މުސާރަ ބޮޑުކުރީ ކައުންސިލް އިންތިހާބާ ދިމާކޮށްކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް އެސިސްޓެންޓް ކޮމިޝަނަރު އަދި ތަރުޖަމާނު އަހުމަދު ޝިފާން ރައްދު ދެއްވައިފިއެވެ.
އަންނަ ހޮނިހިރި ދުވަހު ބާއްވާ އިންތިހާބާ ދިމާކޮށް ފުލުހުންގެ މުސާރަ ބޮޑު ކުރިކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މިއަދު ވަނީ ވާހަކަ ފެތުރިފައެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޕޭ ފްރޭމްވޯކަށް ފުލުހުން ބަދަލުވިތާ ދެ އަހަރު ފުރިފައިވާ ކަމަށެވެ. އެއާއެކު އެ ފްރޭމްވޯކުގައިވާ ގޮތުގެ މަތިން، އެ ދުވަހުން ފެށިގެން ފުލުހުންގެ މަގާމުގެ އެލަވަންސް ދެވަނަ ހަރުފަތަށް ވަނީ ބަދަލުކޮށްފައެވެ.
އަދި އެ އެލަވަންސަކީ ޕޭ ފްރޭމްވޯކަށް އަމަލުކުރަން ފެށި ހިސާބުން ފެށިގެން ދެ އަހަރު ހަމަވުމުން ދިނުމަށް ކުރިން ވެސް ފާސްކޮށް، ފުލުހުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސެއް ކަމަށް ޝިފާން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ މި ބަދަލު ގެނެސްފައި ވަނީ، ޕޭ ފްރޭމްވޯކްގައި ފާސްކުރެވިފައިވާ ގޮތަށް، އެ ފުލުހަކު ހުރި ރޭންކާއި ގްރޭޑުގައި ދެ އަހަރުވެ، މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުން ވިދިވިދިގެން ދެ އަހަރު ދުވަހު އެވަރެޖްކޮށް 75 ޕަސެންޓަށްވުރެ މަތިން މާކްސް ލިބިފައިވާ ފުލުހުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
2009 ގެ ފަހުން އަސާސީ މުސާރައާއެކު ފުލުހުންގެ މުސާރަ ބޮޑުކުރީ މާޗު 2024 ގައެވެ.
އެފަހަރު ވަނީ މުސާރައިގެ 35 ޕަސެންޓު ބޮޑުކޮށްފައެވެ. މުސާރަތައް ބޮޑުކުރުމާއެކީ ފުލުހުންނަށް ދެމުން އައި އެލަވަންސްތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުރިން ދެމުން އައި ހަތް އެލަވަންސްގެ ބަދަލުގައި މަގާމުގެ އެލަވަންސާއި ސާވިސް އެލަވަންސާއި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ދާއިރާ އާއި ކުރާ މަސައްކަތަށް ބިނާކޮށް އަލަށް ތައާރަފުކުރާ ޕޮލިސް އެލަވަންސް ވަނީ ދޭން ފަށާފައެވެ.
ފުލުހުންގެ ތެރެއިން ކުރިން އެންމެ މަދުން މުސާރަ ލިބެނީ ކޮންސްޓަބަލުންނެވެ. އެ ރޭންކުގެ ފުލުހަކަށް އޭރު 11،810ރ. ލިބުނު ނަމަވެސް އަލަށް ގެނައި ބަދަލާއެކު މަދުވެގެން މަހަކު 15،500ރ. ލިބޭނެއެވެ.
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންގެ ތެރޭގައި ވެވަޑައިގެންނެވި ވައުދެކެވެ.
