ބެޓަލް އޮފް ދަ ބޭންޑްސްގެ ފަހުރުވެރި 3 ވަނަ ރާއްޖޭގެ ބޭންޑުން ހޯދައިފިއެވެ.
ބައިނަލްއަގްވާމީ މިޔުޒިކް ބޭންޑުތަކުގެ މެދުގައި ކުރިއަށްގެންދާ ރިއަލްޓީ ޝޯއެއް ކަމަށްވާ ބެޓަލް އޮފް ދަ ބޭނޑްގެ ޝޯތައް ކުރިއަށް ގެންދަނީ އިންޑިއާގެ މުމްބާއީގައެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލް ކުރަމުންދަނީ 'ޓޫއޮފްއަސް' މި ބޭންޑުންނެވެ.
މި މުބާރާތުގައި "ޓޫ އޮފްއަސް" އިން ހުށަހަޅާދިން ހުރިހާ ހުށަހެޅުންތަކަކީ ވެސް ޖަޖުންނާއި އާންމުން އާޝޯހު ކުރުވި ހިތްގައިމު ހުށަހެޅުންތަކެކެވެ. ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ލަވަކިޔުންތެރިންނާއި މިއުޒިކް އުފެއްދުންތެރިން/ޖަޖުން އެ ހުށަހެޅުންތަކަށް ތައުރީފު ކޮށްފައި ވެއެވެ.
12 ބޭންޑަކުން ބައިވެރިވި މި މުބާރާތުގައި ދިވެހި ބޭންޑު އެލިމިނޭޝަން ރައުންޑު ކާމިޔާބުކޮށް، ސެމީ ފައިނަލުން ޖާގަ ކަށަވަރު ކުރީ މި މަހުގެ 1 ވަނަ ދުވަހުއެވެ. އަދި ސެމީ ފައިނަލުގައި މޮޅު ހުށަހެޅުމެއް ހުށަހަޅާ ބޭންޑު ފައިނަލަށް ދަތުރު ކުރިއިރު މިއަދު ހަވީރު އޮތް ފައިނަލުގައި ވެސް ބޭންޑުން ވަނީ ތަފާތު ހުށަހެޅުމެއް ހުށަހަޅާދީފައެވެ.
މިއަދުގެ ޝޯގައި ދިވެހި ބޭންޑުން ހުށަހަޅާ ދީފައި ވަނީ "އެހެރީ ދިވެހި ނިޝާން" މިލަވައެވެ. މި ލަވައިގެ އަސްލު ހިންދީ ލަވައާ އެއްކޮށް ގެނެސްދިން ލަވަ އާއި ހުށަހެޅުމަށް ޖަޖުންގެ ތައުރީފް އޮއްސާލިއެވެ. ފައިނަލުގައި ވާދަކުރި 5 ބޭންޑުގެ ތެރެއިން ދިވެހި ބޭންޑު ކާމިޔާބު ކޮށްފައި ވަނީ މުބާރާތުގެ 3 ވަނައެވެ. މި މުބާރާތުގެ ފަހުރުވެރި އެއްވަނަ ކާމިޔާބުކުރީ މޮރިޝަސްގެ ބޭންޑު "އެބަނެޒް"އެވެ. އަދި ދެވަނަ ހޯދާފައި ވަނީ އަވަށްޓެރި ސްރީލަންކާގެ ބޭންޑު "ނައިޓްސް"އިންނެވެ.
މުބާރާތް ކާމިޔާބު ކުރުމަށްފަހު އެ ބޭންޑުން ނެރުނު ބަޔާނެއްގައި ބުނީ، މުބާރާތުން ލިބުނު ކާމިޔާބީއަކީ ދިވެހި ގައުމަށް ހޯދައިދިން ކާމިޔާބީއެއް ކަމަށެވެ. އެ ކާމިޔާބީގެ ހަގީގީ ހައްގުވެރިންނަކީ މިއަދާ ހަމައަށް "ޓޫ އޮފް އަސް"އާ އެކު ދެމިތިބި އެ ބޭންޑުގެ ސަޕޯޓަރުން ކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ، ދިވެހީންގެ ފަރާތުން ލިބެމުން އައި ލޯތްބާއި ތަރުހީބަކީ ގްރޭންޑް ފިނާލޭއިން ޖާގަ ކަށަވަރު ކުރުމަށް ލިބުނު އެންމެ ބޮޑު ހިތްވަރު ކަމަށެވެ.
މިއީ ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ދިވެހި ބޭންޑެއް ބައިވެރިވި ފުރަތަމަ ފަހަރެވެ. މިފަދަ މުބާރާތެއްގައި ދިޗެހިންގެ ފަރާތުން ތަފާތު ހުށަހެޅުންތަކެއް ހުށަހަޅާދިން އިރު މުބާރާތް ނިންމާލާފައި ވެސް މިވަނީ ދިވެހިން ފަހުރުވެރިވާނެ ފަދަ ވަނައަކާއެކު އެވެ.