ބަލި ގަބޫލުކުރާ ކަމަށާއި ނަމަވެސް ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި ގެއްލުވާލީ މިދިޔަ ސަރުކާރުގެ ނައިބް ރައީސް ފައިސަލް ނަސީމުގެ ސަބަބުން ކަމަށް އެ ދާއިރާއަށް ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓް ނަޒްރާ ނަސީމް (ނަޒޫ) ގެ ފިރިކަލުން، ކުރީގެ ޔޫތް މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީ ގައުމީ މަޖިލީސް ގްރޫޕަށް ފޮނުވި މެސެޖެއްގައެވެ. އެގޮތުން އޭނާ ވިދާޅުވީ އެ ދާއިރާގެ ގޮނޑި އެމްޑީޕިއަށް ގެއްލުވާލީ ސީދާ ފައިސަލް ނަސީމް ކަމަށާއި ނަމަވެސް އޭނާއަށް ގެއްލުވާލެވުނީ އެންމެ 48 ވޯޓުކަމަށެވެ. މަހުލޫފް ވިދާޅުވީ ފައިސަލް ދިޔައީ އާއިލާގެ އިތުރުން ދާއިރާގެ އެތައް ބަޔަކަށް ގުޅާ ނަޒޫއާ ދެކޮޅަށް މަސައްކަތް ކުރަމުންކަމަށެވެ. އެ ދާއިރާގެ ޓީމްގެ ފަރާތުން މި މައްސަލަ ޕާޓީއަށް ހުށަހަޅާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މަހްލޫފް ވިދާޅުވިގޮތުގައި، މިކަން ފެށުނީ ރިޔާސީ އިންތިހާބުގައި މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް ރަނިންމޭޓަކަށް ހަމަޖެއްސި ހިސާބުންނެވެ.

އަދިވެސް އިތުރު ސަބަބެއް ހިމެނޭ، އެ މައްސަލަ މިހާރު އާއިލާގެ ފަރާތުން ވަނީ ޕޮލިސް އަށް ހުށަހަޅާފައި. ރައީސް ސޯލިހްގެ ވެރިކަން ނިންމަން އެތައް މަސއްކަތެއް ކުރި ގޮތަށް މިފަހަރު ގޮނޑިވެސް މި ވަނީ ގެއްލުވާލާފައި،
މަހުލޫފް

މަޖިލިސް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރެއްވި ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު ނަޒޫއަށް ޕީޕަލް ނެޝަން ފްރޮންޓް (ޕީއެންއެފް) އިން ވެސް ތާއީދުކުރިއެވެ. މަޖިލިސް އިންތިހާބުގައި ނަޒޫއަށް 1094 ވޯޓު ލިބިފައިވާއިރު، އެ ދާއިރާއަށް ހޮވިވަޑައިގެންނެވި ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް ހުސައިންއަށް ލިބިވަޑައިގެންނެވީ، 1142 ވޯޓެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޒޫ މަޖިލީސް ޕްރައިމަރީގައި ވާދަކުރިއިރުން ފެށިގެންވެސް ފައިސަލް އޭނާގެ ކެމްޕެއިންގައިވެސް އުޅެފައެއް ނުވެއެވެ.