ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ގައުމުގެ ޓުއަސް ޕޯޓަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސް ޓުއަސް ޕޯޓަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ގުރޫޕް ހެޑް އޮފް ބިޒްނަސް ޑިވެލްޕްމެންޓް، އޮންގް ސޯ ލިއޮން އަދި ޕީއެސްއޭ އިންޓަނޭސަނަލްގެ ނައިބު ރައީސް (ކޮންޓައިނާ ޑިވިޒަން) ވިލިއަމް ގޮހް އެވެ.

ޓުއަސް ޕޯޓުން ރައީސުލްޖުމްހޫރިއްޔާއާއި، އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށްވަނީ އެތަނުގައި ތަރައްގީއަށް ކުރެވިފައި ހުރި ކަންކަމާއި، މަސައްކަތްތައް ކުރިށްދާ ގޮތް ހިއްސާކުރައްވާފައެވެ. އެއަށްފަހު ޕޯޓު ބައްލަވާލައްވައި، ޕޯޓު ކޮންޓުރޯލް ސެންޓަރުގައި އޮޓޮމެޓިކް ކާގޯގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރުގެ ޓުއަސް ޕޯޓަށް ޒިޔާރަތްކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

2040 ގައި ޓުއާސް ޕޯޓުގެ މަސައްކަތް ނިމުމާއެކު ދުނިޔޭގެ އެންމެ ބޮޑު އޮޓޮމޭޓެޑް ބަނދަރަށް އެތަން ވެގެންދާނެއެވެ. މި ބަނދަރަކީ މުދާ އުފުލުމަށް ޑިޖިޓަލް ސޮލިއުޝަންތައް ބޭނުންކުރުމަށް މަސައްކަތްކުރާ ބަނދަރެކެވެ.

ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް ރައީސްގެ ދެ ކަނބަލުން ކުރައްވާ މި ދަތުރުފުޅުގައި ވަނީ ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ގުޅުން ބަދަހިކުރުމަކަށް 3 އެމްއޯޔޫއެއްގައި ސޮއި ކުރައްވާފައެވެ.