އެނަވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ހަސަން މުގުނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަށް "ވަގަށް" ގޮވި މައްސަލައިގައި ރައީސް އޮފީހުން އޭނާއާ ސުވާލުކުރަން ނިންމައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މުގުނީ ކުރެއްވި ޓްވީޓެއްގައިި ވިދާޅުވެފައި ވަނީ، "ހިންނަވަރު ވަގު އިބްރާހިމްބެ ލީޑް ކުރަނީ އެސްއޯއީތައް ހިންގުމުގެ ކެޕޭސިޓީއެއް ނެތް ވަގުން. ފެނަކަ ސައިދާއި އީސީ ޝަރީފާއި، ވަގު މޫކޭ އާއި ވަގު އާތިފް، ކޮށީގޭ ސައީދު، އެމްއޭސީއެލް މަހްޖޫބް، ވަމްކޯ އަންހެން މުވައްޒަފަކަށް ގޯނާ ކުރި ސިރާޖް" ކަމަށެވެ. އަދި ކޮރަޕްޝަން ނިމެން ދެން ބާކީ އޮތީ ހަތަރު މަސް ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

ކުންފުނި ތަކުގައި ތިއްބެވި އިސްވެރިންގެ ނަންތައް ހާމަކޮށް މުގުނީ ކުރެއްވި އެ ޓްވީޓް ވަނީ އިރުކޮޅެއް ފަހުން ޑިލީޓް ކޮށްލައްވާފައެވެ. މުގުނީ އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސްޓެލްކޯގެ އެމްޑީކަން ދީ ފަހުން އެންވާރަމަންޓް މިނިސްޓްރީ ގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމު ދީފައި ހުރި ބޭފުޅެކެވެ. މުގުނީގެ މި ޓްވީޓާ ގުޅިގެން ރައީސް ސޯލިހު އަށް ތާއީދުކުރާ ފަރާތްތަކުން ދަނީ އޭނާ މަގާމުން ދުރުކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

ސަރުކާރާ ދެކޮޅަށް މުގުނީ ކުރެއްވި ޓްވީޓް

އެފަދަ މަގާމެއްގައި ހުންނަވައިގެން ސަރުކާރަށް ބަދު ބަސް ބުނުމާ ގުޅިގެން ރައީސް އޮފީހުން އެ މައްސަލަ ބަލަން ބުނިތާ 4 ދުވަސް ފާއިތު ވި އިރު އަދި އެއްވެސް ފިޔަވަޅެއް ނާޅައެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ދަނީ މުގުނީއާ ސުވާލު ކުރަމުން ކަމަށް ވަނީ އެނގިފައެވެ.

މިކަމާ ގުޅިގެން ގިނަ ފަރާތްތަކުން ތުހުމަތު ކުރައްވަމުން ދަނީ މުގުނީގެ ވަގު އެކައުންޓަކުން ޓްވީޓް ކުރައްވަން އުޅުއްވުމުގެ ތެރޭގައި އަމިއްލަ ރަސްމީ އެކައުންޓުން ޓްވީޓް ކުރެއްވުނީ ކަމަށެވެ.

މުގުނީ މިފަދަ ޓްވީޓެއް ކުރައްވާފައި ވާ އިރު އޭނާ ސްޓެލްކޯގައި ހުންނަވައިގެން ކޮރަޕްޝަން ހިންގަވާފައި ވާ ކަމަށާއި ނުހައްގު މުއްސަނދިކަން ހޯއްދަވައި އެ ފައިސާއިން ކަސްބީންނަށް ހަރަދު ކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލްމީޑިއާގައި އެވަހަކަތައް ފަތުރާކަންވެސް ފާހަގަ ކުރެވެއެވެ.

ޖުމްހޫރީ ޕާޓީއަކީ މި ސަރުކާރުގެ ކޯލިޝަން ޕާޓީއެއް ނަމަވެސް މިހާރު ދަނީ ސަރުކާރާ ދެކޮޅަށް ފާޅުގައި ބަސް ބުނަމުންނެވެ. މީގެ އިތުރުންވެސް އެ ޕާޓިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާން ކޮށް ގާސިމް އިބްރާހިމް ކެންޑިޑޭޓަކަށް ނިކުންނަވާނެ ކަން ވަނީ އިއުލާން ކޮށްފައެވެ.

މި މައްސަލައިގައި މުގުނީގެ ރަސްމީ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.