ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން އެ ގައުމާއި ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެއްވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް އެމަނިކުފާނުގެ ދެ ކަނބަލުން ކުރައްވެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވުނު މަޝްވަރާތަކެއްކަން ޔަގީން ކުރައްވާ ކަމަށެވެ.

އަދި ހަމަ އެހެންމެ ތިމާވެއްޓާއި ދެމެހެއްޓެނިވިކަމާއި، މަތީ ތައުލީމާއި، ފަންނީ އަދި ވޮކޭޝަނަލް ތަމްރީނާއި، ސިންގަޕޫރު ކޯޕަރޭޝަން އެންޓަޕްރައިޒްއާއި ގުޅިގެން، އަދި ސްޓަޑީ ވިޒިޓްތައް މެދުވެރިކޮށް ތަރައްގީއަށް ބޭނުންވާ ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމްތައް ފަދަ ކަންކަމަށް ދެ ގައުމުން އެމްއޯޔޫއެއްގައި ސޮއިކުރުމަކީ އުފާކުރައްވާކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ވެސް ވިޔަފާރީގެ އަދި އިންވެސްޓްމަންޓްގެ އުއްމީދީ ފުރުސަތުތަކެއް ހުޅުވިގެންދިޔަ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ވެސް މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ގުޅުމުގެ އާ ބާބެއް ފެށުނުކަމުގެ ޔަަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް މި ދަތުރުފުޅު ކުރެއްވީ ރައީސް ސިންގަޕޫރަށް މި ދަތުރުފުޅު ކުރެއްވީ ރާއްޖެ އާއި ސިންގަޕޫރުގެ ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފުރޭ އަހަރާ ދިމާކޮށެވެ.

މި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރައީސްގެ ދެކަނބަލުން، ރައީސް މުއިއްޒުގެ ދެކަނބަލުންގެ ޝަރަފުގައި ޖާފަތެއް ދެއްވުމުގެ އިތުރުން ރައީސް ވަނީ އެ ގައުމުގައި ދިރިއުޅޭ ދިވެހީންނާ ވެސް ބައްދަލު ކުރައްވާފައެވެ.

މީގެ އިތުރުން ވެސް ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި ސިންގަޕޫރުގެ ބޮޑުވަޒީރު އަދި މާލީ ވަޒީރު، ލޯވްރެންސް ވޮންގެ އިތުރުން ސިންގަޕޫރުގެ ސަރުކާރާއި ރައްޔިތުންނަށް އެމަނިކުފާނު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.