އާންމު ރައްޔިތުން ބޭސްފަރުވާއަށާ، އަސާސީ ބޭނުންތަކަށް ޖެހިފައި ތިބި ދަނޑިވަޅެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމުމާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލީހުގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފިއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވަނީ މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އިތުރު އެލަވެންސެއް ދީ، ޖުމްލަ މުސާރަ އާއި އިނާޔަތްތަކާއެކު މަހަކު 95،000 ރުފިޔާއަށް ބޮޑުކުރުމަށެވެ. އަދި ވަޒީރުންގެ ޑްރައިވާސް އެލަވެންސް 17،000 ރުފިޔާއަށް ބޮޑުކޮށް، މުސާރަ އާއި އިނާޔަތްތައް 75،000 ރުފިޔާއަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ.
މި ނިންމުމަށް ފާޑުވިދާޅުވަމުން މީކާއިލް ވިދާޅުވީ، ސޯސަންމަގުގެ އޭޑީކޭ ހޮސްޕިޓަލް ކުރިމަތީ ހުންނަ ފާމަސީތަކުގެ ކިއޫގައި ޕެނަޑޯލް ގުޅައެއް ވެސް ނުލިބި ރައްޔިތުން ތާށިވެފައި ތިބިއިރު، ވެރިންނަށް މުސާރަ ބޮޑުކުރުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
"ޕެނަޑޯލް ގުޅައަށް ރައްޔިތުން ދިއްކޮށްފައި ތިބި ދަނޑިވަޅެއްގައި މާލިއްޔަތު ކޮމިޓީން އެ ނިންމަވަނީ ވަޒީރު ބޭފުޅުންގެ މުސާރަ ބޮޑުކުރަން. މިއީ ކޮންކަހަލަ ރައްޔިތުންގެ މަޖިލީހެއްތޯ؟ މިއީ ކޮންކަހަލަ ސަރުކާރެއްތޯ؟" މީކާއިލް އަހްމަދު ނަސީމް ސުވާލު އުފެއްދެވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ރައްޔިތުން ރުޅިއެރުވުމަށް ކުރި ކަމެއް ކަމަށެވެ. އަދި މާގިނަ ދުވަސްތަކެއް ނުވެ އަލުން ކައުންސިލަރުންގެ މުސާރަ ކުޑަކުރަން ސަރުކާރުން ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުގެ އަސްލު ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރުމަށް މަގުފަހިކުރުން ކަމުގައި ތުހުމަތުކުރައްވަމުން އަބްދުލްގަފޫރު ވިދާޅުވީ ސަރުކާރުގެ މަތީ ފަންތީގެ މަގާމުތަކުގެ މުސާރަ ބޮޑުކުރުމަށް އާންމުންގެ ފާޑުކިޔުން އަމާޒުވެދާނެތީ އެކަން ފޮރުވުމުގެ ގޮތުން ކައުންސިލަރުންގެ މުސާރަ ބޮޑުކުރުން އައްޑަނައަކަށް ބޭނުންކުރީ ކަމަށެވެ
މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުނު ނަމަވެސް، ރިޔާސަތުން ވަނީ އެ މައްސަލަ ބަލައިގަންނަން ނުޖެހޭ ކަމަށް ނިންމާފައެވެ.
