އެމްޑީޕީ އިން މަސައްކަތް ކުރަމުން ދަނީ ސަރުކާރު ހަމަ މަގަށް އެޅުވުމަށް ކަމަށާއި، އެ ޕާޓީގެ ފުރަތަމަ އަމާޒަކީ މަޖިލީސް މެޖޯރިޓީ ނެގުން ކަމުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުގެން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ، އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު ޖީހާން މަހުމޫދުގެ ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ސޯލިހް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހާ މެދު އުންމީދު އެބައޮތް ކަމަށެވެ. އަދި އެ އިންތިހާބުގައި އެމްޑީޕީ އިން މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯއްދަވާނެ ކަމަށް ސޯލިހް ވިދާޅުވިއެވެ.

މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ސޯލިހް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ވެރިކަމަށް އައުމުގެ ކުރިން ވެސް އަދި ވެރިކަން ލިބުމަށް ފަހު ވެސް، މި ސަރުކާރުން ކުރަމުންދާ ކަމަކީ ރައްޔިތުންނަށް ދޮގުހެދުމާ ހުސް ވައުދުތަކެއްވުން ކަމުގައި ސޯލިހް ވަނީ ސިފަކުރައްވާފައެވެ. މީގެ އިތުރުން ސޯލިހް ވަނީ މި ސަރުކާރަށް އެއްވެސް ކަމެއް ކުރެވޭ ތަނެއް ނުފެންނަ ކަމަށް ވިދާޅުވެފައެވެ.

މިއަދު ވެސް ކުރަންޖެހިފައި އޮތް ކަމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމުގައި ފާހަގަ ކުރައްވަމުން ސޯލިހް ވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްނުދީ ތަރައްގީ ނުކުރެވޭނެކަމަށް ވިދާޅުވެފައެވެ. އަދި ގައުމު މިދާ މިސްރާބުގެ ސަބަބުން، ވެރިކަން ކުރައްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ލޯމަރައިގެން ހުރެވެން ނެތްކަމަށް ސޯލިހް ވިދާޅުވިއެވެ. އިތުރަށް ސޯލިހް ވިދާޅުވީ އެންމެން އެކުގައި މަސައްކަތްނުކޮށްފި ނަމަ ގައުމު އަނދަވަޅަކަށް ވެއްޓިގެން ހިނގައިދާނެ ކަމަށެވެ.