ޕާޓީއެއްގެ ސިޔާސަތުތަކެއް ވިއްކައިގެން މަގާމަށް އައުމަށް ފަހު އެހެން ފިކުރަކާ ގުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި ނަމަވެސް އުސޫލެއްގެ ގޮތުން އެ ބިލަށް ތާއީދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އުސޫލެއްގެ ގޮތުން އެންޓި ޑިފެކްޝަން ބިލަށް ތާއީދު ކުރައްވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ ގިނަ ފަހަރަށް މެންބަރުން ސިޔާސީ ޕާޓީ ބަދަލު ކުރާ މަގުބޫލު ސަބަބުތައް ހުންނަކަމަށެވެ.

އެ ގޮތުން އެމްޑީޕީގެ އެތެރޭގެ އުސޫލުތައް ގަބޫލު ނުކުރެވޭތީ 13 މެންބަރަކު ޕީއެންސީ އާ ގުޅުނީ ޖާއިޒު ސަބަބުތަކެއް ހުރުމުން ކަމުގައި ރައީސް ވިދާޅުވިއެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމަށް ބޭނުންވާ މެންބަރުން އަބަދުވެސް އިސް ކުރާނީ ގައުމުކަން ފާހަގަކު ރައްވަމުން ރައީސް ވިދާޅުވީ އެމްޑީޕީގެ މެންބަރުންތަކެއް ޕީއެންސީއާ ގުޅުމަށް ދިމާވި ހާލަތު އެންމެންނަށް ވެސް އެނގޭނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އުސޫލެއްގެ ގޮތުން ބަލާއިރު، ޕާޓީގެ ސިޔާސަތުތަކެއް ވިއްކައިގެން އިންތިހާބީ މަގާމަށް އައުމަށް ފަހު އެ ޕާޓީއެއްގައި ދެމި ހުރުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތް ކަމަށެވެ. މި ގޮތުން ސިޔާސީ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކޮށް، ލިބޭ ޓިކެޓުގައި މަގާމަށް އިންތިހާބު ވެގެން އަންނަނީ ޕާޓީގެ ޕޮލިސީތައް ވިއްކައިގެން ކަމަށެވެ. އަދި އޭރު ގަބޫލު ކުރި އަސާސްތައް ދޫކޮށްލުމަށް ފަހު އެހެން ފިކުރަކާ ގުޅުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމުގައި އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.