މެއި މަހުގެ މުސާރަ ދޭނީ މި މަހުގެ 28 އަދި 31 ގައިކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން މިފަދައިން ބުނެފައިވަނީ އީދު ބަންދާ ދިމާކޮށް ސަރުކާރު ބަންދުކުރި މި މަހުގެ މުސާރަތައް ދީފައިނުވާތީ ގިނަ އަދަދެއްގެ ބަޔަކު ހިންހަމަނުޖެހުން ފާޅުކުރަމުން ދަނިކޮށެވެ.
އެގޮތުން ފިނޭންސް މިނިސްޓްރީން ބުނީ މުސާރަ ދޫކުރުމުގެ ކަންކަން މިގޮތަށް ތަރުތީބުކުރީ އަޟްޙާ އީދު ބަންދާއި، އެ ދުވަސްވަރު ބޭންކުތައް ހުޅުވާފައި ހުންނާނެ ވަގުތުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ. އީދު ބަންދާ ގުޅިގެން ސަރުކާރުގެ އޮފީސްތައް މި މަހުގެ 22 އިން ފެށިގެން ބަންދުކޮށްފައިވާއިރު، އޮފީސްތައް އަލުން ހުޅުވޭނީ 31 މެއި ގައެވެ.
އަދި ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި 28 މެއިވާ ބުރާސްފަތި ދުވަހުކަމަށާއި، ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކު ހުޅުވާ ދުވަސް ކަމަށްވާ 28 މެއި، އަދި ސަރުކާރު އޮފީސްތައް އަލުން ހުޅުވޭ ދުވަސް ކަމަށްވާ 31 މެއި ގައި މުސާރަ އާއި އިނާޔަތްތައް ޖަމާކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރިއަށް ގެންދާނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެއިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ކޮންމެ މަހެއްގެ މުސާރަ ދޫކުރަންޖެހެނީ އެ މަހެއްގެ ރަސްމީ ބަންދު ނޫން ފަހު ތިން ދުވަހުގެ ތެރޭގައިކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މާލިއްޔަތު ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން މުސާރަ ދޫކުރުމަށް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ސަރުކާރުން އެކަން ކުރިއަށްގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
