ރައީސް ޑރ. މުހައްމަދު މުއިއްޒު ތިލަދުންމަތީ އުތުރުބުރީ ހއ. އުލިގަމު އަދި ހއ. ތުރާކުނު ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ.
މި 2 ރަށުގެ ކައުންސިލާ ބައްދަލުކުރެއްވުން ވެސް އޮތީ މިއަދު ހަވީރު ހއ. ތުރާކުނު ސުކޫލުގައެވެ.
މި ބައްދަލުކުރެއްވުމުގައި 2 ރަށުގެ ކައުންސިލުން ވެސް ވަނީ އެ ރަށަކަށް ބޭނުންވާ ކަންކަން ރައީސްއަށް ހިއްސާ ކުރައްވާފައެވެ.
ހއ. އުލިގަމު ކައުންސިލުން ފާހަގަކޮށްފައި ވަނީ:
- ފަށާފައިހުރި މަޝްރޫޢުތައް އަވަހަށް ކުރިއަށް ގެންދަން ބޭނުންވާކަން
- ރަށުގެ ޒުވާނުންނަށް ބޭނުންވާ ކަންކަން
- ރަށުގެ ފަތުރުވެރިކަމުގެ ސިނާއަތް ހަރުދަނާކުރަން ބޭނުންވާކަން
- އާ ސިއްހީ މަރުކަޒެއް ހެދުމަށް ރަށުގެ ރައްޔިތުން ބޭނުންވާކަން
- ޔޮޓު ފަހަރަށް ބޭނުން ހިފޭނެގޮތަކަށް ބަނދަރު ތަރައްގީ ކުރަން ބޭނުންވާކަން
- ކުނި ނައްތާލުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމުކުރަން ބޭނުންވާކަން
އުލިގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އޮފީހުގެ ޖާގައިގެ ދަތިކަމާއި ބަޖެޓުގެ ދަތިކަން ހިމެނެއެވެ.
ހއ. ތުރާކުނު ކައުންސިލުން ފާހަގަކޮށްފައި ވަނީ:
- ރަށުގައި ޒަމާނީ ފެންވަރަށް މަގުހެދުމަށް ބޭނުންވާކަން
- ދިވެހިރާއްޖޭގެ އިސްލާމީ ބިނާއެއް ރަށުގައި ގާއިމުކުރަން ބޭނުންވާކަން
- ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބޭނުންވާ ކަންކަން
- ތުރާކުނު ކައިރީގައި އޮންނަ ވަނގާރު އެރަށުގެ އިހުތިސާސުގެ ތެރެއަށް ލުމަށް ބޭނުންވާކަން
- ކައުންސިލް އިދާރާ އަދި ސުކޫލުގެ ޖާގައިގެ ދަތިކަން
- ރަށަށް އަރާ ބަނދަރުގައި ހުރި ދަތިކަން
- ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ރަށުގެ ރައްޔިތުން ބޭނުންވާކަން
- ޒަމާނީ ފެންވަރުގައި ކަރަންޓު ދެވޭނެ ގޮތެއް ބޭނުންވާކަން
- ރަށުގެ ސިއްހީ މަރުކަޒުގައި ހުރި ގޮންޖެހުންތައް
ކައުންސިލްތަކުން ފާހަގަކުރި ކަންކަމަށް ހައްލު ހޯދަވައިދެއްވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މި 2 ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.
ރައީސް ވަނީ އެ 2 ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ވެސް ބައްދަލު ކުރައްވާފައެވެ. 2 ރަށުގެ ކޮމިޓީއިން ވެސް ބަޖެޓުގެ ދަތިކަން ފާހަގަކޮށްފައިވާއިރު، އުލިގަމު އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން ވަނީ ޖާގައިގެ ދަތިކަން ކުރިމަތިވާ ކަމަށް ވެސް ވިދާޅުވެފައެވެ.