ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ހުރިގޮތުން ކަމަށް އެ މަގާމުން އިސްތިއުފާ ދެއްވި މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެއެވެ.
ޒަމީރު ވަނީ މި ސަރުކާރުގައި ކެބިނެޓްގެ ދެ މަގާމެއް ފުރުއްވާފައެވެ. އެގޮތުން އެންމެ ފުރަތަމަ ފޮރިން މިނިސްޓަރުގެ މަގާމެވެ. އެއަށްފަހު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށްފަހު އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެއެވެ.
އިސްތިއުފާ ދެއްވުމަށްފަހު ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ މަގާމުން ދުރުވީ ބަލި ހާލަތު ތަން ނުދޭތީ ކަމަށެވެ.
އެގޮތުން، ދުނިޔޭގައި ކުރަމުންދާ ހަނގުރާމަތަކާ ގުޅިގެން އިގްތިސާދު ވެސް މިހާ ނާޒުކުކޮށް އޮއްވާ ބަލި ހާލަތުގެ ސަބަބުން ގިނަ ދުވަހު ވަޒީފާގައި ނުހުންނެވޭނެކަން އެނގިހުރެ މަގާމުގައި ދެމިހުރުމަކީ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ޒަމީރު ވިދާޅުވެފައި ވެއެވެ.
އަދި މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ޕާޓީގެ އެކި ހަރަކާތްތަކުގެ އިތުރުން ރައީސް މުއިއްޒު ގޮވާލެއްވި ކޮންމެ ފަހަރަކު ގައުމަށް ހިދުމަތް ކުރުމުގައި ދެމި ހުންނާނެ ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ. އަދި މިހާރުވެސް ހުންނެވީ ރައީސް މުއިއްޒުގެ ފަހަތްޕުޅުގައިކަން ފާހަގަކޮށް ޒަމީރު ވަނީ ކުރިއަށް އޮތް ތަނުގައި ވެސް އޭނާ ހުންނަވާނީ މުއިއްޒު އާއެކު ގަދަކޮށް ކަމަށް ވިދާޅުވެފައެވެ.
ފިނޭންސް މިނިސްޓަރުގެ އިތުރުން ވެސް ޒަމީރު ދިޔައީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސް އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީގެ ޗެއާގެ މަގާމާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ ރައީސްކަން ވެސް ކުރައްވަމުންނެވެ.
ޒަމީރު ފިނޭންސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވިއިރު ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސް އިން ރާއްޖެ އަށް ދީފައި އޮތް ރޭޓިން ވަނީ މިދިޔަ ހަފުތާގައި މަތިކޮށްފަ އެވެ. އަދި މިދިޔަ އޭޕްރިލް މަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކް ރާއްޖޭން ކާމިޔާބުކަމާ އެކު ދައްކާފައިވެ އެވެ.
ޒަމީރުގެ ބަދަލުގައި، ފިނޭންސް މިނިސްޓަރު ކަމަށް ރައީސް އައްޔަން ކުރައްވާފައި ވަނީ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަސަން ޒަރީރުއެވެ.
ފައިނޭންސާއި އެކައުންޓިންގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ޒަރީރު ވަނީ ފިނޭންސް މިނިސްޓްރީ އާއި މީރާގައި ކުރިން ވެސް މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން 2010 އިން 2019 އަށް ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވި އެވެ. އަދި ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިއުގެ މަގާމު 2007 އިން 2010 އަށް އަދާކުރެއްވި އެވެ.
