ވެރިކަމަށް ވަޑައިގަންނަވާތާ 24 ގަޑިއިރުގެ ތެރޭގައި ޔޫކްރައިން ހަނގުރާމަ ހުއްޓުވާނެ ކަމަށް ވިދާޅުވި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއަށް އިންޒާރެއް ދެއްވައިފިއެވެ.

ޓްރަމްޕްގެ ސޯޝަލްމީޑިއާ ޕްލެޓް ފޯމް 'ޓްރްތު ސޯޝަލް" ގައި އޭނާ ވިދާޅުވީ، ރަޝިއާއިން ކުރަމުން ދާ ހަނގުރާމަ ހުއްޓުވާލުމަށް ނުވަތަ އެމަގަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރަޝިއާ އަށާއި ޕުޓިންއަށް ކޮށްދެއްވާ ކަމެއް ކަމަށެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، ރަޝިއާ ހަނގުރާމަ ހުއްޓުވުމުގ ޓާގެޓަކީ 100 ދުވަހުގެ ޓާގެޓެއް ކަމަށާއި، ކުރިން 24 ގަޑިއިރު ކަމަށް ވިދާޅުވެފައި ވީ ނަމަވެސް މުއާމަލާތު ކުރުމަކީ ދަތިކަމެއް ކަމަށެވެ. އޭނާ އެ އިޝާރާތް ކުރައްވަނީ ޕުޓިން އާ ވާހަކަ ދެއްކެވުމުގައި ހުރި ހުރަސްތަކަށް ކަމަށް ބެލެވެއެވެ.

ޓްރަމްޕްގެ މި ވާހަކަތަކަށް ޕުޓިން އަދި ރައްދެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން ޕުޓިން ވިދާޅުވެފައި ވަނީ، އެމެރިކާގެ އާ ސަރުކާރާއެކު މަޝްވަރާ ކުރައްވަން ތައްޔާރު ކަމަށާއި، ނަމަވެސް ވަގުތީ ހައްލަކަށް ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި މީގެ ކުރިން ދައްކަވާފައި ބައެއް ވާހަކަތަކަށް ބަލާއިރު، ޕުޓިން ވިދާޅުވެފައި ވަނީ، ހަނގުރާމައިގައި ރަޝިއާއިން އަތުލި ޔޫކްރައިންގެ ބިމުގެ ގާތްގަނޑަކަށް 20 އަކަށް ޕަސެންޓް ސަރަހައްދަކީ ރަޝިއާގެ ތަންތަން ކަމަށް ބަލައިގަންނަން ޖެހޭނެ ކަމަށާއި އަދި ޔޫކްރައިން އަށް ނޭޓޯގައި ބައިވެރި ނުވެވޭނެ ކަމަށް ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ.

ޔޫކްރައިން އިން އޮތީ އެމީހުންގެ ބިމުގެ ސަރަހައްދުން އެއްވެސް ބައެއް ރަޝިއާ އަށް ދޫކޮށްލާ ގޮތަކަށް ނޫނެވެ.

ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ޓްރަމްޕް ބޭއްވެވި 1 ގަޑިއިރުގެ ޕްރެސްގައި އޭނާ ވަނީ ވަރަށް އަވަހަށް ޕުޓިން އާއެކު މަޝްވަރާއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެއަށް ފަހު ޓްރްތު ސޯޝަލްގައި އޭނާ ލިޔުއްވީ، 'އިގްތިސޯދު ހަލާކުވަމުން ދާ ރަޝިއާ އާއި އެގައުމުގެ ރައީސަށް ވަރަށް ބޮޑު ފޭވާއެއް ކޮށްދެއްވަން" އުޅުއްވާ ކަމަށެވެ.

"މިހާރު ހުއްޓާލައި، ބޭކާރު ހަނގުރާމައެއް، އިތުރަށް ވާނީ ގޯސް، އަވަހަށް އެއްބަސްވުމަކަށް ނައިސް ނުވާނެ، އަހަންނަށް މަޖުބޫރުވާނެ ޓެކްސް ބޮޑުކޮށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅު އަޅަން"
ޓްރަމްޕް

އެއާއެކު ދެން ވިދާޅުވީ އޮތީ 2 ގޮތް ކަމަށާއި އެއީ "ފަސޭހަ ގޮތާއި އުނދަގޫ ގޮތް" ކަމަށެވެ.

ޓްރަމްޕްގެ މިވާހަކަތަކަށް ޕުޓިން ރައްދު ދެއްވާފައި ނުވި ނަމަވެސް އދ ގައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު ޑިމިޓްރީ ޕްލޮޔާންސްކީ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ ޑީލަކަށް ޓްރަމްޕް ބޭނުންފުޅުވަނީ ސީދާ ކޮންކަމެއް ކަން ކްރެމްލިން އަށް އެނގެން ބޭނުންވާ ކަމަށެވެ.

މި މައުޟޫގައި ޔޫކްރައިންގެ ރައީސްވެސް ވާހަކަ ދައްކަވާފައި ވެއެވެ. މިހާރު ޔޫރަޕްގައި ކުރިއަށް ދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ކޮންމެ އެގްރީމެންޓެއް ހެދި ނަމަވެސް ސުލްހަ ބެލެހެއްޓުމަށްޓަކައި މަދުވެގެން 200،000 ސިފައިންގެ ފައުޖެއް ބޭނުންވާނެ ކަމަށެވެ. އަދި އެގޮތުން އެކުލަވާލައި ސުލްހައިގެ ފައުޖެއްގައި އެމެރިކާގެ ސިފައިން ހިމެނެން ޖެހޭނެ ކަމަށާއި ރަޝިއާ ޖެހިލުން ވާނީ އޭރުން ކަމަށެވެ.