ސޮނީ ޓީވީ އިން ދައްކަމުން އައި ލަވަ ޝޯ އިންޑިއަން އައިޑަލްގެ 14 ވަނަ ސީޒަންގެ ޓްރޮފީ ވައިބަވް ގުޕްތާ އުފުލާލައިފިއެވެ.

އައިޑަލްގެ ޓްރޮފީ އާއެކު ވައިބަވް އަށް ވަނީ 25 ލައްކަ ރުޕީސް ގެ އިތުރުން އަގުބޮޑު ކާރެއް ވެސް ލިބިފައެވެ. ވައިބަވް އާ އެންމެ ގާތުން ވާދަކުރި ލަވަކިޔުންތެރިންނަކީ ޝުބަދީޕް ދާސް ޗައުދަރީ އާއި ޕިޔޫޝް ޕަންވަރެވެ. ޝުބަދީޕަށް ދެވަނަ ލިބުނުއިރު ޕިޔޫޝް އަށް ވަނީ އައިޑަލްގެ ތިން ވަނަ ލިބިފައެވެ. އެއާއެކު ދެ ލަވަކިޔުންތެރިންނަށްވެސް ވަނީ ތިން ލައްކަ ރުޕީސް ލިބިފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ ޕްރީމިއާކުރި "އިންޑިއަން އައިޑޮލް 14" ގެ ޖަޖުންނަކީ ކުމާރު ސާނޫ އާއި ޝްރެޔާ ގޯޝާލްގެ އިތުރުން ވިޝާލް ދަދްލާނީ އެވެ. ވައިބަވަށް ޝޯގެ ޓްރޮފީ ލިބުނޫ ބެލުންތެރިންގެ އެންމެ ގިނަ ވޯޓުންނާއި ޖަޖުންގެ ފަރާތުން ލިބުނު މާކުސް އެއްކޮށްލައިގެން ޖުމްލަ އެންމެ މަތީ މާކުސް ލިބުމުންނެވެ.

ވައިބަވް ބުނީ ޓްރޮފީ ލިބުމުން ކުރެވޭ އިހުސާސްތައް ވެސް ނޭނގޭ ކަމަށާއި މިއީ އޭނާ ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ. ޝޯ ފެށުނީއްސުރެ ވެސް ގިނަ ބައެއްގެ ފޭވަރިޓްގެ ގޮތުގައި ވައިބަވް ވެގެންދިޔައިރު ޖަޖުންގެ ފަރާތުންވެސް އޭނާ އަށް ގިނައިން ލިބުނީ ޕޮޒިޓިވް ކޮމެންޓްސްއެވެ.

އިންޑިއަން އައިޑަލްގެ 13 ވަނަ ސީޒަންގެ ޓްރޮފީ އުފުލާލީ ރިޝީ ސިންޖް އެވެ.