މިއަދުން ފެށިގެން 3 ކަމެއް ތަންފީޒު ކުރަން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ތިން ކަމަކީ:
1. ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާރވިސް ގެ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި މުސާރަ ބޮޑުކުރުން
ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން މިވަނީ ބޮޑުކޮށްފައެވެ.
ދައުލަތުގެ ބައެއް އިދާރާތަކުގެ މުސާރައަށް އެކި ދުވަސްވަރު ގެނެވުނު ބަދަލުތަކާއެކު އެހެން ދާއިރާތަކުގެ މުސާރާއިގެ ފަރަގު ބޮޑުވެފައި މި ދަނޑިވަޅުގައި ދައުލަތުގެ ޕޭފްރޭމް ވޯކް ހަރުދަނާކޮށް މުސާރަ އެއްހަމަކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައި ވެއެވެ. މުސާރައާއި ގުޅޭ ސިޔާސަތުތަކަށް ގެނައުމަށް ސަރުކާރުން ނިންމަވާފައިވާ ބަދަލުތަކާއި ގުޅިގެން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވަނީ މުސާރަ އެއްހަމަކުރުމަށް، 1.68 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ.
2. 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުން
މިއަދު ވަނީ 2007 ގެ ފަހުން އުފަންވި، އަދި އުފަންވާ ހުރިހާ އެންމެންނަށް ދުންފަތުގެ އިސްތިއުމާލުކުރުމާއި އޭގެ ވިޔަފާރި ކުރުން މަނާކުރާ ގާނޫނު ރާއްޖޭގައި ތަންފީޒުކުރަން ފަށާފައެވެ.
ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ އުމުރަކަށް މީގެ ކުރިން 18 އަހަރުން ދަށް އޮތް ނަމަވެސް އެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގައި ވަނީ އެ އުމުރު 21 އަށް މަތިކޮށްފައެވެ. އެކަން އިތުރަށް ހަރުކަށިކޮށް މިފަަހަރުގެ ބިލުގައި ވަނީ ދުންފަތުގެ ބާވަތެއް 1 ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށެވެ.
މިއަދު އަމަލު ކުރަން ފެށުނު އާ ގާނޫނާއެކު 2007 ފެށިގެން އުފަންވެފައިވާ އަދި އޭގެފަހުންވެސް އުފަންވާ ކުދިންނަށް މިއަދުން ފެށިގެން ގާނޫނީގޮތުން ދުންފަތް މަނާވާނެއެވެ.
3. ކަށި މިޔަރު ބޭނުމުގެ ހުއްދަ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ހުއްދަކުރުން
ކަށި މިޔަރުގެ މަސްވެރިކަމަށް އަންނަ ނޮވެމްބަރު މަހުން ފެށިގެން ހުއްދަ ދޭނެ ކަމަށް ރައީސް އިއުލާން ކުރެއްވީ މިދިޔަ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުއެވެ. ހދ. ކުޅުދުއްފުށީ ރައްޔިތުންނާ އެރޭ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިޔަރުގެ މަސްވެރިކަން ކުރަން ބޭނުންވާ ފަރާތަކަށް އެކަން ފަހިވެގެންދާނެ ކަމަށެވެ.
"ފިޝަރީޒް މިނިސްޓްރީ އެންވަރަޔަމަންޓް މިނިސްޓްރީން ގަވައިދުތަކާ އެއްޗެހި ބަލައި ވަރަށް ގިނަ މަސައްކަތް ކޮށްފިން އަދި ކުރަމުން މިދަނީ. މެނޭޖްމެންޓް ޕްލޭނެއް އެކުލަވާލާ ނިމިއްޖެ. މި ޕްލޭންގެ ދަށުން 1 ނޮވެމްބަރުން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލާނަން،" ރައީސް ވިދާޅުވި އެވެ.
ކަށިމިޔަރު މަސްވެރިކަންކޮށްގެން ބޮޑު ޢާމްދަނީއެއް ހޯދިދާނެކަމަށް ސަރުކާރުން އަންދާޒާކުރާއިރު މިއީ އަގު އެއްކޮށްގެން އުފައްދާ ކަށިމިޔަރު ތެޔޮ ތައްޔާރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށްވެސް ލިބިގެންދާނެ އިތުރު ފުރުސަތެކެވެ.
މިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމަކީ މީގެ ކުރީގެ ސަރުކާރުތަކަށްވެސް ޑިމާންޑު ކުރަމުންދިޔަ ކަމެއްކަން ފާހަގަކޮށްލެވެއެެވެ.
