ދިވެހިރާއްޖެ އަކީ މުއްސަނދި ސަގާފަތަކާއި ތާރީހެއް ލިބިގެންވާ ގުދުރަތީ ރީތިކަމުގެ ލާމަސީލު ނަމޫނާ ގައުމެކެވެ. ދިވެހިންގެ އެކިއެކި ވައްޓަފާޅިތަކަކީ އެކި ދުވަސްވަރު ރާއްޖޭގައި ވަޒަންވެރިވި ފަރާތްތަކުގެ ކިބައިން ދިވެހިންނަށް ވާރުތަވެފައިވާ ތަރިކައެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
މިގޮތުން މީގެ 86 އަހަރު ކުރިން މުޅި ދުނިޔެ ސިއްސުވާލި، ދުނިޔެ ހުއްޓުމަކަށް ގެނައި ދެވަނަ ބޮޑު ހަނގުރާމަވެސް ވަނީ ދިވެހި ތާރީހާ ގުޅިފައެވެ. 1939 ގައި ފެށުނު ދެވަނަ ބޮޑު ހަނގުރާމައިގެ އަސަރު ދިވެހިރާއްޖެއަށް ކޮށްފައިވަނީ ހަނގުރާމަ ފެށުނުތާ ހަތް މަސް ފަހުން 1940 ގައި ކަމަށް ތާރީހުގެ ފަތްފުއްތަކުން ހާމަވެއެވެ. 6 އަހަރަށް ދެމިގެން ދިޔަ މި ހަނގުރާމައިގެ ހަނދާންތައް ދިވެހިން ސިފަކުރަނީ ބިރުވެރި ހިތްދަތި ދުވަސްތަކެއްގެ ގޮތުގައެވެ. ދިވެހިން އެ ދުވަސްވަރު ދިރިއުޅުނީ ގަސްގަހާއި ރުއްރުކުގެ މުލާއި ތޮށިވެސް ކައިގެންނެވެ. ބަނޑުހައި ހޫނުކަން ފިލުވުމަށް މަގޫފަތް ވެސް ކާންޖެހުނު ދިވެހިން ތިބީ ހަނގުރާމަ ހުއްޓޭނެ ދުވަހަކަށް އިންތިޒާރު ކޮށްލަކޮށްލައެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދިވެހިރާއްޖޭގެ ރަށްތައްވެސް ވަނީ އެކިއެކި ކަންކަމުގައި ބޭނުންކޮށްފައެވެ. އެގޮތުން ހއ. ކެލައަކީ މިގޮތަށް ފާހަގަކޮށްލެވޭ ރަށެކެވެ. މި ރަށް އެ ދުވަސްވަރު ބޭނުންކޮށްފައި ވަނީ އިނގިރޭސީންގެ ފިއުލް ސްޓޭޝަނެއްގެ ގޮތުގައެވެ. އެ ރަށުގެ މައުލޫމާތު "ދަ ޕްރެސް" އަށް ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒް ވިދާޅުވީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އައްޑޫގައި އިނގިރޭސީން ވަޒަންވެރި ވެގެން އުޅުނު އިރު އެ މީހުންގެ ފިއުލް ސްޓޭޝަނެއްގެ ގޮތަށް ކެލާ ބޭނުން ކުރި ކަމަށެވެ.
މި ހަނގުރާމައިގައި އިނގިރޭސީން ބަލިވުމާއި ނުވުން ގުޅިފައި އޮތީ އިނގިރޭސީންގެ ސަޕްލައި ދެމެހެއްޓުމާއެވެ. ސަޕްލައި ދެމެހެއްޓެން އޮތީ އިންޑިއާ ކަނޑުގެ ކޮންޓްރޯލް ދެމެހެއްޓިގެންނެވެ. އެހެންކަމުން އިނގިރޭސީންނަށް ކެލާ ވެގެން ގޮސްފައި ވަނީ މުހިންމު ޕޮއިންޓަކަށެވެ.
މީގެއިތުރުން ފެން ނެގުމަށްޓަކައި ކެލާގައި ފެން ވަޅެއް ހަދައި އޭގައި މޯޓަރު ހަރުކޮށް ހެދިއެވެ. އެތަނަށް ބުންބާ ވަޅުގެ ނަމުން ނަންދެވިފައި ވާކަން ފާހަގަކޮށް އިންފާޒު ވިދާޅުވީ އޭރު ދިވެހިންނަށް މޯޓަރު ބަހައްޓައިގެން ފެން ނަގާތަން ފެނުމުން ވީ އާކަމަކަށް ކަމަށެވެ.
އިނގިރޭސީންގެ ހަތިޔާރުތައް ރައްކާކުރުމަށް ކެލާގައި ބަޑި ގުދަނެއްވެސް ހެދި
މި ބުންބާ ވަޅާ މާ ދުރުނޫން ހިސާބެއްގައި އިނގިރޭސީން އެމީހުންގެ ހަތިޔާރުތައް ރައްކާތެރި ކުރުމަށް ބަޑި ގުދަނެއް ވެސް ހެދިއެވެ. މި ގުދަނުގައި ކޮންމެވެސް ވަރަކަށް ފިސްތޯލް، ރައިފަލް އަދި އުންޑަ ގެންގުޅުނު ކަމަށް ބުނާ ކެލާގެ ބައެއް އިސް ރަށްވެހީން އެބަތިއްބެވެ. ކައުންސިލަރު އިންފާޒް ވިދާޅުވާ ގޮތުން އޭރު އިނގިރޭސީން ތެޔޮ ބޯޓާ ކައިރި ކުރަން ގެންގުޅުނު ކުޑަ ޑިންގީއެއް އެރަށު ތުނޑީ ކޮޅަށް ލައްގާފައި ވެއެވެ. މިއާއެކު އޭރު އިނގިރޭސިީންގެ ބައެއް ސްޓޯރޭޖު ނަރުދަމާގެ އިތުރުން އޭރުގެ ބައެއް އިމާރާތްތަކުގެ ފައުންޑޭޝަންތައް ވެސް އެ ހިސާބުގައި ވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
ކެލާ ތުނޑީގައި އެއްގަމާ ކައިރިން ކުއްލި އަކަށް ފުންވެފައި އޮންނަ ތަންކޮޅެއް އޮވެއެވެ. މިތަނަށް ކިޔާ އުޅެނީ ފެމުނު އަރާ ފެންގަނޑެވެ. ފެމުނު އަރާ ފެންގަނޑުގެ ނަމުން އެތަނަށް ނަންދެވުނީ އެ ތުނޑިއަށް ގިނަ އަދަދެއްގެ ވޭލް ޝާކް އަންނާތީ ކަމަށް ގަބޫލު ކުރެވެއެވެ.
އިނގިރޭސި ސަރުކާރުގެ ވެރިން އައިސް މަޑުކުރާ ވައިޖެހޭގެ
އިނގިރޭސީން ކެލާގައި އުޅުން އިރު އިނގިރޭސި ސަރުކާރުގެ ވެރިން ވަޑައިގެން މަޑުކުރާތަނެއްގެ ގޮތުގައި ހެދި ތަނަކަށް ވައި ޖެހޭ ގެއޭ ކިޔައެވެ. މި ތަން ހުންނަނީ ކެލާގެ ސުކޫލު ކައިރީގައެވެ. ނަމަވެސް އެތަން ރައީސް މައުމޫނުގެ ސަރުކާރުގައި ބޭނުންކުރެވިގެން ދިޔައީ ގެސްޓު ހައުސް އެއް ގޮތަށެވެ. އެގޮތުން ގެސްޓުން ޒިޔާރާތް ކުރަން އެކޮމުޑޭޝަން ދޭ ތަނެއްގެ ގޮތުގައެވެ. އިންފާޒް ވިދާޅުވި ގޮތުގައި އެ ބޭފުޅުންނާ ހިސާބަށް އައިއިރު މިހާރު ހުރީ ވައި ޖެހޭ ގޭގެ ފާރުގަނޑު އެކަންޏެވެ. އެތަން ހިމާޔަތް ކުރުމަށް މާ ބޮޑު މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.
މި ތަންތަނުގެ އިތުރުންވެސް ކެލާގައި އާސާރީ ތަންތަން އެބަހުއްޓެވެ. އެގޮތުން ދެއްވަދޫ ރަސްގެފާނު ކެލާގައި ވަނީ އާސާރީ މިސްކިތެއްވެސް ބިނާކުރައްވާފައެވެ. ހުކުރު މިސްކިތޭވެސް ކިޔޭ މި މިސްކިތަކީ މާލޭގެ ހުކުރު މިސްކިތް ހުންނަ ގޮތައް ހިރިގަލުން ހަދާފައިވާ މިސްކިތެކެވެ. މަތި ވަޑާން ގަނޑު ލަކުޑިން ހަދާ ލިޔެލާ ޖަހާފަ ހުރި މި މިސްކިތުން އޭރު ދިވެހިންގެ ފަންނުވެރިކަން ހާމަވެގެން ދެއެވެ.
400 އަށްވުރެ ގިނަ އަހަރުވީ ކެލާގެ އާސާރީ މިސްކިތް - މަރާމާތު ކުރުމުގައި ގޮންޖެހުންތަކެއް
މި މިސްކިތައް ގާތްގަނޑަކަށް 400 އަށްވުރެ ގިނަ އަހަރު ވެދާނެ ކަން ފާހަގަކުރައްވަމުން އިންފާޒް ވަނީ މި މިސްކިތް މިއަދު މަރާމާތުކޮށް ބެލެހެއްޓުމުގައި ދަތި ތަކެއް ދިމާވާކަން ފާހަގަކުރައްވާފައެވެ.
ދެއްވަދޫ ރަސްގެފާނުގެ ސިއްކަވެސް ހުރި މި މިސްކިތް މަރާމާތުކުރުމަށް މިނިސްޓްރީގެ ފަރާތުން ބޭނުންވާ ވަރުގެ ފަންޑެއް ނުލިބޭކަމަށް އިންފާޒް ވިދާޅުވިއެވެ. ކެލާ ކައުންސިލުން މިހާރު ދަނީ މިނިސްޓްރީ އާއި ގުޅިގެން ކޯޓޭޝަން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ކެލާގައި މި މިސްކިތް މަރާމާތު ކުރެވޭނެ ފަދަ ހުންނަނީ އެންމެ ފަންނީ ފަރާތެކެވެ. އެހެންކަމުން އެއީވެސް މިކަން ކުރުމަށް ދިމާވާ ގޮންޖެހުމެއް ގޮތުގައި އިންފާޒް ވަނީ ސިފަކުރައްވާފައެވެ.
މި މިސްކިތުގެ ގޯތިތެރޭގައި ގަބުރުސްތާނެއް ހުރިއިރު އެ ގަބުރުސްތާނުގައިވެސް 200 އަށްވުރެ ގިނަ އަހަރުވީ މަހާނަގާތައް އެބަހުއްޓެވެ. މީގެއިތުރުން ކެލާގައި ހިމާޔަތްކޮށްފައިވާ 300 އަހަރުވީ ކިނބި ގަހެއްވެސް ހުރެއެވެ. މި ގަސް ހުންނަނީ ކެލާ ސުކޫލުގެ ތެރޭގައެވެ.
ދިވެހިރާއްޖޭގެ އާސާރީ ތަންތަނާއި ތަރިކަތައް ބަލާލާ އެތަންތަން ތަޖުރިބާ ކޮށްލަން ބޭނުންނަމަ ދާންވީ ކެލާއަށެވެ. އެރަށު ރައްޔިތުންނަކީ ހީވާގި މަސައްކަތެރި ބައެކެވެ. ކެލާގައި އާމްދަނީ ހޯދުމަށްޓަކައި މައިގަނޑު ގޮތެއްގައި ކޮށް އުޅެނީ ދަނޑުވެރިކަމާއި، ކޮންސްޓްރަކްޝަންގެ އިތުރުން ލޯކަލް ޓޫރިޒަމްގެ މަސައްކަތެވެ.
އިންފާޒް ވިދާޅުވި ގޮތުގައި މިރަށުގެ މަގުތައް ކުނިކަހާ ސާފުކުރުމުގައި ރަށުގެ އަންހެންވެރިން ދައްކަނީ ނަމޫނާއެވެ. ޖުމްލަ 2463 މީހުންގެ އާބާދީއެއް އޮންނަ ކެލާގައި މިވަގުތު ދިރިއުޅެމުން ދަނީ ގާތްގަނޑަކަށް 1200 އެއްހާ މީހުންނެވެ. އިންފާޒް ވިދާޅުވި ގޮތުގައި ރަށުގެ އާބާދީގެ ބޮޑު ޕަސެންޓެއް ދިރިއުޅެނީ މަލޭ ސަރަހައްދުގައި އާއި އެހެން ރަށްރަށުގައެވެ.