"ޓޫ އޮފް އަސް" އަށް ބޮޑެތި ތުހުމަތުތަކެއް ކުރުމަށްފަހު އެ ބޭންޑުގެ މެންބަރު ރާއްޖޭގެ ފާހަގަކޮށްލެވޭ ގިޓަރިސްޓު، އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެ ބޭންޑުން ވަކިވެއްޖެއެވެ.

އެ ބޭންޑުން ޝަހީދު ވަކިވިކަން ހާމަކޮށް އޭނާ ނެރުނު ބަޔާނެއްގައި ބުނީ އެ ނިންމުން ނިންމާފައި ވަނީ ވަރަށް ދުވަހު އެކަމާ ވިސްނުމަށްފަހު ކަމަށެވެ. އަދި އެއީ ވަރަށް އުނދަގޫ ނިންމުމެއްކަން ފާހަގަކޮށް ޝަހީދު ބުނީ، އެ ބޭންޑުން ވަކިވީ އެ ނޫން އިތުރު ގޮތެއް ނެތުމުން ކަމަށެވެ.

އެގޮތުން، ޝަހީދު ބޭންޑުން ވަކިވާން ނިންމި މައިގަނޑު ސަބަބަކީ ބޭންޑުގެ މާލީ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ނުގެންދިއުމުގެ އިތުރުން އެއްބަސްވެފައިވާ ގޮތަށް އުޖޫރަ ނުދިނުމުގެ ސަބަބުން ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ހަމަ އެހެންމެ ބޭންޑާއެކު ދަތުރު ފެށީ ވަރަށް އުންމީދީ އަދި ހެޔޮ ނިޔަތަކާ އެކު ނަމަވެސް އެކަން ބަދަލުވެގެން ދިޔައީ ނުތަނަވަސްކަމާއި ނޭދެވޭ ކަންތައްތަކުން ފުރިގެންވާ ހިތްދަތި ތަޖުރިބާއަކުން ކަމަށް ޝަހީދު ވަނީ ސިފަކޮށްފައެވެ. މީގެ އިތުރުން ވެސް އޭނާ ފާހަގަ ކުރި ކަންކަމަކީ:

  • ފަންނީ ގޮތުންނާއި މަސައްކަތުގެ ގޮތުން ކުރިއަށް ދާން އެއްވެސް ފުރުސަތެއް ނެތް
  • ދެ ފަރާތުން އެކަކު އަނެކަކަށް ދޭންޖެހޭ އިހުތިރާމް ކުޑަވުން
  • އޮނިގަނޑު ރޭވިފައި އޮތީ އެންމެން ގުޅިގެން ކުރާ މަސައްކަތެއްގެ ބަދަލުގައި، އެކަކު ބޭނުންވާ ގޮތަށް ހިންގާ "ވަން މޭން ޝޯ" އަކަށް
  • މިއުޒިކް ދާއިރާގައި އޭނާ ހޭދަކުރި 25 އަހަރުގެ ތަޖުރިބާއަށް އެއްވެސް އިހުތިރާމެއް ނުބެހެއްޓުން

އެހެން ނަމަވެސް "ޓޫ އޮފް އަސް"ގެ ނަމުގައި، އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގައި ބައިވެރިވުމަށް ލިބުނު ފުރުސަތެއް ކަމަށް ބުނެ އޭނާ ވަނީ އެ ބޭންޑަށް ލިބުނު ކާމިޔާބީއާ މެދުގައި ފަހުރުވެރިވާ ކަމަށް ބުނެފައެވެ. އަދި އޭނާގެ ބަޔާން ނިންމާލާފައި ވަނީ ބޭންޑުގައި ބާކީ ތިބި މެންބަރުންނަށް ކުރިއަށް އޮތް ތަނުގައި ކާމިޔާބީއަށް އެދެމުންނެވެ.

މި ބޭންޑަކީ ދާދި ފަހުން އިންޑިއާގައި ނިންމައިލި 'ބެޓްލް އޮފް ބޭންޑް އިންޓަނޭޝަނަލް ގެ ތިން ވަނަ ހޯދުމަށް ފަހު، މިހާރު އިނގިރޭސިވިލާތުގެ ބްރިޓަންސް ގޮޓް ޓެލެންޓް (ބީޖީޓީ) ގައި ވެސް ބައިވެރިވުމުގެ ފުރުސަތު ލިބުނު ބޭންޑެކެވެ. އޭގެ ފަހުން އެ ބޭންޑުން ވަނީ މާލެ އާއި ރަށްރަށުގެ އިތުރުން ރާއްޖެއިން ބޭރުގައި ވެސް ޝޯތަކެއް ދީފައެވެ.

ފަސް މީހުންގެ މައްޗަށް އެކުލެވުނު މި ބޭންޑުގައި ހިމެނުނީ އަހުމަދު އަދުހަމް، އަބްދުﷲ ޝަމްރޫހް، މުހައްމަދު ނަސޫހު ބިން ނަސްރުއްދީން، އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) އަދި އަހުމަދު ޖަޝީމެވެ. ނަމަވެސް ނަސޫހު ވަނީ މިދިޔަ އޮކްޓޯބަރު މަހު ބޭންޑާ ވަކިވެފައެވެ. އެކަމަކުއޭނާ ވަކިވީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފުކޮށްދީފައި ނުވެއެވެ. އެހެންކަމުން ދެން ބޭންޑުގައި ތިބޭނީ ބާކީ ތިން މެންބަރުންނެވެ.