ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ދިރިއުޅޭ ދިވެހިންނަށް ވެސް އާސަންދައިގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއެކު، ތާޖް ދުބާއީ ހޮޓެލްގައި ރޭ ބޭއްވި ބައްދަލުވުމުގައި މޫސާ ޒަމީރު ވިދާޅުވީ ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނާއެކު ގާތް ގުޅުމެއް އުފައްދަން ދިވެހި އެމްބަސީން ވަނީ މުހިއްމު މަސައްކަތްތަކެއް ފަށާފައިކަމަށެވެ.

އެގޮތުން އެމްބަސީން ފޯރުކޮށްދޭ ހިދުމަތްތައް އިތުރުކޮށް ތަރައްގީކުރުމުގެ އެކިއެކި މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަކަން ފާހަގަކޮށް މޫސާ ޒަމީރު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވައުދު ވެވަޑައިގެންފައިވާ ގޮތުގެމަތިން ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ހަލުވިކަމާ އެކު ކުރިއަށް ދާކަމަށެވެ.

މީގެ އިތުރުން މޫސާ ޒަމީރު ވިދާޅުވީ ގައުމުތަކުގައި ހުންނަ ދިވެހި އެމްބަސީތައް މެދުވެރިކޮށް ރާއްޖެއަށް ފަތުރުވެރީން ގެނައުން އިތުރުކުރުމާ ޢާޑީ އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުމުގެ އިތުރުން ދިވެހި ވިޔަފާރިތައް ދުނިޔެއަށް އިތުރަށް ތައާރަފްކުރުމަށް މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. އަދި ދިވެހި އެމްބަސީ މެދުވެރިކޮށް ދޭ ހިދުމަތްތަކުގެ ތެރެއިން އެމްބަސީއަށް ކޮންމެހެން ހާޒިރުވެގެން ކުރަން ޖެހޭ ކަންތައް ފިޔަވައި އެހެން ހިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާކަމަށްވެސް މޫސާ ޒަމީރު ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް މުއިއްޒު ވެސް ވަނީ އާސަންދައިގެ ދަށުން ޔޫއޭއީ އާއި ތައިލެންޑުގެ ހޮސްޕިޓަލުތަކުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސުމުގެ އިތުރުން އެކޮމެންޑޭޝަން ހަރަދުތައް ވެސް ހިމެނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.