މުވައްޒަފުންން ވެރިންނަށް އަދި ވެރިން މުވައްޒަފުންނަށް އިތުބާރު ނުކުރާނަމަ، ކޮށްދެވޭނެ ރަނގަޅު ހިދުމަތެއް ނޯންނާނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ، ސްޓެލްކޯއިން އެ ތަނުގެ ވެރިންނަށާއި މުވައްޒަފުންނަށް ކުރިއަށްގެންދިޔަ ހިންގުމާއި ހުނަރު ތަރައްގީ ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މަސައްކަތުގެ މާހައުލުގައި ވެރިޔަކަށް އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް އިތުބާރު ނުކުރެވޭނަމަ އެމީހުން އެ މަގާމުގައި ބައިތިއްބަން ބޭނުން ނުވާނެ ކަމަށާއި، އަދި މުވައްޒަފުންނަށް ވެރިމީހާއަށް އިތުބާރު ނުކުރެވޭނަމަ އެކަށޭނަ މަސައްކަތެއްވެސް ނުކުރެވޭނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

ކިޔަވައިގެން ކިތަންމެ މޮޅަށް ހުއްޓަސް، އަޅުގަނޑު ގަބޫލެއް ނުކުރަން ކުރެވޭނެ ކަމެއް އޮންނާނޭ. އެކަކު އަނެކަކަށް އިތުބާރު ނުކުރަންޔާ އޭނަ އެ މަގާމެއްގަ ބަހައްޓާކަށް ބޭނުމެއް ނުވާނެ ވެރިއަކަށް ހުންނަ މީހަކު. އޭނަގެ އަސްލު ބޭނުމެއް ނުވެސް ހިފޭނެ. އޭނާގެ ވެރިމީހާ އޭނައަށް އިތުބާރު ނުކުރަންޔާ. އަދި އޭނަގެ ދަށުން ތިބޭ، ވެރިމީގެ ދަށުން ތިބޭ މީހުންނަށް ވެރިމީހާއަށް އިތުބާރު ނުކުރެވެންޏާ ދަށުންތިބޭ މީހުންނަކަށް މަސައްކަތެއްވެސް ނުކުރެވޭނެ
ހުސައިން ފަހުމީ

ފަހުމީ ވިދާޅުވިގޮތުގައި މި ޕްރޮގުރާމުގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް އިތުބާރުކުރަން ދަސްކޮށްދިނުމެވެ. އަދި މަސައްކަތް ކުރަން އެކަށޭނެ މާހައުލެއް ބިނާ ކުރުމެވެ. މި ކަން ހާސިލުވެފާ ވާކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ.

މިއީ ސްޓެލްކޯއިން 3 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގައި 37 ފަރާތެއް ބައިވެރިވެ ތަމްރީނު ވަނީ ފުރިހަމަކޮށްފައެެވެ.

ސްޓެލްކޯއިން ވަނީ ގައުމީ ދިފާއީ ބާރާއި ގުޅިގެން މި މަހުގެ 10 ވަނަ ދުވަހުވެސް ގިރިފުށީ ޓްރެއިން ސެންޓަރުގައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށްގެން ޓްރެއިނިން ސެޝަނެއް ބާއްވާފައެވެ. މި ސެޝަނުގައި 120 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.