ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ސަރުކާރުން ގެރެންޓީ ދީގެން ނެރުމަށް ހަމަޖެހިފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ފުރުސަތު ހުޅުވާލުމަށް ކުރާ މަސައްކަތެއްކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ފިޗުން ރާއްޖޭގެ ރޭޓިން "ސީސީ" އިން "ސީސީސީ މައިނަސް" އަށް މަތިކުރުމާ ގުޅިގެން ޒަމީރު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބީއެމްއެލްގެ ސުކޫކަކީ މެދު ރާސްތާގައި އިގްތިސޯދު ކުރިއެރުވުމަށް ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ މާލީ މުއާމަލާތެއް ކަމަށެވެ.
އަދި ހާއްސަކޮށް ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށް ސަރުކާރާއި ބީ.އެމް.އެލް ގުޅިގެންކުރިއަށްގެންދާ މާލީ މުއާމަލާތެއް ކަމަށެވެ.
"މީގެ ކުރިންވެސް އަޅުގަނޑު ދަންނަވާފައިވާ ފަދައިން، ސަރުކާރުން ގެރެންޓީ ދީގެން ބޭންކް އޮފް މޯލްޑިވްސްއިން ނެރުމަށް ހުށަހަޅާފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތުގެ ބަޖެޓަށް އެހީވުމަށް ނުވަތަ ސަރުކާރުގެ ކޭޝް-ފްލޯގެ ބޭނުންތަކަށް ޚާއްސަކޮށްފައިވާ މުއާމަލާތެއް ނޫން،" ވަޒީރު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ދައުލަތަށް އާމްދަނީ ލިބޭ ވަސީލަތްތައް އިތުރުވެ، ކުރިއަށް އޮތް އަހަރުތަކުގައި ކަނޑައަޅާފައިވާ މާލީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފަސޭހަވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފިޗުން ރާއްޖޭގެ ރޭޓިން މަތިކުރި ސަބަބަކީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދައްކަން އޮތް 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ދަރަނި ސަރުކާރުން ދައްކާ ހަލާާސްކޮށްފައިވުމެވެ.
މި ދަރަނި އަދާކޮށްފައިވަނީ އިތުރު އެއްވެސް ލޯނެއް ނުނަގައި، ދައުލަތުގެ ރިޒާވާއި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް)ގައި ހުރި ފައިސާ ބޭނުންކޮށްގެން ކަމަށް ސަރުކާރުން ހާމަކުރެއެވެ. އެގޮތުން މި ސުކޫކް ދެއްކުމަށް އެސްޑީއެފް އިން 150 މިލިއަން ޑޮލަރު ބޭނުންކޮށްފައިވެއެވެ.
މީގެ އިތުރުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް ސަރުކާރާއި މަރުކަޒީ ބޭންކް (އެމްއެމްއޭ) ގުޅިގެން ފަށާފައިވާ މާލީ އިސްލާހީ ފިޔަވަޅުތައްވެސް ފިޗްއިން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ގްރީން ޓެކްސްއާއި އެއާޕޯޓް ޓެކްސްތައް މަތިކުރުމާއި ބޭރުގެ މާލީ އިދާރާތަކާއެކު ކަރަންސީ ސްވޮޕް އެގްރީމެންޓްތައް ހެދުމާއި ބޭންކުތަކަށް ބޭރު ފައިސާ މާރުކުރަންޖެހޭ އިންސައްތަ މަތިކުރުން ހިމެނެއެވެ.
އެކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ބޭރުގެ ހަނގުރާމަތަކުގެ ސަބަބުން ކުރު ރާސްތާގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ޕޮލިސީގެ އިސްލާހުތަކުގެ ސަބަބުން އިގްތިސޯދީ ލޮޅުންތަކުން އަރައިގަތުމުގެ ގާބިލުކަން މިހާރު އިތުރުވެފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ދައުލަތުގެ ހަރަދުތައް ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިން ހަމަޖައްސައި، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުންކަމަށް މިނިސްޓްރީން ބުންޏެވެ.
ފާއިތުވި ދެ އަހަރު ދަށްކޮށް އޮތުމަށްފަހު ރާއްޖޭގެ ރޭޓިން މަތިވުމަކީ އިންވެސްޓަރުންގެ އިތުބާރު އަލުން ލިބެމުންދާ ކަމުގެ ނިޝާނެއް ކަމަށްވެސް ފިނޭންސުން ބުނެފައި ވެއެވެ.
