ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސަކަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އައްޔަން ކުރައްވައިފިއެވެ.

އެލްޖީއޭގެ ވެބްސައިޓްގައިވާ ގޮތުން އެ އޮތޯރިޓީގެ ރައީސަކަށް ޒަމީރު އައްޔަން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 21 ވަނަ ދުވަހުއެވެ.

އެލްޖީއޭގެ ބޯޑުގައި ރައީީސާއި ނައިބް ރައީސް އަދި ސީއީއޯ ހިމެނޭ ގޮތަށް ތިއްބަވާ 8 މެންބަރުންނަކީ:

  1. ރައީސް: މޫސާ ޒަމީރު
  2. ނައިބު ރައީސް: ފާތިމަތު ނިއުމާ
  3. ސީއީއޯ: މުހައްމަދު ނިމާލް
  4. ބޯޑު މެންބަރު: ފާތިމަތު ޒީނާ އަލީ
  5. ބޯޑު މެންބަރު: މުހައްމަދު އާޒާދުު
  6. ބޯޑު މެންބަރު: އަޒްހާ ސަމީރު
  7. ބޯޑު މެންބަރު: މުހައްމަދު ޝިޔާމް
  8. ބޯޑު މެންބަރު: އިސްމާއީލް ރަފީގު
އެލްޖީއޭގެ ބޯޑު މެންބަރުން އެކުލަވާލާފައިވާ ގޮތް

އެ ބޯޑުގެ ރައީސަކަށް އެންމެ ފަހުން ހުންނެވީ، ލޯކަލް ގަވަމެންޓް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް އުމަރެވެ. ނަމަވެސް، މި މަހުގެ 14 ވަނަ ދުވަހު އޭނާ މަގާމުން އިސްތިއުފާ ދެއްވުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މިނިސްޓްރީ އުވާލައްވައިފަ އެވެ.

ކެބިނެޓުގައި ކުރިން ތިއްބަވަނީ 20 ވަޒީރުންނެވެ. އެކަމަކު 5 މިނިސްޓްރީ މަދުކޮށްފައިވާއިރު އެނގިފައިވާ ގޮތުގައި ފިޝަރީޒް އާއި އެނިމަލް ވެލްފެއާ މިނިސްޓްރީ އެއްކޮށްލައްވަން ވަނީ ނިންމަަވައިފަ އެވެ. އަދި ޑިފެންސް މިނިސްޓަރާ އެޓާނީ ޖެނެރަލް އަހްމަދު އުޝާމްއާއެކު ކެބިނެޓުގައި މިހާރު ތިއްބަވާނީ ޖުމްލަ 15 މިނިސްޓަރުންނެވެ.

އެލްޖީއޭއަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ބަޔާންކޮށްފައިވާ ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިނގަމުންދާގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ އޮތޯރިޓީއެކެވެ.