އުރީދޫ ފަން ރަން މިއުޒިކް ޝޯގައި ތަފާތު އަދި ހުނަރުވެރި އެކި މިއުޒިކް ބޭންޑުތަކުން ބައިވެރިވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫ ފަންރަން މިއުޒިކް ޝޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ 18 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:00 އިން ރޭގަނޑު 11:59 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި ފެސްޓިވަލްގެ ތެރެއިން މިއަހަރުގެ މިއުޒިކް ޝޯ ގައި ރާއްޖޭގެ އެންމެ ހުނަރުވެރި އަދި މަޝްހޫރު ބޭންޑްތައް ހިމެނެއެވެ. އެގޮތުން ރާއްޖޭގައި ނަން މަޝްހޫރު ޓްރެފިކް ޖޭމް، އިކުއެޓިކް ވައިބް، ހަބޭސް އަދި ސިމްބޮލިކް ރެކޯޑްސް ހިމެނޭއިރު، ފަން ރަންގެ ބައިވެރިންނަށާއި، އާއިލާތަކަށާއި، މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށާއި، މުޅި މުޖުތަމައަށް ހިތްގައިމު މާހައުލެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ފަން ރަން އަކީ ހަމައެކަނި ދުވުމެއް ނޫނެވެ. މިއީ މުޖުތަމައުގެ ދުޅަހެޔޮކަމާއި އުފާވެރިކަން ދައްކުވައިދޭ ހަރަކާތެއް ކަމަށް ވެއެވެ.

މިފަދަ ޝޯއެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ މީހުން އެއްތަނަކަށް އެއްކޮށް، އެކްޓިވް ދިރިއުޅުމަށް ހިތްވަރުދީ، ދިވެހި ހުނަރު ދައްކާލުމަށް ހިތްވަރު ދިނުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އުރީދޫ ފަން ރަން މިއުޒިކް ޝޯ އަކީ އާންމުންނަށް ހުޅުވާލައިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޝޯ އެކެވެ.