ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަގަށް ގޮވި މައްސަލައިގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ މަގާމުން ވަކިކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސްޓޭޓް މިނިސްޓަރަކަށް އައްޔަނު ކުރައްވާފައިވާ މުޣުނީ މަގާމުން ވަކިކުރި ކަން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވަނީ "ދަ ޕްރެސް" އަށް ކަށަވަރުކޮށްދެއްވައިފައެވެ

މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ރައީސަކީ ވަގެއްގެ ގޮތުގައި ސިފަކުރައްވައި މުޣުނީ ވިދާޅުވީ، ރައީސް ލީޑުކުރައްވަނީ ސަރުކާރު ކުންފުނިތަށް ހިންގުމުގެ ގާބިލްކަމެއް ނެތް ވަގުންތަކެއް ކަމަށެވެ.

"ފެނަކަ ސައީދު، އީސީ ޝަރީފު، ވަގު މޫކޭ، ވަގު އާތިފް، ކޮށީގޭ ސައީދު، އެމްއޭސީއެލް މަހްޖޫބް، ވެމްކޯގެ އަންހެން މުވައްޒަފުންނަށް ގޯނާކުރާ ސިރާޖް،" މިފަދައިން އެ ޓްވީޓްގައި ލިޔުއްވާފައި ވެއެވެ. އަދި "މި ކޮރަޕްޝަން" ނިމެން އޮތީ ބާކީ ހަތަރު މަސް ދުވަސް ކަމަށް، ސަރުކާރަށް އިޝާރާތްކުރައްވައި އެ ޓްވީޓްގައި ވިދާޅުވިއެވެ.

މުޣުނީ ކުރެއްވި އެ ޓްވީޓް އިރުކޮޅެއް ފަހުން ވަނީ ޑިލީޓް ކުރައްވައިފައެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި މުޣުނީ ވަނީ މީގެ ކުރިން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފައެވެ. މުޣުނީގެ ޓްވީޓާ ގުޅިގެން ރައީސަށް ތާއީދުކުރާ ފަރާތްތަކުން އޭނާ މަގާމުން ދުރުކުރުމަށް ގޮވާލާފައިވެއެވެ.

ގިނަ ފަރާތްތަކުން ތުހުމަތު ކުރި ގޮތުގައި މުޣުނީގެ ނުރަސްމީ އެކައުންޓަކުން ޓްވީޓް ކުރައްވަން އުޅުއްވުމުގެ ތެރޭގައި އަމިއްލަ ރަސްމީ އެކައުންޓުން ޓްވީޓް ކުރެއްވުނީއެވެ.

މުޣުނީ ތަމްސީލްކުރައްވާ ޖުމްހޫރީ ޕާޓީއަކީ މި ސަރުކާރުގެ ކޯލިޝަން ޕާޓީއެއް ނަމަވެސް، އެ ޕާޓީން މިހާރު ދަނީ ސަރުކާރާ ދެކޮޅަށް ފާޅުގައި ބަސް ބުނަމުންނެވެ. މީގެ އިތުރުންވެސް އެ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާންކޮށް ގާސިމް އިބްރާހިމް ކެންޑިޑޭޓަކަށް ނިކުންނަވާނެ ކަން ވަނީ އިއުލާން ކޮށްފައެވެ.