ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުމަކީ ރައްޔިތުންނަށް ފައިދާ ވާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ޕީއެންސީގެ ހަރުގެ، ހ. ވެޔޮވިލާގައި މިހާރު ކުރިއަށްދާ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރައްޔިތުންގެ ފައިސާއިން 120 މިލިއަނަށް ވުރެ ގިނަ ފުރިޔާ ހަރަދުވެފައިވާ ކަމަށެވެ. އެ އިންތިހާބަށް ކުރި ހަރަދުތަކުގެ ތެރެއިން އަދި ސާފުނުވާ ބައެއް ބިލުތައް ހުރުމުން ސީދާ އެ އިންތިހާބަށް ދިޔަ ހަރަދު ވިދާލުނުވެވުނަސް މަދުވެގެން އެހާވަރު ހަރަދުވި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭގެ ކުރިން ނިމިދިޔަ ރިޔާސީ އިންތިހާޞުގެ ދެބުރަށް ބެލި ކަމުގައި ވިޔަސް 180 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މި ދެ އިންތިހާބަކީ ހައެއްކަ މަސް ދުވަހުގެ މުއްދަތެއް އެ ދެމެދުގައި އޮތް އިންތިހާބުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހާ ގާތްގަތުގައި ބާއްވާ މި ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ވާނެ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ.
މި ދެ އިންތިހާބު އެކުއެކީގައި ބާއްވައިފި ނަމަ ދައުލަތުން ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ ފައިސާއިން ނިކަމެތި އެތައް އާއިލާއެއްގެ އެތައް ކަމެއް ސަރުކާރަށް ނިންމައި ދެވޭނެ ކަމަށާއި ކުޑަ ރަށެއްގައި ދިރިއުޅެ މީހުން ބޮޑު ރަށަކަށް ދާއިމަށް ބަދަލު ކުރަން ވިޔަސް އެކަން ވެސް ކޮށްދެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މި ދެ އިންތިހާބު އެކު އެކގައި ބާއްވާ ނަމަ ރައްޔިތުންނަށް ވެސް އެތައް ފަސޭހައެއް ލިބިގެން ދާނެ ކަމަށާއި ވެރިކަމަށް ބަޔަކު ހޮވާ އިރާއި މަޖިލީހަށް މެންބަރުން ހޮވާ އިރު ވެސް ރައްޔިތުން ބެނުންވާ ގޮތަށް އެކަން އެކުއެކީގައި ކުރެވެނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ހަރަދުގެ ގޮތުން ބެލި ކަމުގައި ވިޔަސް މި ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި ބަދަލު ގެންނަ ނަމަ ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ޖެހޭ ކަމަށާއި އެ އިސްލާހު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ރައްޔިތުން އެގޮތަށް ނިންމައިފިއްޔާ ގާނޫނު އަސާސީއަށް އިސްލާހު ގެނެސް 2028 ގައި މި ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ކަމަކީ ރައްޔިތުން އެއްބަސްވާނެ ކަމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި ގާނޫނަށް އިސްލާހު ގެނައުމަށް މި އަހަރުތެރޭ މަޖިލީހަށް އިސްލާހު ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައިސް މުއިއްޒު ވަނީ ކައުންސިލްތަކުގައި ތިއްބާވާ މެންބަރުންގެ އަދަދު މަދު ކުރަން އިސްލާހެއް ވެސް ހުށަހަޅުއްވާނެ ކަމަށް މިރޭ ވިދާޅުވެފައެވެ. މިއީ ވެސް ހަރަދު ކުޑަ ކުރުމަށް ކުރެވޭ ކަމެއް ކަމަށާއި އެ ފައިސާއިން ތަރައްގީގެ އެތައް ކަމެއް ކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.