ބައިނަލްއަގުވާމީ ބައެއް ފަރާތްތަކުގެ އެހީއާއެކު އިޒްރޭލާއި ހަމާސް އާ ދެމެދު ސުލްހަ ގާއިމުކުރުމަށް އެކުލަވާލި ކަރުދާހަށް ހަމާސް އިން ގޮތްތަކެއް ހުށަހަޅައިފިއެވެ.
އިޒްރޭލުގެ ރުހުމާއެކު އެމެރިކާ, ގަތަރު އަދި މިސްރު ޖާމިނުވެގެން ހެދި ޑްރާފްޓަށް ހަމާސް އިން ގިނަ ޝަތުރުތަކެއް ކުރިމަތި ކޮށްފައި ވާ އިރު, ފުރަތަމަ ކަމަކީ 45 ދުވަހުގެ 3 ބުރަށް ހަމަލާތައް ހުއްޓާލައި ދެފަރާތުން ރަހީނުން ބަދަލު ކުރުމާއެކު އަސާސީ ހިދުމަތްތައް ގާޒާއަށް ލިބޭނެ ގޮތް ހެދުމެވެ.
އެއާ ވިދިގެން ދެން ހުށަހަޅާ ގޮތަކީ, އެ 135 ދުވަސް ހަމަވުމާއެކު, ގާޒާގައި ތިބި އިޒްރޭލުގެ ހުރިހާ ސިފައިން ފައިބައިގެން ދިޔުމާއި ހަނގުރާމަ ހުއްޓާލައި ގާޒާ އާރާސްތު ކުރުމަށް އެހީތެރިވުމެވެ.
މިއީ ޔަހޫދީ ބޮޑުވަޒީރު އެއްގޮތަކަށް ވެސް ރުހޭނެ ހުށަހެޅުމެއް ނޫންކަމަށް މުރާސިލުން ބުނެއެވެ. އެއީ ބޮޑުވަޒީރު ނަތަންޔާހޫގެ ނިންމުމަކީ އަދި ވަކާލާތު ކުރަމުން ގެންދަނީ ގާޒާ ހިފާ, ދާއިމަށް އެތާނގައި އިޒްރޭލު ސިފައިން ބޭތިއްބުން ކަމަށް ވާތީއެވެ.
ރޮއިޓާސް އަށް ފެނިފައި ވާ ކަމަށް ބުނާ އެއްބަސްވުމުގެ އެ ޑްރާފްޓްގައި ފުރަތަމަ 45 ދުވަސް ހާއްސަ ކޮށްފައި ވަނީ, ހަމާސްގެ އަތްދަށުގައި ތިބި އިޒްރޭލުގެ އަންހެނުންނާއި 19 އަހަރުން ދަށުގެ މީހުން މިނިވަން ކުރުމުގެ ބަދަލެއްގެ ގޮތުން އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ އަންހެނުންނާއި ކުޑަކުދިން މިނިވަން ކުރުމެވެ. ހަމަ އެއާއެކު މައިގަނޑު ]ބައިބޯ[ ސަރަހައްދުތަކުން އިޒްރޭލު ސިފައިން ފޭބުމާއި ހޮސްޕިޓަލްތަކާއި ރެފިއުޖީ ކޭމްޕްތައް އާރާސްތުކުރަން ފެށުން ވެސް ހިމަނާފައި ވަނީ މި މުއްދަތުގެ ތެރެއަށެވެ.
ދެވަނަ 45 ދުވަހަށް ހިމަނާފައި ވަނީ, ބާކީ ތިބި އިޒްރޭލުގެ ފިރިހެން ރަހީނުން މިނިވަން ކުރާއިރު އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ ފިރިހެނުން މިނިވަން ކުރުމާއި ގާޒާއިން އިޒްރޭލު ސިފައިން ފޭބުމެވެ.
ތިންވަނަ 45 ދުވަހަށް ހާއްސަ ކޮށްފައި ވަނީ, ދެފަރާތުން ކުރެ ކޮންމެ ފަރާތެއްގައި ރާހީނުންގެ ގޮތުގައިވެސް އަދި މަރުވެ ނުވަތަ މަރާލާފައި ވާ މީހުންގެ ހަށިތައް އެއްފަރާތުން އަނެއް ފަރާތަށް ބަދަލު ކުރުމެވެ.
ހަމާސް އިން ބުނާ ގޮތުގައި މި 135 ދުވަހުގެ މުއްދަތު ނިމޭ އިރު ގާޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެނާއި ބޭހާއި އެނޫންވެސް އަސާސީ ހިދުމަތްތައް ލިބުމާއެކު ދާއިމީ ސުލްހައެއް ގާއިމު ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއްވެސް އޮންނަން ވާނީ ނިމިފައެވެ.
މި ޑްރާފްޓަށް ކޮމެންޓް ކުރައްވަމުން އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވީ, ކޮންމެވެސް މިންވަރެއްގެ ކުރިއެރުމެއް ފެންނަ ކަމަށާއި ދާއިމީ ސުލްހައަކަށް ދިޔުމަށްޓަކައި ކުރަން ހުރި މަސައްކަތްތައް އަދި ވަރަށް ގިނަ ކަމަށެވެ.
އިޒްރޭލާއި ހަމާސް އާ ދެމެދު މިދިޔަ އަހރުގެ ނޮވެންބަރުގައި ގާއިމު ކުރި ވަގުތީ ސުލްހައިގެ ދަށުން 100 އަށް ވުރެ ގިނަ ރަހީނުން މިނިވަން ކުރިއެވެ. ބަދަލުގައި އިޒްރޭލުން ވަނީ ފަލަސްތީންގެ 240 މީހަކު ދޫކޮށްލާފައެވެ.
އޮކްޓޯބަރު 7, 2023 ގައި ފެށުނު ހަނގުރާމަ މިހާތަނަށް އައި އިރު އިޒްރޭލުން ވަނީ ފަލަސްތީންގެ 27,000 މީހަކު ޝަހީދު ކޮށްލައި 65,000 މީހުން ޒަހަމް ކޮށްލައިފައެވެ. އަދި ޝަހީދު ކޮށްލި ކުޑަކުދިންގެ އަދަދު 8000 އަށް ވުރެ މައްޗެވެ.