ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތައް އަދި ކައުންސިލްތަކުގެ މުސާރަ ބޮޑު ކުރަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބިލް މަޖިލީހުން ފާސްކޮށްފައިވަނީ 49 މެމްބަރުންގެ ވޯޓާއެކުއެވެ. ދެކޮޅަށް ވޯޓު ދެއްވި ހަމައެކަނި މެމްބަރަކީ މެދު ހެންވޭރު ދާއިރާގެ ޑިމޮކްރެޓްސް މެންބަރު އަލީ އާޒިމްއެވެ.

ދައުލަތުގެ މި މަގާމުތަކުގެ މުސާރަ ބޮޑު ކުރަން ނިންމާފައިވާ މި ނިންމުމާއެކު 69 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓަށް އަހަރެއްގެ މައްޗަށް އިތުރުވާނެއެވެ. މި އަހަރުގެ ބަޖެޓުގައި މުސާރަ ބޮޑު ކުރުމަށް 500 މިލިއަން ކަނޑައަޅާފައިވެސްވެއެވެ.

މުސާރަ ބޮޑު ކުރުމުގެ މި މައްސަލަ ފުރަމަތަ މަޖިލީހަށް ހުށަހަޅާފައިވަނީ ރައީސް އާއި ނައިބު ރައީސް އަދި މަޖިލިސް މެންބަރުންގެ މުސާރަ ވެސް ބޮޑު ކުރަން ނިންމާ ގޮތަށެވެ. ނަމަވެސް މިކަމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެން ދިއުމާ ގުޅިގެން މަޖިލީހަށް މިއަދު އަލުން ފޮނުވި ރިޕޯޓުގައި ރައީސް އާއި ނައިބު ރައީސް އަދި މަޖިލިސް މެންބަރުން ހިމަނާފައެއް ނުވެއެވެ.

ޝަރުއީ ދާއިރާގެ މުސާރައަށް މީގެ ކުރިން މަހެއްގެ މައްޗަށް 7.2 މިލިއަން ރުފިޔާ ހަރަދުވި ނަމަވެސް މި ގެނައި ބަދަލާއެކު ހެއްގެ މައްޗަށް ޖުމްލަ 9.08 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. އެގޮތުން:

  • އުއްތަމަ ފަނޑިޔާރު: 91،000ރ. (ކުރިން 74،000ރ.)
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: 89،000ރ. (ކުރިން 72،000ރ.)
  • ހައި ކޯޓުގެ އިސް ފަނޑިޔާރު: 70،000ރ. (ކުރިން 57،300ރ.)
  • ހައި ކޯޓުގެ ފަނޑިޔާރުން: 68،000ރ. (ކުރިން 55،300ރ.)
  • ކްރިމިނަލް ކޯޓު، ޑްރަގު ކޯޓު، ސިވިލް ކޯޓު، ޖުވެނަލް ކޯޓު، ފެމިލީ ކޯޓުގެ އިސް ގާޒީން: 62،000ރ. (ކުރިން 48،000-50،000ރ.)
  • ކްރިމިނަލް ކޯޓު، ޑްރަގު ކޯޓު، ސިވިލް ކޯޓު، ޖުވެނަލް ކޯޓުގެ ގާޒީން: 60،000ރ. (ކުރިން 47،000-49،000ރ.)
  • ދާއިރާގެ އިސް މެޖިސްޓްރޭޓް: 43،000ރ. (ކުރިން 31،000-33،000ރ.)
  • ކޯޓުގެ އިސް މެޖިސްޓްރޭޓް އަދި މެޖިސްޓްރޭޓް: 41،000ރ. (ކުރިން 29،400-31،400ރ.)

ކައުންސިލްތަކުގެ މުސާރައަށް މީގެ ކުރިން މަހެއްގެ މައްޗަށް ހަރަދުވަނީ 10.1 މިލިއަން ރުފިޔާއެވެ. ނަމަވެސް މި ގެނައި ބަދަލާއެކު މަހެއްގެ މައްޗަށް ޖުމްލަ 13.3 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. އެގޮތުން:

  • މޭޔަރުން: 46،000ރ. (ކުރިން 40،000ރ.)
  • ޑެޕިއުޓީ މޭޔަރުން: 40،500ރ. (ކުރިން 35،000ރ.)
  • އަތޮޅު ކައުންސިލްގެ ރައީސް: 33،000ރ. (ކުރިން، 28،000ރ.)
  • ސިޓީ ކައުންސިލް މެންބަރުން:35،000ރ. (ކުރިން، 30،000ރ.)
  • ރަށު ކައުންސިލް ރައީސް: 25،500ރ. (ކުރިން، 20،000ރ.)
  • ރަށު ކައުންސިލް ނައިބު ރައީސް: 20،000ރ. (ކުރިން، 15،000ރ.)
  • ކައުންސިލް މެންބަރުން: 18،000ރ. (ކުރިން، 13،000ރ.)

މީގެއިތުރުން މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު އެހެން މަގާމު ތަކުގެ މުސާރައަށް އައި ބަދަލަށް ބަލާއިރު:

  • އެމްއެމްއޭގެ ގަވަރުނަރު، އޮޑިޓާ ޖެނެރަލް، އަދި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން: 74،000ރ.
  • މިނިވަން މުއައްސަސާތަކުގެ ރައީސުން: 59،000ރ.
  • މިނިވަން މުއައްސަސާތަކުގެ ނައިބު ރައީސުން: 55،000ރ.

މި ދާއިރާތަކުގެ އިތުރުންވެސް މަޖިލީހުން ކަނޑައަޅަން ޖެހޭ އެހެން މަގަމުތަކާއި މުއައްސަސާތަކުގެ މުސާރަ ބޮޑު ކުރުމަށް ނިންމާފައިވެއެވެ.