ އިސް ވެ އެ މަސައްކަތުގައި އުޅެއެވެ. އަދި މި މަސައްކަތުން ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށް ވެސް އޭނާ ބުނެއެވެ.

ވޭވަށު ފެކްޓްރީތަކުން އުފައްދާ ތަކެތި ރަށްރަށަށް ވިއްކަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވޭވަށުގައި އުފައްދާ ރިހާކުރާއި، ހިކިމަހާއި ލޮނުމަސް ޑެލިވަރީ ކުރަމުން އަންނަ އިރު އެތަނުން ބައެއް ފެކްޓްރީތަކުން ރާއްޖެއިން ބޭރަށް ވެސް މި އުފެއްދުންތައް އެކްސްޕޯޓްކުރެއެވެ.

އެ ރަށު ކައުންސިލްގެ ރައީސް މަމްދޫހް ވަހީދު ވިދާޅުވީ، އެ ރަށަކީ ވަރަށް ފުޅާ ދާއިރާއެއްގައި މަސްކައްކާ ހިއްކާ ރަށެއް ކަމަށެވެ. މި މަސައްކަތް ކުރުމަށް މީހުން ދިރިއުޅޭ ސަރަހައްދަށް ވުރެ ދުރުން އިންޑަސްޓްރިއަލް ޒޯނެއް ގޮތުގައި ދީފައިވާ ސަރަހައްދުގައި މިހާރު ފަސް ފެކްޓްރީ ހިންގަމުން އަންނަ ކަަމަށް މަމްދޫހް ވިދާޅުވިއެވެ. އެގޮތުން ދުވާލަކަށް ގާތްގަނޑަކަށް 30 ޓަންގެ މަސް ކައްކާ ހިއްކާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވޭވަށު ފެކްޓްރީގައި އަންހެނުން މަސައްކަތް ކުރަނީ
"މިރަށުގެ ރިހާކުރަކީ މަޝްހޫރު ރިހާކުރެއް. ރަހަ ބަލައިލައިފިއްޔާ ގައިމު ބުނާނެ މީއީ ވަރަށް މީރު ިރިހާކުރެކޭ."
ވޭވަށު ކައުންސިލް ރައީސް މަމްދޫހް ވަހީދު

އެ ފެކްޓްރީ ތަކުން ރިހާކުރު ވެސް އުފައްދާ އިރު، އެކި ރަށްރަށުން އަންނަ ރިކުއެސްޓްތަކާ އެއްވަރަށް ނޫފުއްދޭ ފަހަރުވެސް އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މި ފެކްޓްރީތައް ހިންގާ ފަރާތްތަކުގެ ތެރެއިން އެކަކުގެ އަމިއްލަ ދޯންޏެއްވެސް އޮންނަ ކަމަށާއި އެ ދޯންޏަކީ ރިހާކުރާ ހިކިމަސް ފަދަ ތަކެތި ހިފައިގެން އެކި ރަށްރަށަށް ދަތުރު ކުރާ ދޯންޏެއް ކަމަށް މަމްދޫހް ވިދާޅުވިއެވެ. އެގޮތުން ލ، ދ، ތ، ފ، ވ، އއ، އދ، މ އަދި ކ އަތޮޅުގެ ރަށްރަށަށް އެ ދޯނި ދަތުރު ކުރެއެވެ.

ވޭވަށު ފެކްޓްރީގައި މަސް ހިއްކުމުގެ މަސައްކަތުގައި ރަށުގެ އަންހެނުން

އެ ރަށުގައި މަހަށް ދާ އެއް ދޯނި އޮންނަ އިރު، ދެވަނަ ދޯނި ބަނެ ނިމުމާ ވަނީ ގާތްވެފައެވެ. މިހާރު ބަނެ ނިމުމާ ގާތްވަމުންދާ ދޯންޏަކީ 106 އަކަފޫޓުގެ ދޯންޏެކެވެ. އެ ދޯނި މަހަށް ނިކުތުމުން މަސްވެރިކަން ރަނގަޅުވެ، ފެކްޓްރީތަކަށް ލިބޭ މަސް އިތުރު ވެގެން ދާނެ ކަމަށް ކައުންސިލުން ބުނެއެވެ.

ވޭވަށުގެ ކިއްސަރު ވަޑާމުގެ މަސައްކަތް ކުރާ މީހުންނަކީ ފައިބަރުން ބޮޑެތި ދޯނި ފަހަރުން ފެށިގެން ތަފާތު އެކިވަރުގެ އުޅަނދު ފަހަރު ހެދުމުގައި މަޝްހޫރު ވަޑިން ތިބި ރަށެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. އެގޮތުން މިހާރުވެސް މަސްވެރިކަން ކުރާވަރުގެ ބޮޑެތި ދޯނި ފަހަރާއި، ތަފާތު އެކިވަރުގެ ލޯންޗް، އަދި އެކިވަރުގެ ޑިންގީ ބަނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެހެން ރަށްރަށުގެ މީހުންގެ އެދުމަށް ދޯނިފަހަރާއި ލޯންޗު ބަނުމުގެ މަސައްކަތުން ވެސް އެރަށަކީ ރަނގަޅު އާމްދަނީއެއް ހޯދާ ރަށެކެވެ.

ވޭވަށުގެ ފައިބަރުގެ މަސައްކަތް

ރަށަށް އާމްދަނީ ވަންނަ އަނެއް މަގަކީ ވަޒީފާތަކެވެ. ސަރުކާރުގެ ވަޒީފާތަކުގައި ބައެއް މީހުން އުޅޭއިރު، ރަށުން ބޭރުގައި، ޕްރައިވެޓް ސެކްޓާގެ ވަޒީފާތަކުގައި ވެސް އެ ރަށުގެ ޒުވާނުން މަސައްކަތް ކުރެއެވެ.

މީގެ އިތުރުން މިހާރު ރާއްޖޭގައި ލޯކަލް ޓޫރިޒަމް ތައާރަފްވެފައިވާ އިރު، ވޭވަށުގައި ވެސް ލޯކަލް ޓޫރިޒަމްގެ މަސައްކަތް ވެސް ވަނީ ފެށިފައެވެ. މިވަގުތު ރަޖިސްޓްރީކޮށްގެން ހިންގާ އެއް ގެސްޓް ހައުސް ހުރި އިރު، ދެވަނަ ގެސްޓް ހައުސެއް ވަނީ ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައެވެ.

އެ ރަށުގެ ކައުންސިލް ރައީސް ވިދާޅުވި ގޮތުގައި، ލޯކަލް ޓޫރިޒަމަށް ވޭވަށް ފައްކާ ވަމުން އަންނަ އިރު މި ވަގުތު އެ ރަށުގެ 70،000 އަކަފޫޓު ބިމެއްގައި 72 ރޫމް އެޅުމަށް ވަނީ އީއޭއީ ހުށަހަޅާފައެވެ.

ވޭވަށުގައި އަންހެނުން އެކީގައި ނިކުމެ ބޮޑު ޖާފަތަކަށް ކެއްކުމުގެ މަސައްކަތުގައި

ވޭވަށަކީ އިހުގެ ސަގާފީ ކުޅިވަރުތަކަށް ވެސް މަޝްހޫރު ރަށެކެވެ. މަންގަލަން ދަނޑި ޖެހުން، ދަފިނެގުން، ތާރަ ޖެހުން، ބޮޑުބެރު ޖެހުން، މާލި ހެދުން، ފަތިގަނޑު ޖެހުން އަދި ބޮޑުމަސް ނެރުން ފަދަ ކުޅިވަރުތަކުގައި އެރަށަކީ އަތޮޅުގެ އެއްވަނަ އެވެ. ކޮންމެ އަހަރެއްގެ އީދު ދުވަސްވަރަކީ ވަރަށް ކުލަ ގަދަކޮށް ފާހަގަ ކުރާ ދުވަސް ވަރެކެވެ. އީދު ކުޅިވަރު ބެލުމަށް އެކި ރަށްރަށުން ވެސް މީހުން އެ ރަށަށް ޒިޔާރަތް ކުރެއެވެ.

އެ ރަށަކީ ވަރަށް އަމާން ރަށެކެވެ. އެކަކު އަނެއްކަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި އާންމުން ގުޅިގެން މަސައްކަތް ކުރުމުގައި އެއީ ނަމޫނާ ރަށެކެވެ. ވައްކަމާއި ޑްރަގްގެ އެއްވެސް މައްސަލައެއް ވެސް މިދިޔަ އަހަރު ތެރޭ އެ ރަށުން ފެނިފައެއް ނުވެއެވެ. އެ ރަށު މީހުން ބުނާ ގޮތުގައި އަތިރިމަތީ ތަނެއްގައި ހަނދާން ނެތި ފޯނު ބާއްވާފައި ދިޔަޔަސް އެ ނަގާނެ މީހަކު ނުވާނެއެވެ. އެމީހަށް ބާއްވާފައި ދެވުނު އެތި ހޯދަން އަންނަ އިރު ވެސް އެތަނުގައި އެ އެއްޗެއް އޮންނާނެއެވެ.

ވޭވަށު ފެކްޓްރީގައި އަންހެނުން މަސައްކަތް ކުރަނީ

ރަށެއްގެ ތަރަގީ އާ އެންމެ ބޮޑަށް ގުޅިފައި ވަނީ އެ ރަށެއްގެ އާބާދީގައި އޮންނަ ގާތް ގުޅުން ކަމަށް އެ ރަށު މީހުން ގަބޫލު ކުރެއެވެ. މަސްވެރިކަމުގައި ފެކްޓްރީތައް ހަދައިގެން ފުލާ ދާއިރާއެއްގައި މި މަސައްކަތް ކޮށްގެން ރަށަށް ރަނގަޅު އާމްދަނީއެއް ހޯދެނީ ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަ ކަމާއި ލޯތްބާއި، އެކުގައި ގުޅިގެން މަސައްކަތް ކުރުމުގެ ރޫހުގެ ސަބަބުން ކަމަށް ބުނެއެވެ.