އިންތިހާބު ލަސްކުރާ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ. މިއާއެކު މަޖިލިސް އިންތިހާބު އޮންނާނީ ރޯދައިގެ ފަހުންނެވެ.
ރައީސް ނ. ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ތަސްދީގު ކުރެއްވުމަށް ދައުލަތުގެ ބަންޑާރަ ނާއިބުގެ ލަފާފުޅަކަށް އެދިވަޑައިގެންފައި ވާކަމަށާ، ބަންޑާރަ ނާއިބު ދެއްވަވާ ލަފާފުޅަކާ އެއްގޮތަށް އަމަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މި ބިލް ތަސްދީގު ކުރެއްވުމަށް ބަންޑާރަ ނައިބު ލަފާ ދެއްވުމުން ބިލޔ ތަސްދީގު ކުރައްވާފައި ވާ އިރު، ރައީސް ވަނީ އަބަދުވެސް ގާނޫނުއަސާސީ ނަގަހައްޓަވާނެކަމަށާ، ކޮންމެ ކަމެއްވެސް ކުރައްވާނީ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް މީގެ ކުރިންވެސް ވިދާޅުވެފައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރަމަޟާން މަހާ ދިމާވާތީ ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އަދި ޖެހިގެން އަދި 12 ވަނަ ދުވަހު އެ ބިލު ތަސްދީގު ކުރުމަށް ރައީސަށް ފޮނުވި ނަމަވެސް ތަސްދީގު ނުކުރައްވައި އަންބުރާ މަޖިލީހަށް ފޮނުވާލީއެވެ.
އެއާއެކު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ނިންމީ ބިލްގެ އިސްލާހު ފާސްކުރި ގޮތަށް ދެވަނަ ފަހަރަށް ފާސްކޮށް ތަސްދީގު ކުރުމަށް ރައީސަށް ފޮނުވާށެވެ. އެއާއެކު ވެސް ރައީސް ބިލް ތަސްދީގު ނުކުރައްވައި، ބަންޑާރަ ނައިބުގެ ލަފާފުޅަކަށް މަޑުކުރެއްވުމަށް ފަހު މިއަދު ބިލް ތަސްދީގު ކުރެއްވުމާއެކު ދެން އޮންނާނީ އިންތިހާބުގެ ތާރީހު ކަނޑައެޅުމެވެ. އެކަން ކުރާނީ ގާނޫނުގައި އޮންނަ ގޮތުމެ މަތިން އިލްކެޝަން ކޮމިޝަނުންނެވެ.