ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވައި، ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރު އުވާލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގަސްތުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ޖުމްހޫރި ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު 11 ކަމުގައިވީ ނަމަވެސް، މިހާރު ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވަނީ ނޮވެމްބަރު 17 ވަނަ ދުވަހު ކަމަށެވެ.
ގާނޫނު އޮތް ގޮތުން މިކަން ބަދަލުކުރުމަކީ ރައީސްއަށް ނިންމެވޭނެ ނިންމެވުމެއް ނޫން ކަމަށާއި، އެއީ މަޖިލިސް މެންބަރުންނަށް ވެސް ނިންމޭނެ ނިންމުމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ދައުރު ނިމޭ ދުވަސް ނޮވެމްބަރު 11 އަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ގަސްތުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެފަދަ އާބާދީ ކުޑަ ގައުމެއްގައި ރިޔާސީ އިންތިހާބު އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަކީ އެންމެ އެދެވޭ ގޮތް ކަމަށް ގަބޫލުކުރައްވާ ކަމުގައެވެ. އަދި 2 އިންތިހާބާ ދެމެދު ދެ ތިން ހަތަރު މަސް އޮންނައިރު، 2 އިންތިހާބު ވަކިން ބޭއްވުމަށް އެތައް ހަރަދެއް ހިނގާކަން ރައީސް ފާހަގަކުރެއްވިއެވެ.
އޭގެ ބަދަލުގައި ރިޔާސީ އިންތިހާބާއެކު މަޖިލިސް އިންތިހާބު ބޭއްވުމަކީ އިންތިހާބަށް ހޭދަވާ ހަރަދު ކުޑަ ކުރެވޭނެ ގޮތެއް ކަމަށާއި އެކަމަށް ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ގަސްތުކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުން އެގޮތަށް އެދޭނަމަ، ރިޔާސީ އަދި މަޖިލިސް އިންތިހާބު އެކުއެކީ ބާއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ "ޕްރިފަރެންޝަލް ވޯޓިން"އެއް ނަގައި ރިޔާސި އިންތިހާބުގެ ދެވަނަ ބުރު އުވާލުމާމެދު ރައްޔިތުން ދެކޭ ގޮތް ބައްލަވާނެ ކަމަށެވެ. އެގޮތުން ރައްޔިތުން އެދޭނަމަ، 2 ވަނަ ބުރަކަށް ދާންޖެހޭ ހާލަތެއްގައި އިހްތިޔާރު ކުރާނެ ވެރިއަކު ފުރަތަމަ ބުރުގެ ވޯޓުލުމުގައި ކަނޑައެޅޭނޭ ގޮތަށް ކަންކަން ބަދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަން ކުރައްވާނީ ދިރާސާ ކުރުމަށްފަހު އެއީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމުގައިވާނަމަ ކަމުގައެވެ. އަދި އެކަމުގެ ސަބަބުން އިންތިހާބުތަކަށް ކުރާ ހަރަދު ކުޑަވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.