ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި ގެއްލުވާލީ މިދިޔަ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމުގެ ސަބަބުން ކަމަށް އެ ދާއިރާއަށް ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓް ނަޒްރާ ނަސީމް (ނަޒޫ) ގެ ފިރިކަލުން، ކުރީގެ ޔޫތް މިނިސްޓަރު އަހްމަދު މަހުލޫފް ކުރެއްވި ތުހުމަތައް ފައިސަލް ނަސީމް ރައްދު ދެއްވައިފިއެވެ.

ފައިސަލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާ ކުރެއްވީ ހަމައެކަނި ކެމްޕެއިން ކަމަށާއި އެ މަސައްކަތް ކުރެއްވީ އެމްޑީޕީން އެދުނު ގޮތަށް ކަމަށެވެ. ރެއާ ދުވާލު މަސައްކަތްކުރެއްވީ އެމްޑީޕީއަށް އިންތިހާބު ކާމިޔާބުކޮށްދޭން ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި މަސައްކަތް ކުރެއްވީ އެގޮތަށް ކަން އެމްޑީޕީގެ މެމްބަރުންނަށާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް އޮންނާނީ ފެނިފައެވެ.

ކަނޑައެޅިގެން ދޮގެއް އެއީ، ދެން ވޯޓަކީ ވެސް ސިއްރު އެއްޗެއް، އެހެން ނަމަވެސް އަޅުގަނޑުގެ ވޯޓު އަޅުގަނޑު ދިނީ ވެސް އޭނާއަށް،
ފައިސަލް ނަސީމު

ފައިސަލް ވިދާޅުވީ ޒޫއަށް ކެމްޕެއިން ކުރައްވަން އެ ދާއިރާއަށް ވަޑައިނުގެންނެވީ އެގޮތަށް އެދިވަޑައިގެންފައި ނުވާތީ އާއި ވަޑައިގަންނަވަންވީ ތަންތަން ކަނޑައެޅީ ޕާޓީން ކަމަށް ވާތީ ކަމަށެވެ.

ނަޒުރާއަށް ފައިސަލް އެންޓި-ކެމްޕެއިން ކުރެއްވި ކަމަށް މަހުލޫފު އެންމެ ފުރަތަމަ ތުހުމަތު ކުރެއްވީ އެމްޑީޕީ ގައުމީ މަޖިލީސް ގްރޫޕަށް ފޮނުވި މެސެޖެއްގައެވެ. އެގޮތުން މަހުލޫފް ވިދާޅުވީ އެ ދާއިރާގެ ގޮނޑި އެމްޑީޕިއަށް ގެއްލުވާލީ ސީދާ ފައިސަލް ނަސީމް ކަމަށާއި ނަމަވެސް އޭނާއަށް ގެއްލުވާލެވުނީ އެންމެ 48 ވޯޓުކަމަށެވެ.

މަހުލޫފް ވިދާޅުވީ ފައިސަލް ދިޔައީ އާއިލާގެ އިތުރުން ދާއިރާގެ އެތައް ބަޔަކަށް ގުޅާ ނަޒޫއާ ދެކޮޅަށް މަސައްކަތް ކުރަމުންކަމަށެވެ. އެ ދާއިރާގެ ޓީމްގެ ފަރާތުން މި މައްސަލަ ޕާޓީއަށް ހުށަހަޅާނެ ކަމަށްވެސް މަހްލޫފް ވަނީ ވިދާޅުވެފައެވެ. މަހްލޫފް ވިދާޅުވިގޮތުގައި، މިކަން ފެށުނީ ރިޔާސީ އިންތިހާބުގައި މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް ރަނިންމޭޓަކަށް ހަމަޖެއްސި ހިސާބުންނެވެ.

މަޖިލިސް އިންތިހާބުގައި ނަޒޫއަށް 1094 ވޯޓު ލިބިފައިވާއިރު، އެ ދާއިރާއަށް ހޮވިވަޑައިގެންނެވި ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް ހުސައިންއަށް ލިބިވަޑައިގެންނެވީ، 1142 ވޯޓެވެ.