ޕްރެފަރެންޝަލް ވޯޓިން ނިޒާމަކުން އެއްބުރުން ވެރިޔަކު ހޮވަން ތާއީދުކުރައްވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހާމަކުރައްވައިފިއެވެ.
'އެކްސް'ގައި އެމަނިކުފާނު އެކަން ހާމަކުރެއްވީ ޕްރެފަރެންޝަލް ވޯޓިން ނިޒާމު ރާއްޖެއަށް ތައާރަފްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިސްނަވާ ކަމެއް ކަމުގައި، ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ އިބްރާހީމް އަބާން 'އެކްސް'ގައި ރޭ ލިޔުއްވާފައި ވަނިކޮށެވެ.
ނަމަވެސް މިކަމާ ގުޅޭގޮތުން ރައީސް އޮފީހަކުން ވެސް ރަސްމީ ބަހެއް އަދި ނުބުނެއެވެ. އަދި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހީމް ޚަލީލާއި ބަންޑާރަނައިބު އަހްމަދު އުޝާމްގެ ބަހެއް މިކަމާ ގުޅޭގޮތުން ލިބޭ ގޮތެއް ނުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި ޕްރެފަރެންޝަލް ސިސްޓަމެއް ތައާރަފްކުރަން ތާއީދުކޮށް، ސަރުކާރަށް ތާއީދުކުރާ ބައެއް އެކްޓިވިސްޓުން 'އެކްސް'ގައި ޕޯސްޓުތަކެއް ކޮށްފައިވެއެވެ.
ޕްރެފަރެންޝަލް ނިޒާމެއްގައި އަމަލުކުރަނީ ކިހިނެއް؟
ޕްރެފަރެންޝަލް ނިޒާމެއްގައި ވޯޓު ދޭން ޖެހޭނީ ކުރިމަތިލާ ކެންޑިޑޭޓުން ރޭޓްކޮށްގެންނެވެ. އެއީ އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަށް 'އެކެއް'، ދެވަނައަށް ކަމުދާ ކެންޑިޑޭޓަކަށް 'ދޭއް'، މިފަދަ ގޮތަކަށެވެ. ރާއްޖޭގައި މިހާރު ވޯޓުލާ ނިޒާމާ ހިލާފަށް، ވޯޓު ކަރުދާހުގައި ކެންޑިޑޭޓާ ދިމާލަށް އޮންނަ ގޮޅީގައި ޖަހާނީ ނަންބަރެވެ.
50 ޕަސެންޓަށް ވުރެ ގިނަ މީހުން އެއް ކެންޑިޑޭޓަކަށް 'އެކެއް'ގެ ރޭންކު ދީފިނަމަ އެ ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބުކުރީއެވެ. ނޫން ނަމަ ދެން އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓުންނަށް ބަލައި، މަދުން ވޯޓު ލިބުނު ކެންޑިޑޭޓުން އުނިކޮށް، އުނިކުރި ކެންޑިޑޭޓުންނަށް ލިބުނު ވޯޓުތަކުގައި ހިމެނޭ ދެން އޮތް ނަންބަރުގެ ވޯޓުތައް ގުނައި ކުރިން ލިބުނު ވޯޓުތަކަށް އެއްކުރަމުން ދާނީއެވެ.