އޮސްޓްރޭލިއާގެ މަޝްހޫރު ބޭންޑު 'ބިޔޯން އަގެއިން'ގެ މިއުޒިކް ޝޯ ކެންސަލްކުރަން ސަރުކާރުން އަންގާފައި ނުވާނެ ކަމަށް ޔޫތް މިނިސްޓްރީން ހާމަކޮށްފިއެވެ.

ބިޔޯންގެ ޝޯ ބާއްވަން ހަމަޖެހިފަ އިވަނީ މާދަމާ ރޭ ސޯޝަލް ސެންޓަރުގައެވެ. އުބާ އިވެންޓްސްއިން ސްޕޮންސަރުން ހޯދައި، ޓިކެޓު ވެސް ވިއްކާފައި ވަނިކޮށް ސަރުކާރުން މި ޝޯ ހުޓުވާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކަންބޮޑުވުންވެސް ފާޅު ކުރަމުންނެވެ.

އެގޮތުން މި މައްސަލައާއި ގުޅިގެން ނުރުހުން ފާޅު ކުރައްވާ ކުރީގެ ރައީސް ނަޝީދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝޯ، ރާއްޖޭގައި މަނާކޮށްގެން ނުވާނެ ކަމަށާއި ރާއްޖެއަކީ ހުރިހާ ދިވެހިންގެ ތަނަކަށް ވާއިރު، ޒުވާނުން އެދޭ ކަންކަން ކުރެވޭނެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ.

ނަމަވެސް އެ ވާހަކަތައް ދޮގުކޮށް މިނިސްޓްރީން މިއަދު ބުނީ، ސަރުކާރުން ޝޯ ކެންސަލްކުރި ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށާއި އެދުނީ އެހެން ތަނަކަށް ބަދަލުކޮށްދޭން ކަމަށެވެ.

އަދި އެކަމުގައި އެހީތެރިވެދޭނެކަމުގެ ޔަގީންކަންވެސް އޯގަނައިޒަރަށް ދީފައިވާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި އެގޮތަށް އެދުނީ ސޯޝަލް ސެންޓަރުގެ ސްޓޭޖުގެ ފުރާޅު ހިމެނޭގޮތަށް، އިންޑޯ ހޯލުގައި ވަގުތުން ކުރަން ހުރި ބޮޑެތި މަރާމާތުތަކެއް ހުރުމުން ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

މި ޝޯގައި ބިޔޯންގެ އިތުރުން އެ ޝޯގައި ދިވެހި ބައެއް ފަންނާނުން ވެސް ޕާފޯމް ކުރަން ވަނީ ހަމަޖެހިފައެވެ. ބިޔޯން އެގެއިން އަކީ އޮސްޓްރޭލިއާގެ، އޭބީބީއޭ އިން އިންސްޕަޔާވެގެން އުފެދިފައިވާ، އެކި ގައުމުތަކުގެ ފަންނާނުން ހިމެނޭ ޓްރިބިއުޓް ބޭންޑެކެވެ. 1988 ވަނަ އަހަރު އުފެދުނު މި ބޭންޑުން ދަނީ މުޅި ދުނިޔޭގައި ޕާފޯމް ކުރަމުންނެވެ.