ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެންބަރު ކަަމަށް އައްޔަންކުރި ހަސަން މުގުނީ އެ މަގާމުން ވަކިކޮށްފިއެވެ.
ރައީސް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ޕީސީބީގެ ބޯޑަށް މުގުނީ އައްޔަންކޮށްފައިވާ ކަން ވަނީ ހާމަކޮށްފައެވެ. ބޯޑުގެ ތަފްސީލު އިއްޔެ އަލުން އާންމުކޮށްފައިވާއިރު އެ އިދާރާގެ ބޯޑަށް އައްޔަންކޮށްފައިވާ ހަތް މެންބަރުންގެ ނަމާއި އެ ބޭފުޅުން އައްޔަންކުރި ދާއިރާތައް ވަނީ ހިމަނާފައެވެ. ނަމަވެސް ބޯޑުގެ ތަފްސީލު އާންމުކުރި އިރު މުގުނީގެ ނަމެއް ނެތެވެ.
މުގުނީ ޕީސީބީން ވަކިކުރަން ރައީސް ނިންމެވި ސަބަބު އަދި ސާފެއް ނޫނެވެ.
ޕީސީބީ އަލުން އެކުލަވާލި ބޯޑުގައި ހިމެނިވަޑައިގަންނަވަނީ:
- ހަމްދީ އަގީލް - ރައީސް
- މުހައްމަދު ފިރާޝް ނައިބު ރައީސް
- އަހުމަދު މުޝްތާގު - އެކައުންޓިން އެންޑް ފައިނޭންސް ދާއިރާ
- ލީނާ އަބްދުލްޖަލީލް - ބޭންކިން ދާއިރާ
- މޫސާ ފަތުހީ އާދަމް - ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ
- ހަސަން ޒަރީޒު - އިކޮނޮމިކްސްގެ ދާއިރާ
- އަހުމަދު ނަޝާތު - ގާނޫނީ ދާއިރާ
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އުފައްދާފައި ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން 2013 ވަނަ އަހަރުއެވެ.
ޕީސީބީގެ ބޯޑު މެންބަރުންގެ ގޮތުގައި ރައީސް ބޭފުޅުން އައްޔަން ކުރެއްވި ނަމަވެސް އެ ބޭފުޅުންނަށް އެ މަގާމު ލިބިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެެވެ. އެތަނުގެ އިދާރީ ކަންކަން ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ފިނޭންސުންނެވެ.