ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެންބަރު ކަަމަށް ކުރީގެ ސްޓެލްކޯ މެނޭޖިންގް ޑިރެކްޓަރު ހަސަން މުގްނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.
ނިމިދިޔަ ސަރުކާރުގެ ކުރީ ކޮޅު ސްޓެލްކޯ ހިންގެވުމުގެ މަސައްކަތް ކުރެއްވުމުގެ އިތުރުންވެސް އޭނާ ވަނީ ސަރުކާރު މަގާމުތައް ފުރުއްވާފައެވެ. އެގޮތުން މިނިސްޓާ އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމާއި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އިސް މަގާމުތައްވެސް ފުރުއްވާފައިވެއެވެ.
މުގްނީ ވަނީ އެމެރިކާގެ ބްރޭންޑައިސް އިންޓަނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ. މީގެ އިތުރުންވެސް ޕީސީބީގެ ހުސްވެފައިވާ ގޮނޑިތަކަށް ރައީސް އައްޔަން ކުރެއްވި މެންބަރުންނަކީ:
- ބޯޑުގެ ރައީސަކަށް ހަމްދީ އަގީލް
- އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާ އިން: އަހުމަދު މުޝްތާގު، ދަފްތަރު 4652
- ބޭންކިން ދާއިރާ އިން: ލީނާ އަބްދުލްޖަލީލް، ވ. ބްލޫއޯޝަން
- ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން: މޫސާ ފަތުހީ އާދަމް، ރަންކޮކާގެ ށ. ކޮމަންޑޫ
އެގޮތުން ލީނާ އަބްދުލްޖަލީލަކީ އެމްއެމްއޭގެ އިސް މަގާމެއްގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ ސީއީއޯ ކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހަމައެހެންމެ މޫސާ ފަތުހީ ވަނީ 2022 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރެއްވާފައެވެ.
އަދި ބޯޑުގެ ރައީސް ކަމަށް ރައީސް މުއިއްޒު އައްޔަން ކުރެއްވި ހަމްދީ އަގީލް އަކީ ފިނނޭންސް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ކަމާއި އެސްޓީއޯ ގޭހުގެ ޗެއާމަންކަމާއި މިހާރު އުވާލާފައިވާ އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ އިތުރުން ހައުސިން މިނިސްޓްރީގެ ސީނިއަ ޕޮލިސީ އެގްޒެކެޓިވްއެއްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
ޕްރައިވަޓައިޒޭޝަން ބޯޑަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް މޮނީޓާކުރާ އެ ބޯޑަށް މެންބަރުން އައްޔަނު ކުރަނީ މަޖިލީހުގެ ރުހުމާއެކު އޭރު ރައީސް ކަން ކުރައްވާ ބޭފުޅެކެވެ.