20 ކުރިން ސިޔާސީ ހަޔާތް ފެއްޓެވިއިރުވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ނަމޫނާ ބޭފުޅެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިފަދައިން ވިދާޅުވީ އޭނާ މިއަދު އެމްޑީޕީއަށް ގުޅިވަޑައިގަތުމަށް މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތް ފެއްޓެވީ މީގެ 20 ވަރަކަށް އަހަރު ކުރިން ހާއްސަ މަޖިލީހުން ކަމަށާއި ރައީސް ސޯލިހަކީ އޭރުވެސް މަޖިލިސްގެ ތެރެއިން ނަމޫނާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިގެން ދިޔަ ކަމަށެވެ. އަދި ރައްޔިތުންގެ ވިންދާ އިހްސާސްތައް ދަސްކޮށްދިން ޕާޓީއަކަށްވެގެން ދިޔައީ އެމްޑީޕީ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އެމްޑީޕީ އުފެދުމާއެކު އެމްޑީޕީއިން އެންމެ ފުރަތަމަ އެކުލަވާލި ގައުމީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ކަމަށާއި 2008 ވަނަ އަހަރު ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެންނެވީ އެއް އަމާޒަކަށް ކުރި މަސައްކަތެއްގެ ތެރެއިން ކަންތައްތައް ކާމިޔާބު ކުރުމަށްޓަކައި އެވަގުތު އަޅަން ޖެހުނު ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެހެން ނަމަވެސް 20 އަހަރު ވެގެން ދިޔައިރު ފިކުރަކަށް އަދި ސިޔާސަތަކަށް ބަދަލެއް ނާންނަ ކަމަށާއި ކުރެވުނީ އެއް މަސައްކަތެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މިއަދު ފެންނަނީ ރާއްޖޭގެ ކަންތައްތަކުގައި ރައްޔިތުންގެ ކަންބޮޑުވުން ކަމަށާއި އެންމެން އެކުގައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީއަކީ ރައްޔިތުންނާ ގާތުން ރައްޔިތުން ބޭނުންވާ ގޮތަށް އެންމެ ރަނގަޅަށް މަސައްކަތް ކުރާ ޕާޓީ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ހޯދުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ އެއީ ގައުމުގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމަށާއި މިއަދު ގައުމުގެ ކަންތައްތައް ދާ ގޮތުން އެމްޑީޕީގެ ޒިންމާ ދޫކޮށްލެވެން ނެތް ކަމަށެވެ. އަދި މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ކުރަން ޖެހޭ ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ފައިސަލް ވިދާޅުވީ އެމްޑީޕީއަށް ތާއީދު ކުރާ އެންމެހާ ދިވެހިންނަށް އަދި ދިވެހި ހުރިހާ ރައްޔިތުންނަށް ދަންނަވާލަން އޮތީ އެމްޑީޕީއިން އަބަދުވެސް ކުރާނީ ރައްޔިތުންނަށްޓަކައި ކުރާ މަސައްކަތްތަކެއް ކަމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނޫން ގޮތަކަށް އެއްވެސް ވަގުތެއް ހޭދަ ނުކުރާނެ ކަމަށެވެ. އަދި ރައީސްގެ މަގާމުގައި ހުންނަވާ ރައީސް ސޯލިހް ކޮށްދެއްވި މަސައްކަތްތައް ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.

ފައިސަލް ވިދާޅުވީ ކުދި ރަށްތަކަށާއި އަތޮޅުތަކުގެ ރައްޔިތުންނަށް ފޯރުކޮށްދިން ހިދުމަތްތައް ޔަގީން ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި ކުރެވެން ހުރި ހުރިހާ މަސައްކަތެއްކޮށް، ޕާޓީގެ ލީޑާޝިޕަށް ދޭންޖެހޭ ހުރިހާ ސަޕޯޓެއް ދެއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ހުރިހާ މެންބަރުން އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ފައިސަލް ވަނީ ދެއްވާފައެވެ.

ފައިސަލް އިތުރަށް ވިދާޅުވީ "ފިކުރަކަށް ވިސްނުމަށް ދެވޭ މަގަކަށް ބަދަލު ނާންނަ ކަމަށާއި ދެވެނީ އެމްޑީޕީގެ ހިދުމަތްތެރިންގެ ފަރާތުން ފެނިގެން ދިޔަ މަގުން ކަމަށެވެ. އަދި ދެމި ހުންނާނީ ރައްޔިތުންނާއެކު ކަމަށާޢި ކުރާނީ ރަނގަޅު މަސައްކަތްތައް ކާމިޔާބީއާ ހަމައަށް ދިއުމަށް ކުރަން ހުރި ހުރިހާ މަސައްކަތްތައް ކަމަށެވެ.

"ފިކުރަކަށް ބަދަލެއް ނާދެއޭ، ވިސްނުމަށް ބަދަލެއް ނާދެއޭ، ދެވެނީ އެއް މަގަކުންނޭ، އެ މަގަކީ އެމްޑީޕީގެ ހިދުމަތްތެރިންގެ ފަރާތުން ފެނިގެން ދިޔަ މަގޭ، ދެމި ހުންނާނީ ރައްޔިތުންނާއެކު، ކުރާނީ ރަނގަޅު މަސައްކަތްތައް ކާމިޔާބީއާ ހަމައަށް ދިއުމަށް ކުރަން ހުރި ހުރިހާ މަސައްކަތެއް"
ނައިބު ރައީސް ފައިސަލް

އެމްޑީޕީ އުފެދުނު ދުވަސްވަަރުން ފެށިގެން އެމްޑީޕީގައިވެސް އުޅުއްވާފައިވާ ފައިސަލް ޖޭޕީއާ ގުޅިވަޑައިގެންފައި ވަނީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ފައިސަލް ހުންނެވީ ޖޭޕީގައެވެ.

ފައިސަލް ޖޭޕީއިން ވަކިވެވަޑައިގެންފައި ވަނީ އެމަނިކުފާނު ޖޭޕީގައި މަސައްކަތް ކުރައްވާތާ 16 ވަނަ އަހަރުއެވެ. ނިމިދިޔަ ދައުރުގެ ނައިބު ރައީސްގެ މަގާމުވެސް ފައިސަލް ފުރުއްވާފައި ވަނީ ސަރުކާރުގެ ކޯލިޝަންގެ ތެރެއިން ޖޭޕީއަށް ލިބުނު ސްލޮޓެއްގައެވެ.