ގަތަރުގައި އޮންނަ އެމެރިކާގެ ބޭހަށް އީރާނުން ދިން ހަމަލާ އަށް ފަހު އިޒްރޭލާއި އީރާނު ސުލްހަ ވެއްޖެ ކަމަށް ޓްރަމްޕް އިއުލާން ކުރެއްވި ނަމަވެސް އިޒްރޭލާއި އީރާނުން ހަމަލާ ބަދަލު ކުރުން ހުއްޓައެއް ނުލައެވެ.
އެމެރިކާއިން އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ދިން ހަމަލާގެ ބަދަލު ހިފަން މެދުއިރުމަތީގައި އޮންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ބޭސް، ގަތަރުގެ އަލް އުދައިދަށް 19 މިސައިލް ހަމަލާއެއް އަމާޒު ކުރިއެވެ. ކުރު ރާސްތާ މިސައިލުން ދިން އެ ހަމަލާގެ ތެރެއިން 18 މިސައިލް ވައިގެ ތެރޭގައި ގޮއްވާލި އިރު ވެއްޓުނު 1 މިސައިލުން މީހަކަށް ވެސް އަދި ތަނަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މިކަން ގަތަރުގެ ރަސްމީ އިދާރާތަކުން ކަށަވަރު ކޮށްދީފައި ވާ އިރު، އީރާނުގެ ހަމަލާ އައުމުގެ 1 ހަފްތާ ކުރިން އަލް އުދައިދު ގެ ވައިގެ ބަނދަރު ވަނީ ހުސްކޮށްފައެވެ. އެ ތަނަކީ އެމެރިކާގެ 10،000 ސިފައިން ގާއިމުވެ ތިބޭ، އެމެރިކާގެ އަސްކަރީ ބޯޓުތައް އޮންނަ އެއާބޭސް އެއް ނަމަވެސް އެ ހަމަލާ ދިން އިތު އެތަން އޮތީ 'ދުން އަޅާފަ' އެވެ.
މި ހަމަލާ އަކީ، އެމެރިކާއިން އީރާނުގެ ނިއުކްލިއާ ފެސިލިޓީ، ފޯޑޯ އަށް ދުނިޔޭގެ އެންމެ ބިޔަ ބޮމުގެ 6 ބޮން ވައްޓާލައި އެތަން ގޮއްވާލުމާއި، ނަތާންޒް އަދި އިސްފަހާންގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާގެ ބަދަލު ހިފަން ދިން ހަމަލާއެކެވެ.
އީރާނުން ބުނެފައި ވަނީ، ގަތަރު ބޭސް އަށް ދިން ހަމަލާގައި ބޭނުން ކޮށްފައި ވާނީ، އެމެރިކާއިން ދިން ހަމަލާގައި ބޭނުން ކުރި އަދަދަށް އޭގެ މުގާބިލުގައި ކަމަށެވެ.
ހަމަލާއަށް ފަހު އިޒްރޭލާއި އީރާނު ސުލްހަ ވެއްޖެކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާން ކުރައްވައި އޭނާގެ ސޯޝަލްމީޑިއާ ޕްލެޓްފޯމް 'ޓްރްތު ސޯޝަލް' ގައި ލިޔުއްވާފައި ވީ ނަމަވެސް އިޒްރޭލާއި އީރާނުން ދަނީ ހަމަލާ ބަދަލު ކުރަމުންނެވެ.
ޓްރަމްޕް ވިދާޅުވާ ގޮތުން، ދެ ފަރާތުން ސުލްހަ ވެ ހަމަލާތައް ހުއްޓާލައިފިއެވެ. އެއާއެކު އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ރޭ ދަންވަރު ބާއްވައި އޭގައި ނިންމި ނިންމުންތައް ހާމަ ކޮށްފައި ނުވި ނަމަވެސް ބިން ގަރާސްތަކުގައި ފިލާ ތިބި އާންމު ރައްތިތުން ނިކުތަސް އެންމެ ރަނގަޅު ކަމަށާއި މާހައުލުގެ ރައްކާތެރިކަން އޮތް ކަމަށް އިޒްރޭލު ސަރުކާރުން އެންގިއެވެ. އިޒްރޭލުން އެގޮތަށް އެންގިތާ މާގިނަ އިރެއް ނުވެ އީރާނުންވެސް ވަނީ، ހަމަލާތައް މަޑުޖައްސާލިކަން އިރާނު ގަޑިން ފަތިހު 4 އެއް ޖަހަނިކޮށް އިއުލާން ކޮށްފައެވެ.
ނަމަވެސް އޭގެ ފަހުން ހައެއްކަ ގަޑިއިރު ވެސް ނުވަނީސް އިޒްރޭލުން ވަނީ އީރާނަށް ހަމަލާ ދީފައެވެ. އިޒްރޭލުން ބުނަނީ، އީރާނުން މިސައިލް ހަމަލާއެއް ދިނީ ކަމަށާއި އޭގެ ބަދަލު ހިފީ ކަމަށެވެ.
އިޒްރޭލާއި އީރާނު ސުލްހަ ވި ކަމަށް އެމެރިކާގެ ރައީސް އިއުލާން ކުރައްވާފައި ވީ ނަމަވެސް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާޗީ ވިދާޅުވީ، އެއްވެސް އެއްބަސްވުމެއް ނެތް ކަމަށާއި އެހެން ނަމަވެސް އިޒްރޭލުން ހަމަލާތައް ހުއްޓާލައިފި ނަމަ އީރާނުންވެސް ހަމަލާތައް ހުއްޓާލާނެ ކަމަށެވެ.
12 ދުވަސް ވީ އިޒްރޭލް އީރާން ހަނގުރާމައިގައި އީރާނުން 400 މީހުން މަރުވެ 3056 މީހަކު ވަނީ ޒަހަންވެފައެވެ. އިޒްރޭލުން މަރުވި ކަމަށް ރިޕޯޓް ކޮށްފައި ވަނީ 24 މީހުންނެވެ. އަދި ޒަހަންވި ކަމަށް ރިޕޯޓު ކުރި އަދަދަކީ 380 އެވެ.