ރަޝިއާގެ ކާސްކްގައި ޑޮކްޓަރުކަން ކިޔަވައި ދިވެހި ދަރިވަރުން, ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި ތިބި އިރު އެކުދިންގެ ފޯންތައް އެލާޓް ވަމުން ދަނީ މިސައިލް އަންނަ ކަމުގެ ބިރުވެރި އިންޒާރާއެކުގައެވެ.

40 އަށް ވުރެ ގިނަ ދަރިވަރުން މިހާރުވެސް ކިޔަމުން ދާ އިރު އެކުދިންގެ ތެރެއިން ބައެއް ކުދިން ބުނީ, ކޮންމެ ދުވަހަކާއި ރެއެއް ހޭދަކުރަން ޖެހިފައި ވަނީ ބިރުވެރިކަމެއްގެ ތެރޭގައި ހާސްކަންމަތީގައި ކަމަށެވެ.

ބައެއް ކުދިން "ދަ ޕްރެސް" އާ ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު, އެކުދިންގެ ފޯނުތައް ފުރެމުން ދަނީ, "މިސައިލް އެލާޓް, ޑޭންޖާ", "އެޓެންޝަން, އެއާރެއިޑް އެލާޓް" އަދި "ފިންޏާއި ސްނޯ ބާރުވާނެ ކަމުގެ އެލާޓުތަކުންނެވެ.

އެ ދަރިވަރުން މިވަގުތު ކިޔަވަން ތިބޭ ޔުނިވާސިޓީ އަކީ, އަސްކަރީ އެއާފީލްޑަކާ ގާތްގަނޑަކަށް 20 އަކަށް މިނެޓުގެ ދުރުމިނުގައި ހުންނަ ޔުނިވާސިޓީއެކެވެ. ޔޫކްރައިންގެ ބޯޑަރާ ހުންނަ ދުރުމިނަކީ 2 ގަޑިއިރު ވެހިކަލެއްގައި ދެވޭހާ ދުރުމިނެވެ. ހަމައެހެންމެ އެ ކުދިން ތިބޭ ސަރަހައްދާ ގާތްގަނޑަކަށް ގަޑިއެއްހާ އިރުގެ ދުރުމިނުގައި ނިއުކްލިއާ ޕަވާ ޕްލާންޓެއް ވެސް ހުރެއެވެ.

ހުއްޓުމެއް ނެތި އިންޒާރުގެ އެލާޓް އަޅަމުން ދާ އިރު މިސައިލްތަކާއި ބޮން އަޅާ ބޯޓުތައް ކާސްކް ގެ މަތިންދާއިރު އެކުދިން ތިބީ "ކަމެއް ވާނެ އިރެއް, ވާނެ ގޮތެއް ނޭނގޭ ހާލުގައި" ކަނބޮޑުވުމާއި ހާސްކަމުގައެވެ.

ކާސްކް އަށް އަމާޒުވަމުން އަންނަ ޑްރޯނެއް ---

އޭގެ ތެރެއިން އެއްކުއްޖަކު ބުނީ, ކިޔެވުމަށާއި ދާން ޖެހޭނީ ހޮސްޕިޓަލްތަކަށް ދަނީވެސް ބިރުން ތިބެ ކަމަށާއި ދާން ޖެހޭ ހޮސްޕިޓަލްތައް ހުންނަނީ އެ ކުދިން ތިބޭ ތަނާއި ދުރުގައި ކަމަށެވެ.

އެކުދިން ބުނާގޮތުން, ހަނގުރާމައިގެ ވާހަކަތައް ރަޝިއާގެ އިދާރާތަކުން އޮންނަނީ ސިއްރުކޮށް ހިފަހައްޓާފައެވެ. ފޮޓޯއާއި އެހެންވެސް މައުލޫމާތު ހާމަ ކުރަމުން ދަނީ ސަރުކާރުން ސެންސަރު ކުރަމުންނެވެ. އެހެންނަމަވެސް ބޯމަތިން އިވެމުންދާ އަޑުފައްގަނޑާއި އިހުސާސް ކުރެވޭ ބިރުވެރި ކަމަކީ ސިއްރުވާނެ ކަމެއް ނޫންކަމަށް ވެސް ބުނެއެވެ.

"ބޯމަތިން ހެލިކޮޕްޓަރުތައް ދުއްވަނީ, އިރުއިއުކޮޅާ އަސްކަރީ އުޅަނގުދައް މަގުތަކުގައި ކޮޅުކޮޅުމައްޗަށް ދުއްވާ, މިސައިލް އަންނަ ކަމުގެ އިންޒާރު, މިއީ އަހަރެމެންގެ ތަޖުރިބާތައް" "ދަ ޕްރެސް" އާ ވާހަކަ ދެއްކި ދަރިވަރަކު ބުނެފައި ވެއެވެ.

ރަޝިއާގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ޑޮކްޓަރުކަން ކިޔަމުން ގެންދާ އިރު, ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީން އެ ކުދިންގެ ކަންކަން ގާތުން ބަލާކަމަށް ނިމިދިޔަ ސަރުކާރުގައި ބުނެފައި ވެއެވެ. ކޮވިޑްގެ ދުވަސް ވަރުވެސް ދިވެހި ދަރިވަރުން ރާއްޖެ ގެނައުމުގައި ދިވެހި ހާރިޖިއްޔާ އާއި ބޭރުގެ ފަރާތްތަށް ގުޅިގެން ގިނަ މަސައްކަތްތައް ކޮށްފައި ވެއެވެ.

ރަޝިއާ އާއި ޔޫކްރައިން ހަނގުރާމައަށް 2 އަހަރުވާން ދާ އިރު މިހާރުގެ ހާލަތާއި, ދިވެހި ދަރިވަރުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މިހާރުގެ ހާރިޖިއްޔާ އާ ސުވާލު ކުރުމުން ބުނެފައި ވަނީ ބަލަމުން ދާ ކަމަށެވެ.