ޔޫކްރައިނުން ނޭޓޯ އާ ގުޅޭތީ ރަޝިއާގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ އޮތްކަމަށް ބުނެ ފެށި ހަނގުރާމައަށް މިމަހުގެ 22 ގައި 2 އަހަރު ވާނެއެވެ.

ހަނގުރާމަ ފެށިފަހުން، ދެގައުމުން ބަދަލުކުރާ ހަމަލާތަކުގައި މައިގަނޑު އަމާޒަކީ އަސްކަރީ މަރުކަޒުތަކާއި އަސްކަރީ ގުދަންތަކާއި އުމްރާނީ ބައެއް ވަސީލަތްތަކެވެ. ނަމަވެސް ގިނަ ހަަމަލާތަކެއް އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުވެ މަރުވި އާންމުންގެ އަދަދު މިހާރު ވަނީ 10،000 އަށް އަރާފައެވެ.

އދ ގެ އިދާރާތަކުން ބުނާގޮތުގައި ހަނގުރާމައަށް މި ވީ މުއްދަތުގެ ތެރޭގައި މަރުވި އާންމުންގެ އިތުރުން 20،000 އަށް ވުރެ ގިނަ އާންމުން ޒަހަމްވެފައި ވެސް ވެއެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރަޝިއާއިން ޔޫކްރައިންގެ 6 ސަރަހައްދަކަށް އަމާޒު ކޮށް ވަނީ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގައި 64 ޑްރޯން ބޭނުން ކުރި ކަމަށާއި އޭގެ ތެރެއިން 44 ޑްރޯން ވައްޓާލި ކަމަށް ޔޫކްރައިން އިން ވަނީ ބުނެފައެވެ.

މި ހަމަލާ އަމާޒުވި 6 ސަރަހައްދަކުން 5 މީހަކު މަރުވެ 50 މީހަކު ވަނީ ޒަހަމްވެފައެވެ.

ރަޝިއާއިން ބުނީ ހަމަލާތައް އަމާޒު ކުރީ، ހަތިޔާރު ގުދަން ތަކަށާއި ފެކްޓަރީ ތަކަށް ކަމަށެވެ.

އިތުރަށް ރަޝިއާއިން ބުނީ، އިއްޔެ ރަޝިއާ އަށް އަމާޒު ކޮށް ޔޫކްރައިން އިން 12 ރޮކެޓް ހަމަލާ ފޮނުވާލި ކަމަށާއި އެ ހުރިހާ ހަމަލާއެއްވެސް ނާކާމިޔާބު ކޮށްލާފައި ވާ ކަމަށެވެ.

ހަނގުރާމައަށް 2 އަހަރު ވާން ދާއިރު ފެފަރާތުން މަރުވި އަސްކަރީންގެ ސާފު އަދަދުތަކެއް ނޭނގެއެވެ. ހަނގުރާމައިގެ ކުރީކޮޅު ހާމަ ކުރަމުން ދިޔަ އަދަދުތަކަށް ބަލާ އިރު ދެފަރާތުން ކުރެ ކޮންމެ ފަރާތަކުން މަރުވި ސިފައިންގެ އަދަދު ލައްކައިން މައްޗަށް އަރާނެއެވެ. އޭރު އަދަދުތައް ހުރީ ލައްކައަކާ ގާތް ކޮށްފައެވެ.

ޔޫކްރައިން ހަނގުރާމަ އަދި ނިމޭނެ މުއްދަތެއް ބުނަން ނޭނގޭ އިރު ޔޫކްރައިން އަށް މަދަދު ދޭ ހުޅަނގާއި އެމެރިކާއިން ގެންދަނީ މަދުނުވާނެ ވަރަށް ޔޫކްރައިން އަށް ހަތިޔާރު ދިނުމަށް ތައްޔާރު ވަމުންނެވެ. އެގޮތުން 6 ބިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖެއް ފާސްކޮށް ހަތިޔާރު އުފައްދާ ކުންފުނިތަކާ މިހާރު ވަނީ މަސައްކަތް ހަވާލު ކޮށްފައެވެ.