ބެޓަލް އޮފް ދަ ބޭންޑްސްގެ ސެމީ ފައިނަލުން ރާއްޖޭގެ މިޔުޒިކް ބޭންޑުން ޖާގަ ހޯދައިފިއެވެ.

ބައިނަލްއަގްވާމީ މިޔުޒިކް ބޭންޑުތަކުގެ މެދުގައި ކުރިއަށްގެންދާ ރިއަލްޓީ ޝޯއެއް ކަމަށްވާ ބެޓަލް އޮފް ދަ ބޭނޑްގެ ޝޯތައް ކުރިއަށް ގެންދަނީ އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގައެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލް ކުރަމުންދަނީ 'ޓޫއޮފްއަސް' މި ބޭންޑުންނެވެ.

މި މުބާރާތް ފެށުނު ހިސާބުން ވެސް ރާއްޖޭގެ މި ބޭންޑުން ދަނީ ޖަޖުން އާ ޝޯހު ކުރުވާ ފަދަ ހުށަހެޅުންތަކެއް ހުށަހަޅަމުންނެވެ. އިންޑިއާގެ ފުންނާބު އުސް ލަވަކިޔުންތެރި ޖަޖުންގެ ޕެނަލްގައި ހިމެނޭއިރު ގެސްޓް ޖަޖުންގެ ގޮތުގައި ވެސް ކޮންމެ ޝޯއެއްގައި ތަފާތު ޖަޖެއް ބައިވެރިވެއެވެ. "ޓޫއޮފްއަސް' ގެ ހުށަހެޅުންތަކުން ޝޯގެ ބެލުންތެރިންނާއި ދިވެހީންގެ ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ.

މި ބޭންޑުގައި ހިމެނެނީ:

  • އަހުމަދު ޖަޝީމް
  • އަބްދުﷲ ޝަމްރޫހު
  • ހުމަދު ޝަހީދު (ޝަހީދު ލެގަސީ)
  • އަހުމަދު އަދުހަމް
  • މުހައްމަދު ނަސޫހު ބިން ނަސްރުއްދީން

12 ބޭންޑެއް ވާދަކުރާ މި މުބާރާތުގައި އެލިމިނޭޝަން ރައުންޑުން ސެމީ ފައިނަލަށް ގޮސްފައިވަނީ 6 ޓީމެކެވެ. އޭގެ ތެރޭގައި ރާއްޖޭގެ ފަހުރުވެރި 'ޓޫއޮފްއަސް' ހިމެނެއެވެ. މުބާރާތުގެ ސެމީ ފައިނަލުން އެއް ބޭންޑު ކަޓާއިރު ފައިނަލުގައި 5 ބޭންޑު ވާދަ ކުރުމަށް ހަމަޖެހިފައި ވެއެވެ. ފައިނަލް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު އެވެ.

މިއީ ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ދިވެހި ބޭންޑެއް ބައިވެރިވި ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި ދިވެހި ބޭންޑު ވަނީ ދިވެހި އާއި ހިންދީ ލަވަތައް ވެސް ހުށަހަޅާދީފައެވެ. އެ ހުށަހެޅުންތަކަށް މަޝްހޫރު އެއް މިޔުޒިކް ކޮމްޕޯސަރު ކަމަށްވާ އަނޫ މަލިކްވެސް ވަނީ ތައުރީފް ކޮށްފައެވެ.

ރާއްޖޭގެ އިތުރުން އެ މުބާރާތުގައި އަފްޣާނިސްތާން، މޮރިޝަސް، ސިންގަޕޫރު، ނޭޕާލް، ސްރީލަންކާ، ރަޝިއާ، ސްޕެއިން، ތަޖިކިސްތާން އަދި އިނގިރޭސި ވިލާތުގެ ބޭންޑްތައް ބައިވެރިވެ އެވެ.